ދުނިޔޭގެ އެންމެ މަގުބޫލު ކޮމާޝަލް ބޭންކުތަކުގެ ތެރޭގައި ހިމެނޭ ހޮންކޮންގެ އެންޑް ޝަންހާއީ ބޭންކް (އެޗްއެސްބީސީ)ގެ އަމާނާ މެލޭޝިޔާގެ ސީއީއޯ އަކަށް ރާއްޖޭގެ އަހުމަދު ފިރާސް ހަމަޖައްސައިފި އެވެ.
އެޗްއެސްބީސީ މެލޭޝިޔާގެ ޝަރިއްޔާ ޓީމުގެ ވެރިޔަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފިރާސް އެ ބޭންކްގެ ސީއީއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން އެ ބޭންކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފިރާސް އަކީ ރާއްޖޭގެ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޝަރިއްޔާ ޓީމުގެ ވެރިއަކަށް މީގެ ކުރިން އުޅުއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޝަރިއްޔާ ކައުންސިލްގެ މެންބަރެއްވެސް މެއެވެ.
ފިރާސް އަކީ ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އިސްލާމިކް ބޭންކިންގެ މައުލޫމާތު ދިނުމަށް ލެކްޗަރާއެއްގެ ގޮތުގައިވެސް އުޅުއްވައިފައެވެ.
ފިރާސްއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ އަލްމަހްރޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ދަރިކަލެކެވެ.