ފަސް ލައްކައެއްހާ މީހުންގެ އާބާދީ ދިރިއުޅޭ ދިވެހިރާއްޖެއަކީ 1,192 ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ބިމުގެ ސަރަހައްދު ކުޑަކުޑަ މިގައުމުގެ 180 އަށްވުރެ ގިނަ ރަށުގައި މީހުން ދިރިއުޅެއެވެ. ރާއްޖޭގެ ރައްޔިތުން ޒަރޫރީ އެކި ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އެންމެ ބޮޑަށް ބަރޯސާ ވަނީ ކަނޑުމަގަށެވެ. ގައުމުގެ އިގްތިސޯދުގެ މައި ލޭނާރުގެ ގޮތުގައި ބެލެވޭ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްވެސް ބަރޯސާ ވަނީ ކަނޑު ދަތުރުފަތުރަށެވެ. އާންމު ރައްޔިތުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހިދުމަތްދޭ ފެރީ އަދި މުދާ އުފުލާ ދޯނިފަހަރު ރާއްޖޭގައި ގިނަ އަދަދަކަށް ގެންގުޅެއެވެ. ގުދުރަތީ ގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ މުދާ އުފުލާ އަދި އެހެނިހެން ބޭނުންތަކުގައި ދަތުރުކުރާ ބޭރުގެ ބޯޓުފަހަރުވެސް ބޭނުންކުރާ ސަރަހައްދެކެވެ.

އެހެންކަމުން އޮޑިދޯނިފަހަރު އެހެލައި، މަރާމާތު ކުރުމަށް ހާއްސަ ބޯޓުޔާޑުތަކުގެ ހިދުމަތްތަކަކީ ކޮންމެހެން ރާއްޖެއަށް ބޭނުންވާ ވަރަށް އަސާސީ ހިދުމަތްތަކެކެވެ. މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ރާއްޖޭގައި ވަރަށް މަދެވެ.

އެންމެ ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރު އެހެލުމުގެ ހިދުމަތް ރާއްޖޭގައި ދޭ އެއްތަނަކީ ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓުޔާޑެވެ. އެމްޓީސީސީއިން ބޯޓުޔާޑުގެ ހިދުމަތްދޭތާ ވަނީ 40 އަހަރުވެފައެވެ. އޭރު އެމްޓީސީސީ ބޯޓުޔާޑުގައި ދެވޭ ހިދުމަތްތަކުގެ ތެރޭގައި އޮޑި ދޯނި ފަހަރު ބަނުމަށް ލަކުޑީގެ މަސައްކަތް ކުރުމާއި އިންޖީނު އެޅުމާއި މަރާމާތުގެ އެކި ހިދުމަތްތައް ހިމެނެއެވެ. ޒަމާން ބަދަލުވެ އެމްޓީސީސީ ބޯޓުޔާޑުގެ ހިދުމަތްތައް މިހާރު ވަނީ ފެށުނުއިރާ އަޅައިބަލާއިރު ވަރަށް ބޮޑަށް ފުޅާވެ، ބަދަލުވެފައެވެ. މިގޮތުން އެމްޓީސީސީ ބޯޓުޔާޑުން ދޭ ހިދުމަތްތަކުގެ ތެރޭގައި ފައިބަރު، ލަކުޑި އަދި ދަގަނޑު އުޅަނދުފަހަރުގެ ހަލް އަދި މަތިވަޑާމުގެ މަސައްކަތްތައް ހިމެނެއެވެ. މިބޯޓުޔާޑަކީ ވެލްޑިން އަދި މެޓަލް ފެބްރިކޭޝަންގެ އިތުރުން ރާއްޖޭގައި ޔަގީންކަމާއެކު ސެޓެފިކެޓް ލިބި އަންޑަވޯޓާ ވެލްޑިން އަދި ކަޓިންގެ ހިދުމަތްތައް ވެސް ދޭ ތަނެކެވެ. މީގެއިތުރުން ތިލަފުށި ބޯޓުޔާޑުން އޮޑިދޯނިފަހަރުގެ ހުރިހާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މަސައްކަތަކާއި އިންޖީނު މަރާމާތުކުރުމާއި ޝާފޫޓް ހެދުމާއި ތެދުކުރުން އަދި ބުރަފަތި މަރާމާތުކުރުމުގެ ހިދުމަތްވެސް ދެއެވެ.

މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ބޯޓު ޔާޑެވެ. އެއް ފަހަރާ 20 އުޅަނދު އެހެލައިން ހިދުމަތް ދިނުމުގެ ޖާގަ އޮތް އެމްޓީސީސީ ބޯޓުޔާޑަކީ ހަންލައްވައިގެންނާއި، ކެރޭނު ބޭނުންކޮށް އަދި ބޯޓު ހޮއިސްޓް ބޭނުންކޮށްގެން އޮޑިދޯނިފަހަރާއި ލޯންޗް އެހެލުމުގެ ހިދުމަތްތައްދޭ ތަނެވެ. މިބޯޓުޔާޑަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބޯޓު ހޮއިސްޓްގެ ހިދުމަތް ފޯރުކޮށްދޭ ތަނެވެ. 200 ޓަނުގެ ބޯޓު ފަހަރު މިތަނުގައި ހުންނަ ހޮއިސްޓުން ރައްކާތެރިކަމާއިއެކު އެއްގަމަށް އެހެލައި، މޫދަށް ބޭލުމުގެ ހިދުމަތް ދެވެއެވެ. މިއީ ރާއްޖޭ އަދި ރާއްޖެއިން ބޭރުން އަންނަ ކަނޑު އުޅަނދުފަހަރަށް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ބޯޑުޔާޑެވެ.

ތިލަފުށި ބޯޓުޔާޑަކީ އަބަދުވެސް އެތަނުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު، ފަހުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ތަނެކެވެ. މިގޮތުން އެމްޓީސީސީ ބޯޓުޔާޑުގެ ޓީމަކީ ކަމަށް ގާބިލު، ތަމްރީން ލިބިފައިވާ ޓީމެކެވެ.

ތިލަފުށި ބޯޓުޔާޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރު މިވަނީ ހާއްސަ ކެމްޕެއިނެއް ފަށާފައެވެ. "އެހެލުމަށް ލުޔެއް"ގެ ނަމުގައި ތައާރަފުކުރި މިކެންޕޭނަކީ އިގްތިސޯދީ ގޮތުން ހައްސާސީ ދަނޑިވަޅެއްގައި ހެޔޮއަގުގައި ބޯޓުޔާޑުގެ ހިދުމަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ދިނުމަށް ފެށި ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ދަށުން އޮޑިދޯނި އެހެލުމާއި ބޭލުމަށް ނަގާ ފީ އަދި ބިމު ކުލި ވަނީ ކުޑަކޮށްފައެވެ.

އެމްޓީސީސީ ބޯޓުޔާޑުގެ ޑޮކްމާސްޓަރު މުހައްމަދު ސިނާން ވިދާޅުވި ގޮތުގައި އެ ކެމްޕެއިނަކީ ކަސްޓަމަރުންނަށް ހެޔޮ އަގެއްހައި ތިލަފުށި ބޯޓުޔާޑުގެ ހިދުމަތްތައް އިހުތިޔާރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ފެށި ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ދަށުން އެކި ސައިޒުތަކުގެ ބޯޓުތައް އެހެލުމާއި އެހެލާފައި ބާއްވާ ތަނަށް ދައްކަން ޖެހޭ ބިމު ކުލީގެ އަގުތަކަށް ބަދަލުގެނެވިފައިވާކަމަށް ވިދާޅުވިއެވެ. ސިނާން ވިދާޅުވި ގޮތުގައި އެހެލުމަށް ނަގާ ފީ އަދި ބިމުކުލި ކުޑަވުމުން މިކަމުގެ ފައިދާ ހިދުމަތް ހޯދާ ފަރާތްތަތަކަށް ލިބޭތީ، މިހާރު ބޯޓު ޔާޑުގެ ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން ގިނައެވެ.

ޒަމާންތަކެއް ވަންދެން މިފަދަ މުހިންމު ހިދުމަތްތަކެއް ދެމުން އަންނަ މި ބޯޓުޔާޑުގެ ކުރިމަގަށް އެމްޓީސީސީއިން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. މިގޮތުން ކައިރި މުސްތަގުބަލެއްގައި މިއީ ބައިނަލްއަގުވާމީ ޑޮކްޔާޑަކަށް ހެދުމަށް ވަނީ އަޒުމް ކަނޑައަޅާފައެވެ. ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި މިއީ 5000 ޓަނުން މަތީގެ އުޅަނދުފަހަރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެހެލައި މަރާމާތުކުރުމުގެ ހިދުމަތް ދޭ ތަނަކަށް ހެދުމަށް އެމްޓީސީސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޯޓުޔާޑުގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުމަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރަށް ހިދުމަތްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކް ޔާޑެއްގެ ހިދުމަތް ކިތަންމެހާވެސް މުހިންމެވެ. އެމްޓީސީސީ އަކީވެސް ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅުވާލައި، އޮޑި، ދޯނި އަދި ސްޕީޑް ފެރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުންޏެކެވެ.

އެމްޓީސީސީގެ އަމާޒަކީ ބޯޓުޔާޑުގެ ހިދުމަތްދިނުމުގެ ދާއިރާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް ދޭ ހިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ހިދުމަތްތަކަކަށް ހެދުމެވެ. ބޯޓުޔާޑުގެ މުސްތަގުބަލު އުޖާލާ ކުރުމަށް މިހާރު ހުރި ވަސީލަތްތައް އަދިވެސް އިތުރަށް ފުޅާކޮށް، ތަނުގެ އުމްރާނީ ތަރައްގީއާއި، ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މަސައްކަތް ކުރާ ދާއިރާއިން ތަމްރީނުލިބިފައިވާ ގާބިލު ބަޔަކަށް ހެދުމަށް އެމްޓީސީސީން އިސްކަން ދެއެވެ. ރައްޔިތުންގެ ކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ދޭން ޖެހޭ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށެވެ.