ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)، ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމުން އިސްތިއުފާދީފިއެވެ.
ޝާޒް ޓީސީން ވަކިވިކަން ކްލަބުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) "ވަން" އަށް ވިދާޅުވީ ޝާޒްއާއެކު މިދިޔަ ދެ ދުވަހު ވާހަކަތައް ދެކެވުނު ކަމަށާއި ޝާޒް ޓީމުން ވަކިވެފައިވަނީ އަމިއްލައަށް ކަމަށެވެ.
"މިއީ ނަތީޖާ ދަށްވެގެން އައި ނިންމުމެއް ނޫން. ބަލައިލީމަވެސް އެނގޭނެ ނަތީޖާތައް ވަރަށް ރަނގަޅު. މިސީޒަނަށް ޓީސީން ތައްޔާރުވީ ނަތީޖާގެ އިތުރުން އެހެން ޑިވެލޮޕްމަންޓުގެ ޕްލޭންތަކަކާ ވެސް އެކީގައި. ކޯޗު ކުރަމުން އައި މަސައްކަތް ރަނގަޅަށް ދިޔަ ނަމަވެސް ޕްލޭނާ އެއްގޮތަށް އެ ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ނުދާތީ ދެ ފަރާތަށް ވާހަކަދެކެވުނީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ ކޯޗާ ޓީމު ވަކިވުން ކަމަށް،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ޓީސީއާ އަލަށް ހަވާލުވާ ކޯޗަކު އިއުލާން ކުރާނީ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށްފަހުގައި ކަމަށާއި މިހާރު ބައެއް ކޯޗުންނާ ވާހަކަދެކެވެމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު ޝާޒް، ޓީސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރުއެވެ. ކާމިޔާބު ދެ ސީޒަނަކަށްފަހު އޭރު ޓީސީ އަޑި އަޅާލާފައި އޮތީ ފައިސާގެ މައްސަލަތަކާވެސް އެކުގައެވެ. ކްލަބުގެ އެފަދަ މައްސަލަތައް ސްޓޭބަލްކޮށް، މިއަހަރު ނުކުތީ ޒުވާން ޓީމަކާއެކުގައެވެ. އެ ޓީމާއެކު ޝާޒް ރަނގަޅު ނަތީޖާތަކެއްވެސް ނެރެފައިވެއެވެ. ޝާޒް ޓީސީގެ ކޯޗުކަމުން ވަކިވިއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. އެޓީމު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ އިރު، މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވި އިރު، ތިން މެޗުވީ އެއްވަރެވެ.
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު