ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އާއި ޑިޖިޓަލް އަރުޝީފު ރަސްމީކޮށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ހުޅުވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ޓިކްޓޮކް އެކައުންޓުގައި މިއަދު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޑިޖިޓަލް އަރުޝީފާއި ލައިބްރަރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާ މަންޒަރެވެ.
އެ ވީޑީއޯގައި ރައީސް ނަޝީދު ވިދާޅުވީ މިއަހަރު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މަޖިލީހުގެ ލައިބްރަރީ އާއި މަޖިލީހުގެ އާކައިވްސް ހުޅުވައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ވަރަށް ގިނަ މުސްކުޅި ލިޔުންތައް އެބަހުރި ކަމަށާއި ޒަމާނުއްސުރެ ފަށައިގެން ފެންނަމުން އައި ޔައުމިއްޔާތަކާއި މަޖިލީހުގައި ކަން ހިނގަމުން އައި ގޮތްތަށް ވަރަށް ރަނގަޅަށް ފެންނަން އެބަހުރި ކަމަށެވެ.
"ކުރިއްސުރެ ފަށައިގެން ހެދިފައިވާ އުފެދިގެން އައި ގާނޫނުތައް މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނަން އެބަހުރި،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ޓިކްޓޮކް ޓިކްޓޮކް ޗެނަލެއް ހަދައިފައެވެ. އަދި މިއަދު އެ އެކައުންޓް ވެރިފައިކޮށް ފުރަތަމަ ވީޑިއޯވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފުރަތަމަ ވީޑިއޯއަކަށް ހިއްސާކޮށްފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު މަޖިލިސް ހުޅުވާކަމުގެ ވީޑިއޯއެވެ. އެ ވީޑިއޯއަށް މިހާތަނަށް 18،000 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު