ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ ލޮޓީފައިލްސް ކުންފުންޏަށް މައިކްރޮސޮފްޓުން އިންވެސްޓުކޮށްފިއެވެ.

މިއަދު ވަނީ މައިކްރޮސޮފްޓްގެ ވެންޗާ، އެމް12 އިން ލޮޓީފައިލްސްއަށް ނުވަ މިލިއަން ޑޮލަރުގެ ފަންޑު ދިންކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި 500 ސްޓާޓްއަޕްސް އާއި އެޑޯބްގެ ހިއްސާވެސް ހިމެނެއެވެ.

ލޮޓީފައިލްސް ލޯންޗު ކޮށްފައިވަނީ 2018ގައެވެ. ލޮޓީފައިލްސް އަކީ މޯޝަން ގްރެފިކްސް ހަދަން ބޭނުންކުރާ ޕްލެޓްފޯމެކެވެ. މި ކުންފުނި އުފައްދާފައިވަނީ ޝިތިޖު މިންގްލާނީ އާއި ރާއްޖޭގެ ހުނަރުވެރި ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އެވެ.

ލޮޓީފައިލްސް ކުންފުންޏަށް މައިކްރޮސޮފްޓުން އިންވެސްޓް ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ ލޮޓީފައިލްސްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހިންގެ އީޖާދެއް ކަމަށްވާތީ ވަރަށް ބޮޑަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ މަރުހަބާ ދަންނަވައި ޓުވީޓެއް ކުރައްވައިފައެވެ. ހާސިލުކުރެއްވި ކާމިޔާބަށް ފަހުރުވެރިވާ ކަމަށް ދެ ބޭފުޅުންގެ ޓުވީޓުގައިވެސްވެއެވެ.

ދުނިޔޭގެ 65,000 އަށްވުރެ ގިނަ ކުންފުނިން މިހާރު ލޮޓީފައިލްސް ބޭނުންކުރާ އިރު، އެއް މިލިއަނަށްވުރެ ގިނަ މީހުން ލޮޓީފައިލްސް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ގޫގްލް، ޓިކްޓޮކް، ޑިޒްނީ, އޫބާ އަދި ނެޓްފްލިކްސް ހިމެނެއެވެ.