އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދުއަށް ގެންގޮސްފިއެވެ.
އިދިކޮޅުން މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަޝިޕްގެ ތިން ބޭފުޅުން ހައްޔަރުކުރިއެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އަދުރޭގެ އިތުރުން ޝުޖާއުއެވެ.
ޝުޖާއުއާއި އަދުރޭ ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑުއުފުލައި، ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް މިއަދު މެންދުރުފަހުއެވެ. އެ ދެބޭފުޅުން އަތޮޅުވެހީގައި ބޭތިއްބުމަށް ފަހު ދޫނިދުއަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. މިދިޔަ ހޯމަ ދުވަހުވެސް އެ ދެ ބޭފުޅުން ހައްޔަރުކުރިއެވެ. ނަމަވެސް އެ ރޭ ވަނީ ދޫކޮށްލައިފައެވެ.
ޝިޔާމް ހައްޔަރުކުރީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، މިރޭ ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ޝިޔާމް ވަނީ ދޫކޮށްލައިފައެވެ.
އަދުރޭ އާއި ޝުޖާއު ދޫނިދުއަށް ގެންގޮސްފައިވާ އިރު، އެ ދެބޭފުޅުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މާދަމާ ހާޒިރުކުރާނެއެވެ.
އިދިކޮޅުން މިފަހަކަށް އައިސް ދަނީ މަގުމަތީގެ ހަރަކާތްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު