ދަންވަރުގެ ހަމަހިމޭންކަން ދުނިޔެ މައްޗަށް ވެރިވަމުން ދިޔައެވެ. ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭގެ އަޑާއި އިރުއިރުކޮޅާ އިވިލާ ގުގުރީގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދެއެވެ. ނުސިޔާނުކަން އެކުލެވިގެންވި ރޯޅިތަކުގެ ހިލަން ވެސް ވަމުން ދިޔައެވެ.
އެނދުގައި އޮތް ނާލާއަށް ނިދޭ ގޮތެއް ނުވިއެވެ. ދެއަތަށް ފުރޮޅެމުން ގޮސް އޭނާގެ ގައިގައި ވެސް ރިއްސަން ފަށައިފިއެވެ. އެންމެފަހުން ނާލާއަށް އެނދުން ތެދުވެވުނެވެ. އަވަސްއަވަހަށް ތެދުވަން ހަދައިގެން ބޮލަށް އެނބުރުން އަރާ ގޮތް ވެސް ވިއެވެ. އެއާއެކު ނާލާއަށް އެނދުގައި އިށީނދެވުނެވެ. ހަށިގަނޑަށް ހަމަޖެހިލުމުގެ ފުރުސަތު ދިނެވެ. އެއީ މިހާރަކަށް އައިސް އާދައަކަށް ވެއްޖެއެވެ. މީހާ ހުންނަނީ ވަރުބަލިވެފައެވެ. ބޮލަށް އެނބުރުން އަރައިފައެވެ. ނޫނީ ބޮލުގައި ރިއްސައިފައެވެ. ކާހިތެއް ނުވެއެވެ. ހާބަނޑާ ހުރެ ހަށިގަނޑު ރޯނާ ވިޔަސް ފެންފޮދެއްހާ މިންވަރު ވެސް ދިރުވާލާ ހިތެއް ނުވެއެވެ. އެއީ ހަށިގަނޑަށް ދެވޭ އަނިޔާއެއްކަން އެނގޭ ހާލުގައި ވެސް އެކަމަށް ހައްލެއް ގެންނަން ނާލާ ބޭނުމެއް ނުވިއެވެ. ދުނިޔެ މަތިން ވެސް ފޫހިވެފައިވާ ކަހަލައެވެ. އިރުގެ އަލިކަން ދެކޭ ހިސާބަކަށް ވެސް ދާކަށް ބޭނުމެއް ނުވެއެވެ. އަބަދުމެ ކޮޓަރީގެ ހަތަރުފާރުތެރޭގައި އެކަނިމާއެކަނި ވަގުތު ހޭދަކުރަން ލޯބި ކުރެވެން ފަށައިފިއެވެ.
ނާލާގެ އެންމެ ގާތް އެކުވެރިޔަކީ ކަރުނައެވެ. ހިތުގެ އުދާސްކަން ކެތްނުކުރެވޭ ހިސާބަށް ދިއުމުން ހިތަށް ކުޑަމީސް ތަސައްލީއެއް ގެނެސްދެނީ ކަރުނައިގެ އެހީގައެވެ. ރޯލުމުން ހިތަށް ފިނިކަމެއް ލިބެއެވެ. ފުނިޖެހެމުން އައި ހިތުގެ މާޔޫސްކަމަށް ވަގުތީ ހައްލެއް ގެނެސްދެއެވެ. އެކަނިވެރިކަމަށް މިހާރު އޭނާ ވަނީ ދެވިހިފައިފައެވެ. އާއިލާ ގާތުގައި ވާއިރުގައި ވެސް މަދަދުވެރިކަމަށް ބޭނުން ނުވަނީ އެހެންވެއެވެ. އެ ހިތުގެ ވޭނާއި ކެކުޅުންތައް އެއްވެސް މީހަކަށް އިހުސާސް ނުވާނެއޭ ހީވާތީއެވެ. އެހިތުގެ ހާލަތު ބަޔާންކުރުމަކީ ނާލާއަށް ދަތިކަމަކަށް ވެއްޖެއެވެ. ހިމޭންކަން އިހުތިޔާރުކުރެވެނީ އެހެންވެއެވެ.
ލުއި ފިޔަވަޅުތައް އަޅަމުން ގޮސް ބެލްކަނީގެ ދޮރު ކައިރިއަށް ނާލާ ހުއްޓިލިއެވެ. ދޮރުގެ ތަޅުގައި ހިފައި އޭނާ އަނބުރާލިއެވެ. އަދި ދެފަރާތަށް ކެހޭ ގޮތަށް ހުރި ބިއްލޫރި ދޮރު ހުޅުވާލަން އަތަށް ބާރު ލިއެވެ. އެކަމަށް ވެސް ހަށިގަނޑުން ބޮޑު ހަކަތައެއް ދިޔައެވެ. މީހާ ވަރުބަލިވާހާ ވިއެވެ. ފުން ނޭވާތަކެއް ލަމުން ނާލާއަށް މޭގައި ފިރުމާލެވުނެވެ. އޭނާ ހުންނަނީ އަބަދުމެ ވަރުބަލިވެފައެވެ. މަސް ދުވަސް ފާއިތުވެގެން ދިޔަ އިރު ހަށިގަނޑު މުޅިންހެން ނިކަމެތި ވެއްޖެއެވެ. ރީތިކަން ގެއްލިއްޖެއެވެ.
ހުޅުވިގެން ދިޔަ ދޮރުގެ ތެރޭން ރޯޅިތައް ކޮޓަރިއަށް ވަދެގަތެވެ. ނާލާގެ އިސްތަށިގަނޑާ ވެސް ސަމާސާކޮށްލިއެވެ. ކުރިން ވަރުގަދަކޮށް އޮތްނަ ބުޅި އިސްތަށިގަނޑުން ވެސް ދިހުން ގެއްލިއްޖެއެވެ. ލޯލިއަށް ވެއްޖެއެވެ.
ތެތްފިނިކަން އެކުލެވިގެންވި ރޯޅިތަކުން ހަށިގަނޑަށް ފިނިވެގެން ދިއުމާއެކު ދެއަތް ގެނެސް ހަށިގަނޑު ވަށައިލެވުނެވެ. އޭރު ހިމަފޮދު ވާރޭގެ ލުއި މިޔުޒިކީ އަޑު ކަންފަތާ ކުޅެލިއެވެ. ހިޔާލުތަކުން ފުނިޖެހިފައި އޮތް ސިކުނޑިއަށް ކުޑަމީސް ލުޔެއް ލިބުނެވެ.
ނާލާ ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގައި ދިއްލާފައި އޮތް އޮރެންޖް ކުލައިގެ ބޮކީގެ ފަނޑު އަލިކަން މާހައުލަށް ފެތުރިފައި އޮތެވެ. ބެލްކަނީގައި ހުރި ފިނިފެންމަލާއި ލިލީ އަދި ހުވަނދުމާ ގަސްގަތުގައި ވަނީ ވާރޭގެ އަސަރެވެ. ސަރަންފީ ގޮނޑީގައި ވެސް މެއެވެ. އެއިން ކަމަކަށް ސަމާލުކަން ދިނުމެއް ނެތި ނާލާ ގޮސް ރެއިލިންގް ކައިރިއަށް ހުއްޓިލިއެވެ.
ރޯޅިތަކާއެކު އަންނަމުން ދިޔަ ވާރޭގެ ހަމަލާތަކުން އަމިއްލަ ނަފުސު ދިފާއުކުރުމުގެ ވިސްނުމެއް ނާލާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ބޭނުންވީ އޭނާގެ ނަފުސު ހަމަހިމޭންކަން ވެރިވެފައި އޮތް ދުނިޔޭގެ ތެރެއަށް ދޫކޮށްލުމަށެވެ. އޭރުން އެހިތަށް ރާހަތެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ރޭގަނޑުގެ ނިދީގެ ތެރެއަށް ފީނަމުން ދިޔަ ކޮންމެ ނަފުސަކާ މެދު ނާލާގެ ހިތުގައި އުފެދިފައިވަނީ ހަސަދަވެރިކަމެވެ.
ރުހައިމްއާއި ވަކިވީއްސުރެ ނާލާއަށް ހަމަ ނިދި ނުލިބެއެވެ. ނާލާގެ ދެލޮލާ ނިދި ވަނީ ރުޅިވެފައެވެ. ރުހައިމްގެ ހަނދާންތަކުން ނާލާގެ ހިތަށް ވޭން ލިބެނީ ވެސް ދަންވަރަށެވެ. ރުހައިމް ނެތްކަމުގެ ހުސްކަމާއި ފަޅުކަން ޒަހަރަކަށް ވެއްޖެއެވެ. ހާލަތު ބަދަލުކުރަން ކަންތައް ކުރަންވީ ގޮތެއް ވެސް ނާލާއަކަށް ނޭނގެއެވެ. ވަގުތު ވަނީ ހުއްޓިފައެވެ.
ލަސްލަހުން ނާލާއަށް އެސްފިޔަތައް މަރާލެވުނެވެ. އެހިނދު އޭނާގެ ކަންފަތް ދޮށުގައި މީހަކު ގޮވާލިހެން ހީވިއެވެ. ބޭޤަރާރުކަން އެކުލެވިގެންވި މޫނާއެކު ނާލާއަށް ވަށައިގެން ހޯދައިލެވުނެވެ. ހިނދުކޮޅެއްގެ ތެރޭގައި މާޔޫސްކަން ހިތަށް ވެރިވިއެވެ. ފަސޭހަވުމެއް ނެތް ހިތުގެ ޒަހަމްތަކުން ލޭހިލެން ފެށިއެވެ. އޭގެ ވޭން މޭގެ ތެރެއަށް ފޭދެން ވެސް ފެށިއެވެ.
ކުއްލިޔަކަށް ނާލާއަށް އޭނާގެ ނަފުސު ދެކެ ރުޅި އާދެވުނެވެ. ހަގީގަތް އެނގޭއިރުގައި ވެސް ރުހައިމްގެ ލޯތްބަށް އެހިތް އެދޭތީއެވެ. ފަޅުކަން އިހުސާސްކުރެވޭތީއެވެ. ބޭޤަރާރުކަން ހިތުގައިވާތީއެވެ. އެ އިހުސާސްތަކާ ދުރުވާން ނާލާ ބޭނުންވިއެވެ. ރުހައިމްގެ ބޭވަފާތެރިކަން ހަނދާންކުރަން ބޭނުންވިއެވެ. ރުޅި އަންނަން ވެސް ބޭނުންވިއެވެ. ނަމަވެސް އެހިތުގައިވާ އިހުސާސްތަކުން ކޮންމެ ފަހަރަކު އޭނާ ބަލިކަށިކޮށްލައެވެ. އަމިއްލަ އިހުތިޔާރެއް ނެތްކަން ހަނދުމަކޮށްދީ މީހާގެ ނިކަމެތިކަން ވެސް ހަނދާންކޮށްދެއެވެ. އެއިން ކޮންމެ ފަހަރަކު ނާލާއަށް ރޮވެއެވެ. އަމިއްލަ ނަފުސު ދެކެ ރުޅި އާދެވެއެވެ. ހިތުގެ އިހުސާސްތައް ބަދަލުނުކުރެވޭތީއެވެ.
''ކީއްވެގެންތަ މިހެން މިވީ؟...'' ތަޤުދީރުގެ ނިޔާއާ މެދު ނާލާއަށް ޝަކުވާ ކުރެވުނެވެ. ދަންވަރުގެ ހިމޭންކަމާއި ފަޅުކަން ވެރިވެފައި އޮތް މާލޭގެ މަލަމައްޗަށް ބަލަހައްޓައިގެން ނާލާ އެތައް އިރެއް ވަންދެން ހުއްޓެވެ. އޭރު އެ ދެލޮލުގައި ނާއުއްމީދުގެ ކަރުނަތައް ބަބުޅަމުން ދިޔައެވެ.
*****
ހެނދުނަށް އަލިވިލިގެން އައިއިރު ނާލާގެ ޚަބަރެއް ބަލައިލަން ނަދީމާ އައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ. ޚަބަރެއް ނުވުމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. އެވަގުތަކީ ބިލާލް އޭނާއަށް ގޮވާލި ވަގުތެވެ.
''ނިދަން ކަން ނޭނގޭ އޮތީ، އުނދަގޫ ނުކޮށް ބާއްވާ...'' އަތުގައި އޮތް ކޮފީ މަގުން ކޯވަރެއް ބޯލަމުން ބިލާލް ގޮސް އިށީނީ ސޯފާގައެވެ. ޓީވީ ހުޅުވާލަމުން އިނގިރޭސި ޚަބަރު ޗެނެލެއް ޖައްސާލިއެވެ.
ނާލާގެ ކޮޓަރީގެ ދޮރަށް ބަލާލި ނަދީމާއަށް ފުން ނެވާއެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނާ ގޮސް ބިލާލްގެ ގާތުގައި ސޯފާގައި އިށީނެވެ. ހިތުގެ ކަންބޮޑުވުމާއި ޝަކުވާތައް ބަންޑުންކޮށްލަން ބޭނުންވެފައެވެ.
''ބިލާލް، އަހަރެން މިހާރު ބިރުގަންނަން ފަށައިފި...'' އުދާސީ ނޭވާއެއް ނަދީމާ ދޫކޮށްލިއެވެ. ވާހަކައިގެ ސީރިޔަސްކަން ބިލާލްއަށް އަނގައިދިނުމަށެވެ. ''ނާލާއަށް އެއްވެސް ބަދަލެއް ނާދޭ، އެގޮތަށް ދަންޏާ ނާލާއަށް ކަމެއް ދިމާވެދާނެތީ އަހަރެން ހާދަ ބިރެއް ގަނެޔޭ، މިހާރުގެ ނާލާއެއް ނޫން އެއީ، އެންމެފަހުން ބަރުދަން ބެލި އިރުގައި ދިހަ ކިލޯ ލުއިވެއްޖެ، ގަދަކަމުން ކާންދޭން މިޖެހެނީ، އަބަދު ކޮޓަރީގައި، ދުވަހުގެ ބޮޑުބައި ނިދުމުގައި... އަހަރެން އެކަމާ ވިސްނާވިސްނާ ބޯފަޅައިގެން ދާން ކައިރިވެއްޖެ، އިހަށް ދުވަހު ޝައިހާ އައިސް ވެސް ނާލާ ބޭރަށް ގެންދަން އުޅުނު، އެކަމަކު ހަމަހިލާ އެއްބަހެއް ނުވި، އެންމެ ކުޑަމިނުން ކޮޓަރިން ވެސް ނުނިކުތް، އެ މަންޖެއަށް ޖެހުނީ އާދޭސްކޮށްކޮށްފަ ގެއަށް ދާން، ވަޒީފާއިން ކެނޑުނުކަން ވެސް އަހަންނަށް އެނގުނީ އިހަށް ދުވަހު...''
އަނބިމީހާގެ ހިތުގެ އުދާސްތައް ބިލާލްއަށް އިހުސާސްކުރެވުނެވެ. ނާލާގެ ހާލަތާ މެދު އެ ހިތުގައި ވެސް ކަންބޮޑުވުންތައް ވިއެވެ. މިހުރިހާ ދުވަހު ކެތްކޮށްގެން ހުރީ ނާލާއަށް ވަގުތު ދިނުމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ނާލާގެ ހާލަތު ދަނީ ގޯސްވަމުންނެވެ.
ހަށިފުރާ ފުން ނޭވާއެއް ބިލާލަށް ދޫކޮށްލެވުނެވެ.
''އަހަންނަށް ފެންނަނީ ސައިކޭޓްރިސްޓަކަށް ދައްކަން، ރުހައިމްގެ ބޭވަފާތެރިކަމުން ނާލާ ޑިޕްރެޝަންއަށް ގޮސްދާނެތީ ވަރަށް ބިރުގަނޭ، ނޭނގުމެއްގެ ތެރޭގައި ވިޔަސް ވެދިޔަ ކަންތަކަށް ނާލާ އަމިއްލަ ނަފުސު ކުށްވެރިކުރަން ފަށައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެ، އަހަރުމެންނަށް ނާލާއަށް ވަގުތު ދެވިއްޖެ، އެކަމަކު ހާލަތު ބަދަލުކުރަން ނާލާ އެއްވެސް މަސައްކަތެއް ނުކުރޭ... އަބަދު ހިތާމަކުރުމުގައި...'' ނަދީމާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ދަރިފުޅު ބަލިކަށިވެގެންދާ މަންޒަރު ގާތުން ދެކެން ޖެހިފައިވުމުން ނަދީމާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު ނާލާގެ ހަށިގަނޑު ނިކަމެތިވެގެންދާތަން ބަލަން ވަނީ މަޖުބޫރުވެފައެވެ. މީހާ ހިކި އަނަރޫފަވެ ކަށްޓަށް ވެއްޖެއެވެ. ކުރީގެ ރީތިކަން ވެސް ގެއްލި މީހުން ބިރުގަންނަ ހިސާބަށް ގޮސްފިއެވެ. ހުދު ނަދީމާ ވެސް ނުތަނަވަސްވެއެވެ. ނާލާގެ ގައިގައި ހިފާލެވޭ ގޮތުކުން އަނިޔާއެއް ވެދާނެތީ ބިރުގަނެއެވެ. އެހާ ވެސް ނާޒުކެވެ.
''އެންމެ ރަނގަޅު... އަހަރެން ބަލާނަން... ވީހާ ވެސް އަވަހަށް ރަނގަޅު ތެރަޕިސްޓަކު ލިބޭތޯ ބަލާނަން...'' ނަފުސާނީ މާހިރެއްގެ އެހީ ދަރިފުޅަށް ބޭނުންޖެހިފައިވާކަން ޚުދު ބިލާލް ވެސް ގަބޫލުކުރެއެވެ. މިހުރިހާ ދުވަހު އެކަމާ ކުރިމަތިލާން ހުރީ ބޭނުންނުވެފައެވެ. ނަފުސާނީ ބަލީގެ ޝިކާރައަކަށް ދަރިފުޅު ވެދާނެކަން ގަބޫލުކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ލޯކުރިމަތިން ނިއުޅެމުން އެދާ ބިރުވެރި ސަފުހާތަކުން އެވަނީ ހަގީގަތާ ކުރިމަތިލާން ޖެހިފައެވެ.
ބިލާލްގެ ޖަވާބުން ނަދީމާގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ނަމަވެސް ހިތް ނުތަނަވަސްވީ ނާލާ އިންކާރުކޮށްފާނެތީއެވެ. އެކަންތައް ބޮޑުވެ ރުޅިވެސް އައިސް ދާނެތީއެވެ.
''އެކަމަކު ނާލާ އިންކާރުކޮށްފިއްޔާ ކިހިނެއް ހަދާނީ؟...'' މާޔޫސްކަމާއެކު ނަދީމާ އެހިއެވެ.
''އަހަރެން ނާލާއާ ވާހަކަދައްކާނަން...'' ނަދީމާއަށް ބަލައިލަމުން ބިލާލް ބުންޏެވެ. ބޭނުމަކަށްވީ ނަދީމާގެ ހިތަށް އުއްމީދެއް ގެނެސްދިނުމެވެ.
''އެ ފިރިހެނާގެ ސަބަބުން އަހަރުމެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން ބަރުބާދުވެއްޖެ، ނާލާ އެހާލުގައި އުޅޭއިރު އޭނާ ހުންނަނީ އުފަލުގައިކަން ޔަގީން، ހުރިހާ ހިތްދަތިކަމެއް ނާލާއަށް، އެއީ ކޮންކަހަލަ އިންސާފެއްތަ؟... އޭނާއަށް މިއަށްވުރެ ހިތްދަތި ދުވަހެއް ދެކެން ޖެހިއްޖެއްޔާ ރަނގަޅީ... އަހަރެންގެ ހިތް ދުވަހަކު އޭނާގެ މައްޗަށް ހެވެއްނުވާނެ، ނާލާ އުފުލާއި ހިތާމަތަކުގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ އޭނާ، އެ ނުލަފާ މީހާ ނާލާގެ ދިރިއުޅުން ނަގާލައިފި...'' ހިތުގެ އުދާސްތައް ރުހައިމްއަށް އަމާޒުކޮށްލަމުން ނަދީމާ ބުނެލިއެވެ. ކަންބޮޑުވާ ވަގުތުތަކުގައި ހުރިހާ ކަމެއްގެ ޒިންމާ ރުހައިމްގެ ބޮލުގައި އަޅުވައި ރުޅިވެރިކަން އަމާޒުކުރުމުން ހަމަޖެހުން ލިބޭތީއެވެ.
''ލުޔޫންގެ ހަބަރެއް ފަހުންވިތަ؟...'' ވާހަކައިގެ މައުޟޫއު ބަދަލުކޮށްލަން ބިލާލް ބުނެލިއެވެ. ރުހައިމްގެ ވާހަކަދައްކައިގެން ގޭތެރޭގެ މަސްލަހަތު އިތުރަށް ހަރާބުކުރަން ބޭނުމެއް ނުވިއެވެ. ރުހައިމް އެއީ ނިމިފައި އޮތް ބާބަކަށް ވާތީއެވެ.
'އާނ... ބުނި އަންނަ ހަފްތާގެ ޗުއްޓީ ލިބޭ ވާހަކަ، މިހާރު ވެސް މާލެ ނާދެވިގެން އުޅެނީ، ނާލާގެ ހާލަތު އެނގިފައި ވަރަށް ދެރަވެފައި ހުރީ، އަވަހަށް އަންނަން ބޭނުން ވިޔަސް އިމްތިހާނު ދުވަސްވަރު ވީމަ ކިހިނެއް އަންނާނީ ވެސް، ލުޔޫން އައުމުން ފަހަރެއްގައި ނާލާއަށް ހެޔޮ ބަދަލެއް އައިސްދާނެހެން ހީވަނީ، ކޮއްކޮ ވީމަ އަހަރުމެންނާ ހިއްސާކުރަން އުނދަގޫ ވާހަކަތައް ލުޔޫންއާ ހިއްސާކުރަން ނާލާއަށް ފަސޭހަ ވެސް ވާނެތާ...'' ނަދީމާގެ ހިތުގައި އުއްމީދެއްވިއެވެ.
ނާލާއާއި ލުޔޫންގެ ދެމެދުގައި ވަނީ ދެ އަހަރުގެ ތަފާތެކެވެ. ބޮޑުވަމުން އައިއިރުއްސުރެ ފެށިގެން ނާލާގެ އެންމެ ގާތް އެކުވެރިޔަކީ ލުޔޫންއެވެ. ހުރިހާ ސިއްރުތަކެއްގެ ހިއްސާދާރަކީ ވެސް ލުޔޫންއެވެ. ނާލާގެ މިޒާޖު އެންމެ ބޮޑަށް ދަސްވެފައި ހުރީ ވެސް ލުޔޫން އަށެވެ. ބަސްމޮށުންތެރިކަމާ ނުލައި ވެސް ނާލާގެ ހިމޭންކަމުގެ ފަހަތުގައިވާ ސަބަބުތައް ލުޔޫން ހޯދައިގަނެއެވެ. ކޮއްކޮއާއި ދައްތައަށް ވުރެ ވެސް އެދެމެދުގައި އޮތް ގުޅުން ފުރިހަމައެވެ. ޝައިހާއާއި ނާލާގެ އެކުވެރިކަން ބަދަހިވެގެން އައީ މާ ފަހުންނެވެ.
''ކީއްވެގެންތަ ނާލާއަށް އެފަދަ ގޮތެއް މެދުވެރިވީ؟...'' އަބަދު ނަދީމާގެ ހިތުގައި އޮތް ޝަކުވާ ބޭރުކޮށްލެވުނެވެ.
''ކިތައް ދުވަހުތަ ބުނާނީ ތިހެން ވާހަކަ ނުދައްކާށޭ... އެއީ ﷲ މިންވަރުކޮށްދެއްވި ގޮތް، އަހަރުމެންނަށް އޮތީ ކެތްތެރިވުން، ނާލާ ވެސް ޖެހޭނެ ކެތްތެރިވާން، އިރާދަކުރެއްވިއްޔާ މިއަށްވުރެ ފަހި ދުވަހެއް ވެސް ފެންނާނެ، ﷲގެ ރަހުމަތުން ހިނދުކޮޅަކަށް ވެސް އުއްމީދުކަނޑާލައިގެން ނުވާނެ، ދަތި ވަގުތަކުގައި ގިނަގިނައިން އެކަލާނގެއަށް ދުއާ ދެންނެވުން އޮތީ، ޒިކުރުކުރުން އޮތީ، ކެތްތެރިކަން ދެއްވުމަށް ދުއާކުރުން އޮތީ... އޭރުން ހިތަށް ރޫހާނީ ފިނިކަން ލިބޭނީ، ހިތާމައާ ކުރިމަތިލާން ހިތްވަރު ލިބޭނީ... ނަދީމާ... ދެން މީގެ ފަހުން ތިކަހަލަ ވާހަކައެއް ނުދައްކާތި، އަމުދުން މިގޭ ތެރޭގައި ރުހައިމްގެ ވާހަކަ ދެކެވިގެން ނުވާނެ...'' ބިލާލް ވިސްނައިދިނެވެ.
*****
ފާއިތުވާ ކޮންމެ ދުވަހަކާއެކު ނާލާ ދިޔައީ ބަލިކަށިވަމުންނެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. ރޭގަނޑު އޭނާއަކަށް ނުނިދެއެވެ. އެކަމުގެ ވަރުބަލިކަން އަބަދުމެ އިހުސާސް ކުރެވެއެވެ. ދުވާލުގެ ބޮޑުބައި ހޭދަކުރެވެނީ ނިދުމުގައެވެ. ކިތަންމެ ވަރަކަށް ނިދިޔަސް ހަށިގަނޑުގެ ވަރުބަލިކަމެއް ނުފިލައެވެ. އެންމެފަހުން މޭނުބައިކުރަން ވެސް ފެށިއެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވެސް ވާން ފެށިއެވެ. އޯކަށް ދެމެން ފެށިއެވެ. ކުއްލިޔަކަށް އެބަދަލުތައް ފާހަގަކުރެވެން ފެށުމުން ނާލާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. މީހާ ބިރުގަންނަން ފެށިއެވެ. ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުގެ ހަގީގަތް އެނގެން ބޭނުންވިއެވެ. ނަމަވެސް އެއްވެސް މީހަކާ އެވާހަކަތައް ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. ހިތަށް ވެރިވާ ހިޔާލުތަކުގެ ސަބަބުންނެވެ. ހިތުގެ ވަހުމުތައް ހަގީގަތަކަށް ވެދާނެތީ މީހާ ނުތަނަވަސްވާން ވެސް ފެށިއެވެ.
މިއަދު މާބޮޑަށް ނާލާއަށް އުނދަގޫތައް އިހުސާސްވަމުން ދިޔަ ދުވަހެކެވެ. އޯކަށް ދެމޭތީ ފެންފޮދެއް ވެސް ދިރުވާނުލައި އޮތީއެވެ. ފިކުރުތަކުން އޭރު މީހާ ކައި ހުސްކުރަމުން ދިޔައެވެ. ބަނާތުގެ ދަށުގައި ވިސްނާވިސްނާ އޮތީ ހިތް ބިރުގެންފައެވެ.
*****
ހަވީރުގެ ވަގުތެވެ. މެންދުރު ވެސް ނާލާ ނުކާތީ ސައި ތައްޔަރުކޮށްލައިގެން ނަދީމާ ދިޔައީ ކޮޓަރިއަށެވެ. ނަސީބަކުން ހުރީ ތަޅު ނުލައެވެ. އޭނާ ކޮޓަރިއަށް ވަން އިރު އޮތީ އާދައިގެ މަތިން ހިމޭންކަމެވެ. އަނދިރިކަމެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ކޮޓަރީގެ ބޮކިތައް ނަދީމާ ދިއްލާލިއެވެ.
ބޮކީގެ އަލިން ކޮޓަރި ހުޅުދާންވުމާއެކު ނަދީމާއަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. އަތުގައި އުފެދިގެން ދިޔަ ތުރުތުރުލުމާއެކު އޭނާގެ އަތުގައި އޮތް ތަބަށް ވެސް އަތުން ދޫވެއްޖެއެވެ. ތަބަކުގައި ހުރި ތަށިތައް ބިމުގައި ޖެހި ފުނޑުފުނޑުވެގެން ދިޔަ ދަނޑިވަޅުގައި ނަދީމާގެ ހަޅޭކުގެ އަޑު ވެސް ގުގުމާލައިފިއެވެ.
''ނާލާ...'' ހަރުއަޑުން ނަދީމާއަށް ގޮވާލެވުނެވެ. އޭނާއަށް ދުއްވައިގަނެވުނީ ނާލާ ގާތަށް ދިއުމަށެވެ. ފާހަނާ ދޮރު މައްޗަށް ނާލާ އޮތީ ދެމިފައެވެ. ޓައިލްސްގެ އިތުރުން ނާލާ ލައިގެން ހުރި ހެދުމުގައި ހުރި ހޮޑުގެ އަސަރެވެ. މީހާ އޮތީ މޫނު ވަތަށް ވެއްޓިފައެވެ. ހަރަކާތެއް ވެސް ނެތެވެ.
''ބިލާލް!!!...'' އަޑުގެ ކޮޅަށް ނަދީމާ ގޮވާލިއެވެ. އޭރު ދުވެފައި ގޮސް ނާލާގެ ގާތަށް ނަދީމާއަށް ތިރިވެވެނީއެވެ. ބިރުން ގޮސް ނަދީމާގެ އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ. އުއްޑުން ޖަހަމުން ނާލާގެ މޫނަށް ނަދީމާއަށް ބަލައިލެވުނެވެ. އޭރު ނާލާގެ ނިއްކުރި ވަނީ ނޫފައިފެންފައެވެ. ނޭފަތުގައި ވެސް ލޭގެ އަސަރުތައް ވިއެވެ. ނަދީމާއަށް ބާރުބާރަށް ރޮވުނީއެވެ. އޭނާއަށް ނާލާގެ މޫނުގައި ފިރުމާލެވުނެވެ. އާދަޔާ ހިލާފަށް ނާލާގެ ހަށިގަނޑު ފިނިވެފައިވާކަން އިހުސާސްކުރެވި ނަދީމާ ވަކިން ބޮޑަށް ބިރުގަތެވެ. ނާލާގެ ނޭވާގައި ވެސް ބުރަހެލިކަން އެކުލެވިގެންވާކަން އިހުސާސްކުރެވުނެވެ.
ފަރުވާތެރިކަމާއެކު ނާލާގެ ބޮލުގައި ހިފާ އުފުއްލާލަމުން ގެނެސް އޭނާގެ އުނގު ތެރެއަށް ނަދީމާ ލިއެވެ. އަދި ނާލާގެ ފިނިފިނި އަތްތިލައިގައި ހިފާލަމުން ގޮވަން ފެށިއެވެ. ނަމަވެސް ނާލާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ.
''ބިލާލް...'' ނަދީމާގެ އަޑަށް ކޮޓަރިއަށް ވަން ބިލާލްއަށް ނަދީމާ ބަލައިލީ ރޮވިފައިވާ ހާލުގައެވެ. އެއަށްފަހު އުނގުތެރޭގައި ހަރަކާތް ކެނޑިފައި އޮތް ނާލާއަށް ނަޒަރު ހިންގާލީ ބިރުވެރިކަމާއި ނުތަނަވަސްކަމާއެކުގައެވެ.
ބިލާލްއަށް ވެސް ލިބުނީ ހާސްކަމެވެ. ނާލާގެ ގާތަށް ގޮސް ތިރިވަމުން، އަތްދަނޑިމައްޗަށް ނާލާ އުފުއްލާލިއެވެ. ހީވި ލުއި ފަތެއް އުފުއްލާލެވުނުހެންނެވެ. ހައިރާންކަން ވެސް ބިލާލްއަށް ލިބުނެވެ. ހިތަށް އުނދަގޫ ވެސް ވިއެވެ. ނާލާ ގެންގޮސް އެނދުގައި ބާއްވަމުން ނަދީމާއަށް ބަލައިލަމުން އެދުނީ ފެންތަށްޓެއް ގެނެސްދިނުމަށެވެ. އެވަގުތުކޮޅުގައި އެމްބިއުލާންސަށް ވެސް ބިލާލް ގުޅައިފިއެވެ. ދެވޭނެ ވަކި ފަރުވާއެއް ނޭނގޭތީއެވެ. ހާސްވެ ފިކުރުވެސް ބޮޑުވާން ފެށިއެވެ.
މޫނުގައި ފެން ލައިގެން ވެސް ނާލާއަށް ބަދަލެއް ނައެވެ. އޭރު ނާލާގެ އަތުގައި ހިފަހައްޓައިގެން ނަދީމާ އިނެވެ. އަނެއް އަތުގައި އޮތް ތެތް ފޮތިކޮޅުން ނާލާނެ މޫނުގައި ހޭކިފައި ހުރި ހޮޑާއި ނޭފަތުން އަންނަމުން ދިޔަ ލޭވެސް ފޮހެލިއެވެ.
*****
އެންމެފަހުން ޖެހުނީ ނާލާ ހޮސްޕިޓަލަށް ގެންދާށެވެ. އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ނަދީމާގެ ލޮލުން ކަރުނައެއް ނުހިކެއެވެ. އިރުއިރުކޮޅާ ބިލާލްއަށް ޖެހެނީ ނަދީމާ ހަމައަކަށް އަޅުވަން މަސައްކަތްކުރާށެވެ. ބަލި އެނދުގައި އޮތް ދަރިފުޅު ފެނި ހިތަށް އިތުރު ވޭނަކަށް ވިއެވެ. އެ އާއިލާއަށް ކުރިމަތިވެފައިވާ އަނދިރި ދުވަސްތަކަށް ނިމުމެއް ނެތް ފަދައެވެ.
އަވަސްފަރުވާދޭ ބަޔަށް ގެންދެވި ނާލާއަށް ފަރުވާ ދޭން ފެށުނެވެ. އޭރު ޑިއުޓީގައި ހުރި ޝައިހާއަށް ހަބަރުވެގެން އައިސްފިއެވެ. ޑޮކްޓަރުގެ ބަހެއް ލިބެންދެން ކެތްތެރިކަމާއެކު ބިލާލްގެ ދެމަފިރިން އިންތިޒާރުގައި ތިއްބެވެ. ގާތުން ނާލާގެ ހާލަތު ބަލަން ބޭނުންވާތީ ނާލާގެ ގާތުގައި ޝައިހާ ހުއްޓެވެ. އެކުވެރިޔާގެ ހާލަތު ފެނި ޝައިހާގެ ހިތަށް ވެސް އުނދަގޫ ވިއެވެ.
ޓެސްޓުތައް ހެދުމަށާއި ހާލަތު ގާތުން ބެލުމަށް ނާލާ އެޑްމިޓް ކުރެވުނެވެ. ޑޮކްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަޑިއަޅާލާފައިވި ނާލާގެ ސިއްހީ ހާލަތެވެ. ކަންބޮޑުވާންޖެހޭ އެތައްކަމެއް ފާހަގަކުރެވެން ފެށުމުން އެކަންތަކަށް ވެސް އަލި އަޅުވާލިއެވެ. ވަކި އެއްޗެއް ބުނަން އެނގޭނީ ނާލާ ހޭއެރުމުންނާއި ޓެސްޓުތަކުގެ ނަތީޖާތައް ލިބުމުން ކަމަށް ޑޮކްޓަރު ބުންޏެވެ.
*****
ނާލާގެ އަތުގައި ހިފަހައްޓައިގެން ނަދީމާ އިނެވެ. އޭރު ނާލާއަށް އޮތީ ނިދިފައެވެ. ފުރަތަމަ ފަހަރަށް ނާލާގެ މޫނުމަތިން ހަމަޖެހުން ފެންނަމުންދާކަން އިހުސާސްކުރެވި ނަދީމާގެ ހިތަށް ތަދުވެލިއެވެ. އޯގާތެރިކަމާއެކު ނާލާގެ މޫނުގައި ފިރުމާލެވުނެވެ. އޭރު ނަދީމާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. ދަރިފުޅުގެ ހާލަތާ މެދު ފިކުރުބޮޑުވެގެން ގޮސް ނަދީމާއަށް ރޮވުން ނޫންކަމެއް ނުވެއެވެ.
''ދަރިފުޅާ...'' ކުރެހިފައިވާ އަޑަކުން ނަދީމާއަށް ގޮވާލެވުނެވެ. އެވަގުތު ނާލާގެ އިނގިލިތައް ވަރުދެރަކަމާއެކު ހަރަކާތްކޮށްލިހެން ނަދީމާއަށް ހީވިއެވެ. އަވަސްއަވަހަށް އޭނާ ނާލާއަށް ގޮވާލިއެވެ. ބަލި ގޮތަކަށް ނާލާ އެސްފިޔަތައް ހުޅުވާލީ އެ ދަނޑިވަޅުގައެވެ. ބޮލަށް އެނބުރުން އަރާފައިވުމުން މަންޒަރުތައް އޭނާއަށް ފެނުނީ ފުސްކޮށެވެ. ކޮޓަރީގައިވި ގަދަ އަލިން ވެސް އިތުރަށް އެނބުރުން އަރާ ގޮތްވެ އިރުކޮޅަކަށް ދެލޯ މަރާލެވުނެވެ.
''ދަރިފުޅާ...'' މަންމަގެ އަޑު ޖެހުމުން ނާލާއަށް ލުޔެއް ލިބުނެވެ. ހިތްވަރުކޮށްލަމުން ލޯހުޅުވައި ވަށައިގެން އޮތް މާހައުލަށް ސަމާލުކަން ދެވުނެވެ. ވަގުތުން ނާލާއަށް ދެނެގަނެވުނެވެ. އޮވެވުނީ ހޮސްޕިޓަލުގެ ޕްރައިވެޓް ވޯޑެއްގައި ކަމެވެ. އޭނާ އެތަނަށް އައި ގޮތަކާ މެދު ވިސްނާލެވުނެވެ. ހޭނެތުނު ހާދިސާ މަތިން ނާލާ ހަނދާންވީ ދެނެވެ. މޭނުބައިކޮށްގެން ފާހާނާއަށް ވަންނަން ދަނިކޮށް މޫނުމައްޗަށް އަނދިރިއަރައި އަރިއަޅާލީއެވެ. އެއަށްފަހު ވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ.
''މަންމާ...'' ވަރުބަލި އަޑަކުން ނާލާއަށް ގޮވާލެވުނެވެ.
''ލައްބަ ދަރިފުޅާ...'' ކަރުނަތައް ފޮހެލަމުން ނަދީމާ ބުނެލިއެވެ. އަދި ނާލާއަށް ސަމާލުކަން ހުއްޓާލިއެވެ.
ހިމޭންކަމާއެކު ވަގުތު ފާއިތުވާން ފެށިއެވެ. އިތުރަށް ނާލާ އަނގަޔަކުން ނުބުންޏެވެ. އޮތީ ހިޔާލަކަށް ގެއްލިފައެވެ.
ޑޮކްޓަރު އައިސް ވަނީ އެވަގުތުއެވެ. އޯގާތެރި ހިނިތުންވުމެއް ނާލާއާ ބައްދަލުކޮށްލިއެވެ. ހޮސްޕިޓަލުން ދިމާވެފައި ހުރުމުން ދެނެފަރިތަކަން އޮތެވެ. ނަމަވެސް ނާލާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އެންމެ ކުޑަ މިނުން ހަތަރުކަޅި ހަމަކޮށްލުމެއް ވެސް ނެތެވެ.
ޑޮކްޓަރު އައިސް ނާލާއާ ސުވާލުތައް ކުރަން ފެށިއެވެ. ސުވާލުތައް ކުރަން ފެށީ ނާލާގެ ހާލަތު އިތުރަށް ނެދެގަތުމަށެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބެން ވެސް ވަގުތު އޮތީމައެވެ. ޑޮކްޓަރުގެ ސުވާލުތަކުން ނާލާއަށް އިތުރަށް އުނދަގޫވާން ފެށިއެވެ. މަންމަ އިނުމުން ވަކިން ބޮޑަށް ހިތް ނުތަނަވަސްވާން ފެށިއެވެ. ސުވާލުތަކަށް ޖަވާބު ދިނުމެއް ނެތި ނާލާ އިހުތިޔާރުކުރީ ހިމޭންކަމެވެ. އެންމެފަހުން ޑޮކްޓަރު ނިކުމެގެން ދިޔައީ އިތުރު ޓެސްޓުތަކެއް ހަދަން ބޭނުންވާކަން ހާމަކޮށްފައެވެ. އެއާއެކު ނާލާގެ ހިތް އިތުރަށް ހާސްވިއެވެ. ނޭވާކުރުވެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ.
ހިތުގައި ސުވާލު އުފެދުނުކަމުގައި ވިޔަސް ނަދީމާ އިނީ ހިމޭންވެފައެވެ. ޑޮކްޓަރުގެ ސުވާލުތަކުން އޭނާގެ ހިތުގައި ނުތަނަވަސްކަން އުފައްދާލިއެވެ. ނާލާގެ މޫނަށް އޭނާ ބަލައިލީ ބިރެއް ފެނިފައިވާ ފަދައަކުންނެވެ. ނާލާގެ މޫނުގެ ކުލަވަރުތަކުން ނަދީމާއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ހިތްވެސް އަވަސްވާން ފެށިއެވެ.
''ނޫން... އެހެނެއް ނުވާނެ...'' ނަދީމާ އޭނާގެ ހިތަށް ވިސްނައިދޭން ފެށިއެވެ. ކުރިން އޭނާގެ ހިތުގައި އެއުއްމީދު ވިޔަސް މިއަދު ވަގުތާއި ހާލަތު އެވަނީ ބަދަލުވެފައެވެ. މިހާރު އަމުދުން އެފަދަ ހަބަރެއް އަޑުއަހާކަށް އޭނާ ބޭނުމެއް ނޫނެވެ. މީހާ ބިރުގަންނަން ފެށީ އެހެންވެއެވެ. ނާލާއަށް ލިބިދާނެ ހިތްދަތިކަމާ މެދު ވިސްނާވިސްނާ ސިކުނޑި ސުމަކަށް ގޮސްފާނެހެން ވެސް ހީވާން ފެށިއެވެ. ހިތާހިތާ ދުއާކުރެވެން ފެށުނީ އެފަދަ ބިރުވެރިކަމަކާ ކުރިމަތިލާން ނުޖެހުމަށެވެ.
*****
ނަދީމާއާއި ބިލާލް ގެއަށް ދިޔައީ ނަތީޖާ ލިބެން ވަގުތު އޮތުމާއެކު، ގެއަށް ގޮސް ތާޒާވެލުމަށާއި ނާލާއަށް ބޭނުންވާ ބައެއް ސާމާނުތައް ބަލައެވެ. އެވަގުތު ނާލާގެ ގާތުގައި މަޑުކުރީ ޝައިހާއެވެ. ޑިއުޓީ ނިންމާލި ގޮތަށް އޭނާ ހުރީ ނާލާގެ ގާތުގައެވެ.
''ނާލާ...'' ޝައިހާ ގޮވާލިއެވެ. ހިތުގައިވި ސުވާލުތައް ދުލާ ހަމައަށް ނުގެނެސް އޭނާއަށް މަޑަކުން ނީނދެވުނެވެ. ނާލާގެ އަތުގައި ހިފާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ޔަގީންކަން އެހިތަށް ބޭނުންވެފައިވާތީއެވެ.
''އިޒް އިޓް ޕޮސިބަލް؟...'' ޒާތީ ކަމަކަށް ވިޔަސް އެނގެން ޝައިހާ ބޭނުންވިއެވެ. އެއީ ހަގީގަތަކަށް ވެއްޖެނަމަ ނާލާއަށް ލިބޭނެ ހިތްދަތިކަން ތަސައްވަރުކުރެވޭތީއެވެ. ހިތާމައަކަށް ފަހު ހިތާމައެއް ނޫނީ ނުލިބޭނެތީއެވެ. ރުހައިމްގެ ހަނދާންތަކާ ދުރުވާން އަމުދުން ނާލާއަށް ދަތިކަމަކަށް ވާނެއެވެ.
ނާލާގެ ލޮލަށް ކަރުނަ ޖަމާވީއެވެ. އެ މަންޒަރު ބަލަން އިން ޝައިހާގެ ހިތަށް ތަދުވެލިއެވެ. އެއްޗެއް ބުނަން ނާލާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ފުރުސަތު ނުލިބެނީސް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެ އެކުވެރިންގެ ނަޒަރު ވެސް ދަތުރުކުރީ ދޮރާ ދިމާއަށެވެ.
''ވެލް ދިސް އިޒް އެ ގްލޫމީ ރޫމް...'' އެތެރެއަށް ވަދެގެން އައީ ވިވިއަންއެވެ. އޭނާއަށް ނާލާގެ ހަބަރު ލިބުމުން ޖެއްސުމެއްކޮށްލަން އައީއެވެ. އެ ހިތުގައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނުވެއެވެ. އެއަށްވުރެ ބޮޑަށް ނާލާއަށް ދިމާވި ހާދިސާގެ ސަބަބުން އޭނާއަށް ލިބިފައިވަނީ އުފާވެރިކަމެވެ. ނާލާއަށް ލިބޭ ހިތްދަތިކަމަކީ އޭނާއަށް ލިބޭ އުފާވެރިކަމަށް ވާތީއެވެ. އަބަދުވެސް ނާލާއަށް ދެރަގޮތް ވުމަށް އެދެމުން ދަނިކޮށް އެވަނީ ހަގީގަތަކަށް ވެފައެވެ.
''ކީއްކުރަން ތިއައީ؟...'' ޝައިހާ ރުންކުރުވިއެވެ. ''މިތަނަށް ބޯކޮއްޕަން ނޫޅެ ދާން އުޅޭ...''
''އެކުވެރިޔަކަށް ޒިޔާރަތްކޮށްލަން މިއައީ...'' ޝައިހާއަށް ލޯއަޅާލަމުން ވިވިއަން ރައްދު ދިނެވެ.
''އެކުވެރިޔެކޭ؟... ޔޫ ހޭވް ގޯޓް ޓު ބީ ކިޑިންގް މީ... އަތުގަ ހިފާ ދަމާ ނުނެރެނީސް ނިކުންނަން އުޅޭ...'' ގޮނޑިން ތެދުވަމުން ޝައިހާ އިންޒާރެއް ދިނެވެ. ވިވިއަންގެ ތޫނު ދުލުން ނާލާ ދިފާއުކުރަން ޝައިހާ ބޭނުން ވިއެވެ. ހޮސްޕިޓަލް ތެރޭގައި ނާލާއާ ގުޅުވައިގެން އެންމެ ގަދައަށް ވާހަކަ ފަތުރާ މީހަކީ ވިވިއަންކަން އޭނާއަށް އޮތީ އެނގިފައެވެ. ހޮސްޕިޓަލުން ނާލާ ކެނޑެން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. ވާހަކަ އޮޅުވާލައިގެން ފޮނިތޮށިކާފޫރުތޮޅި ލައިގެން، ވިވިއަން ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ނާލާގެ ނަފުސު އިތުރަށް ބަލިކަށި ވީއެވެ. މީހުންގެ މަލާމާތާއި، ތުހުމަތުގެ އިނގިލިދިއްކުރާހެން ހީވެ ނާލާ ބޭނުންވީ އެހުރިހާ ކަމަކާ ދުރަށް ދާށެވެ.
''ކޮން ވަރެއް އަރުވާކަށް، ކަލެއާއި ނާލާ ދިމާވީ އިހަކަށް ދުވަހެއްނު، ވީ ނޯ އީޗް އަދާރ ސިންސް އެ ލޯންގް ޓައިމް...'' ލޯހަދާލަމުން ވިވިއަން ބުނެލިއެވެ. އޭނާ ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ. އެނދުމަތީ އޮތް ނާލާއަށް ބަލައިލަމުން ވިހަ ގޮތަކަށް ހިނިތުންވެލިއެވެ.
''އެހެންވެތަ ނާލާއާ ޖައްސާލާފަ އުޅެނީ؟... ކަލޭ ނާލާ ބަދުނާމުކޮށް ހޮސްޕިޓަލުގައި ވާހަކަ ފަތުރަނީ ވެސް... ކަލޭގެ ބޭނުމަކީ ކޮބާތަ؟... ހިތްނުބައި ވިޔަސް ބޮޑު ވަރު ތިއީ...'' ޝައިހާ ދުލެއް ނުކުރިއެވެ. އޭނާ ވިވިއަންއާ ކުރިމަތިލުމަކަށް ދިޔައެވެ.
''އަހަރެން ކޮން ވާހަކައެއް ފަތުރަންވީ؟... ހަގީގަތަށް ނޫންތަ ވާހަކަ ދެކެވެނީ، ރުހައިމް އިތުރު އަންހެނެއްގެ ގާތަށް ދިޔައީއެއްނު، އޭގަ ވެސް ގޯސް ވަނީ އަހަރެންގެތަ؟... ނާލާގެ އުނިކަމެއް ހުރީމަތާ އެހެން ވާނީ، ވެދާނެއެއްނު ރުހައިމް ހިތްހަމަޖައްސައިނުދެވެނީ ކަމަށް ވެސް، ގޯޑް ނޯސް ވަޓް ހެޕެންޑް... މިހާރު ދެމީހުން ޑިވޯސް ވެސް ވެއްޖެއެއްނު އެކަމެއްގަ... ދެން މީހުން ދައްކާނެ ދޯ ވާހަކަ، އެހެނޭ ކިޔާފަ އެންމެންގެ ދުލުގައި ޝައިހާއަށް ހިފެހެއްޓޭނެތަ؟...'' ހަށަންބަނދެލަމުން ވިވިއަން ބުނެލިއެވެ.
''ވަޓް ދަ...'' ޝައިހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
''ޝާ...'' ހޫނު ޒުވާބެއް ފެށިދާނެތީ ނާލާ ގޮވާލިއެވެ. އެއީ ހިމޭނުން ހުރުމުގެ އިޝާރާތެކެވެ. ނާލާއަށް ބަލައިލި ޝައިހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ނުރުހުމާއެކު ވިވިއަންއަށް ލޯއަޅާލިއެވެ.
''އެނީވެއިސް... އަޑުއެހިން ބަލިވެ އުޅޭވާހަކަ، އަނެއްކާ ބަނޑުބޮޑުވީތަ؟...'' ވިސްނުމަކާނުލައި ވިވިއަން ބުނެލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ