ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: އެމެރިކާގެ ރައީސަށް މުސާރަޔާއި އިނާޔަތުގެ ގޮތުގައި ކިހައިވަރެއް ލިބޭތަ؟

އިމާދު ލަތީފު

ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ ވަރުގަދަ މަގާމަކީ އެމެރިކާގެ ރައީސްކަމުގެ މަގާމެވެ. އެމެރިކާއަކީ އަސްކަރީގޮތުންނާއި ސިޔާސީގޮތުންނާއި އަދި އިގްތިސާދީގޮތުންވެސް ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އެމެރިކާގެ ރައީސްކަމުގައި ހުންނަ މީހަކީ ކޮންމެ ވަގުތެއްގައިވެސް ސިޔާސީގޮތުން ދުނިޔެއަށް ގުޑުން އަރުވައިލެވޭނޭ މީހެކެވެ. އިގްތިސާދީގޮތުންވެސްމެއެވެ. ދުނިޔޭގެ އެންމެބޮޑެތި ގައުމުތަކުގެ ތެރެއިން ދިހަބާރަ ގައުމެއް ފިޔަވައި ދެންހުރި ހަމަކޮންމެ ގައުމަކީވެސް އެމެރިކާގެ ރައީސް އަޅާ ފިޔަވަޅަކުން އިގްތިސާދީގޮތުން އިނދަޖެހި ބަރުބާދުވެގެން ހިނގައިދާނޭ ގައުމެކެވެ. އެމެރިކާ ޑޮލަރަށް ބަރޯސާކުރާ ގައުމެކެވެ. ދުނިޔޭގެ ފައިސާއެއްގެ ގޮތުގައި ގިނަބަޔަކު ބަލާ ފައިސާއަކީވެސް އެމެރިކާ ޑޮލަރެވެ.

މިވަރުގެ މަތިވެރި މަގާމެއްގައި ހުންނަ މީހަކަށް ލިބޭ މުސާރަޔަކީ ކޮބައިބާވައެވެ. އެހެނިހެން އިނާޔަތްތަކަކީ ކޮބައިބާވައެވެ. އަދި ވެރިކަމުން ވަކިވުމަށްފަހު ލިބެނީ ކިހައިވަރެއްގެ ޕެންޝަނެއް ބާވައެވެ. މިވަގުތު އެމެރިކާގެ ރައީސްގެ މުސާރަޔަކީ މަހަކު ތެއްތިރީސްހާސް ޑޮލަރެވެ. އެއީ ހަމައެކަނި މުސާރައެވެ. މަގާމުގައި ހުންނައިރު ދިރިއުޅުމުގެ ޚަރަދުތަކާއި އެބާވަތުގެ އެނޫންވެސް ކަންކަމަށް ވަކި އިނާޔަތްތަކެއް އޮވެއެވެ. މިގޮތުން ހުރިހާ އިނާޔަތެއް ޖުމްލަކޮށްލީމާ މަހަކު އިތުރު ސާދަހާސް ޑޮލަރު ލިބެއެވެ. ދިވެހި ރުފިޔާއިން ގުނަކުރާނަމަ ރައީސްގެ އެކައުންޓަށް މަހަކު އެވަންނަނީ ހަތްލައްކަ ފަންސަވީސްހާސް ރުފިޔާއެވެ.

މި ފައިސާގެ ތެރެއިން ލޯލާރިއެއްވެސް ވެރިކަމުގައި ހުންނައިރު ޚަރަދުކުރަންޖެހުމަކީ ނާދިރުކަމެކެވެ. ހުންނަގޭގެ ކުއްޔެއް ކަރަންޓުބިލެއް ފެންބިލެއް ހޮސްޕިޓަލްބިލެއް ނޯންނާނެއެވެ. އެއީ ސަރުކާރުގެ ޒިންމާއެވެ. ކުރާ ދަތުރަކަށް، އަނދާތެލަކަށް އަދި މުވައްޒަފަކަށް ކުރާން ޖެހޭ ޚަރަދެއްވެސް ނޯންނާނެއެވެ. އެއީވެސް ސަރުކާރުގެ ޒިންމާއެވެ. އެހެނެއް ނޫނެވެ. އަންނައުނާއި ގަހަނާޔާއި ރޮލެކްސް ގަޑިޔާއި މިޒާތުގެ އަމިއްލަ ތަކެއްޗަކީ އަމިއްލަޔަށް ކުރަން ޖެހޭ ހޭދައެވެ. މީހެއްގެ ފަރާތުން ހަދިޔާއެއް ލިބުން އެއީ ވަކިކަމެކެވެ. އެކަމަކު ރިޝްވަތުގެ ގޮތުގައި ވަކިކަމެއްކޮށްދޭމަތިން ހަދިޔާ ގަބޫލުކުޅައުން ހުއްދައެއް ނޫނެވެ.

އެމެރިކާގެ ރައީސްކަމަށް ވަރަށް މުއްސަނދި މީހުންވެސް އާދެއެވެ. މީގެ މިސާލަކީ އެންމެފަހުން ވެރިކަމުން ވަކިވި ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕުގެ މިލްކިއްޔާތުގެ އަގު 2.5 ބިލިޔަން ޑޮލަރަށް އަރައެވެ. މިޒާތުގެ މަހުޖަނުން ރައީސްކަންކުރާއިރު މުސާރަ ނެގުމެއް ނޯވެއެވެ. ޓްރަމްޕުވެސް މުސާރައެއް ނުނަގައެވެ. ކޮންމެވެސް ތަނަކަށް ޚައިރާތުކުރަނީއެވެ. އެކަމަކު ހުރިހާ ރައީސުންނަކީ އެހާ ތަނަވަސް ބައެއް ނޫނެވެ. ވެރިކަމުން ވަކިވުމަށްފަހު ދަރަނީގެ ބުރަ އުފުލާންޖެހިގެން އިނދަޖެހުނު މީހުންވެސް ތިއްބެވެ. މިކަހަލަ ދުއްތުރާތަކެއް ކުރިމަތިވިޔަ ނުދިނުމުގެ ގޮތުން ވެރިކަމުން ވަކިވުމަށްފަހުވެސް މުޅި އުމުރަށް ޕެންޝަނެއް ހަމަޖެހިފައި އޮވެއެވެ.

ކުރީގެ ރައީސުންނަށް ލިބޭ ޕެންޝަނުގެ މިންވަރަކީ މަހަކު ގާތްގަނޑަކަށް އަށާރަހާސް ޑޮލަރެވެ. އަމިއްލަ އޮފީސް ހިންގުމާއި ތަންތަނަށް ދިޔުމާއި ކުއްޔާއި ދެންވެސް މިބާވަތުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އޭގެތެރެއިންނެވެ. އެކަމަކު މުޅިއުމުރަށް ސަރުކާރުން ސިކިއުރިޓީ ހަމަޖައްސައިދޭނެއެވެ. އެއްވެސް ރައީސަކަށް އޭނާގެ ވެރިކަމުގެ ދައުރުގައި އަމިއްލަޔަށް މުސާރައިގެ ކުރިއެރުމެއް ނުހޯދޭނެއެވެ. ބޮޑުވަރަކަށް ކުރެވޭނޭ ކަމަކީ ދެން އަންނާންހުރި ރައީސަކަށް މުސާރަ ބޮޑުކޮށްދިނުމެވެ. އެވެސް ގާނޫނުހަދާ މަޖިލީހުން ފާސްކޮށްގެންނެވެ. ދޭތެރެއަވަސްކޮށް ރައީސުންގެ މުސާރަ ބޮޑުކުރުމަކީ އެމެރިކާގައި ކުރާ ކަމެއް ނޫނެވެ. ފަސޭހައިން ކުރެވޭން އޮންނަ ކަމެއްވެސް ނޫނެވެ.

އެމެރިކާގެ ދިގު ތާރީޚުގައި ރައީސްގެ މުސާރަ ބޮޑުކުރެވިފައިވަނީ މިހާތަނަށް އެންމެ ފަސްފަހަރުއެވެ. އެންމެފަހުން ބޮޑުކުރެވުނީ ރައީސް ކްލިންޓަނުގެ ދައުރުގައެވެ. އެފަހަރު ބޮޑުވި މުސާރައިގެ ފުރަތަމަ ހައްގުވެރިޔަކީ ރައީސް ޑަބްލިޔު ބުޝްއެވެ. މިހާރުވެސް އޮތީ އެ މުސާރައެވެ. ރައީސްގެ މުސާރައަކީ މިއީކަމަށްވާއިރު ނާއިބުރައީސްގެ މުސާރައަކީ ކޮބައިބާވައެވެ. ނާއިބުރައީސަކީ ގައުމުގެ ދެވަނަ ލީޑަރެވެ. ނާއިބުރައީސްގެ މުސާރައަކީ މަހަކު ނަވާރަހާސް ޑޮލަރެވެ. މަގާމުގައި ހުންނައިރު ގެޔާއި ދަތުރާއި މިހެންގޮސް ހުރިހާ ޚަރަދުތަކެއްގެ ހަވާލުދާރަކީ ސަރުކާރެވެ. ނާއިބުރައީސްގެ ރަސްމީ ގެޔަކީ ވޮޝިންޓަނުގައި ހުންނަ ނޭވަލް އޮބްޒަރވޭޓަރީ ބިމުގައި ހުންނަ ގެޔެކެވެ. އެއީ އޮބްޒަރވޭޓަރީގެ ވެރިމީހާ ހުންނާން އިމާރާތްކުރެވުނު ގެޔެކެވެ.

ނާއިބުރައީސްގެ މުސާރަޔަކީ ރައީސްގެ މުސާރަހެން ވަކިވަރެއްގައި ހިފަހައްޓާން ގާނޫނުން މަޖުބޫރުކުރާ މުސާރައެއް ނޫނެވެ. އެހެންވީމާ އެޔަށް ދޭތެރެދޭތެރެއިން ބަދަލު އާދެއެވެ. އައު ނާއިބުރައީސް ކަމަލާ ހެރިސްއަށް ލިބޭ މުސާރަވެސް ކުރީގެ ނާއިބުރައީސް މައިކް ޕެންސަށްވުރެ މަހަކު އެއްހާސް ޑޮލަރު ބޮޑުވާނޭ ކަމަށް ބެލެވެއެވެ. ކަންމިހެން އޮތަސް ނާއިބުރައީސްގެ މުސާރަޔަކީ ގައުމުގައި ދެވަނަޔަށް އެންމެ ބޮޑު މުސާރައެއްވެސް ނޫނެވެ. ނާއިބުރައީސްގެ މުސާރަޔަށްވުރެ ސްޕްރީމްކޯޓުގެ އިސްފަނޑިޔާރާއި ދެންތިބޭ ފަނޑިޔާރުންގެ މުސާރަވެސް ބޮޑެވެ. އުއްތަމަ ފަނޑިޔާރަކީ ގައުމުގައި ދެވަނަޔަށް އެންމެ ބޮޑު މުސާރަވެރިޔާއެވެ. އޭނާއަށް މަހަކު އެކާވީސްހާސް ޑޮލަރެވެ.

މަގާމުން ވަކިވުމަށްފަހު ނާއިބުރައީސުންނަށް މުޅިއުމުރަށް ސިކިއުރިޓީއާއި ޕެންޝަނެއް ނޯވެއެވެ. ސިކިއުރިޓީ އޮންނަނީ ބިރުވެރިކަން އޮތްވަރަކުންނެވެ. ޕެންޝަނުގެ ބަދަލުގައި އެއްފަހަރާ ދެނީ އެމީހަކު ގައުމީ ޚިދުމަތުގައި ހޭދަކުރި މުއްދަތަށް ބަލާފައި ބޯނަހެކެވެ. މިހާރުގެ ރައީސް ޖޯ ބައިޑެން ނާއިބުރައީސްކަމުން ވަކިވީމާ ލިބުނީ އެއްމިލިޔަން ޑޮލަރުގެ ބޯނަހެކެވެ. ރޮލެކްސް ގަޑިއެއްގަތީ އެއިންކަމަށް ބުނެވެއެވެ. ވަޒީރުންގެ ތެރެއިން އެންމެ ބޮޑު މުސާރަވެރިޔަކީ ޚާރިޖީވަޒީރެވެ. ނިމުނު ދައުރުގެ ޚާރިޖީވަޒީރު މައިކް ޕޮމްޕިއޯގެ މުސާރަޔަކީ މަހަކު ސަތާރަހާސް ޑޮލަރެވެ. ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ މުސާރަޔަކީ މަހަކު ސާދަހާސް ފަސްސަތޭކަ ޑޮލަރެވެ.