މީހެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލައިގައި މ. އެވަފްރީ، ޒުލްމަހާސިން މުހައްމަދު 10 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ އެ އަމަލު ހިންގިކަމަށް އޭނާ އިއުތިރާފުވުމުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވަކުރީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު މާލޭގެ ގޯޅިއެއްގެ ތެރޭގައި، މ. އަސަލް، އަހުމަދު ޝަމާލު ހުއްޓައި، އޭނާގެ ކަރަށް ފަސް އިންޗީގެ ދިގުމިން ހުރި ވަޅިއަކުން ހަމަލާދިން މައްސަލައިގައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް، ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ.

މި ކުށަށް ގާނޫނޫގައި ކަނޑައަޅާފައިވަ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލައަށް ޒުލްމަހާސިން އިއުތިރާފުވެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.