ތ. ކިނބިދޫ އާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. މި ދެ މަޝްރޫއުގެ ތެރެއިން ކިނބިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 15،371،786.03 (ފަނަރަ މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ހަ ރުފިޔާ ތިން ލާރި) އަށެވެ.
ކަނޑޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ޑުޕްލެކްސްއާ ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 13،972،920 (ތޭރަ މިލިއަން ނުވަލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ ވިހި ރުފިޔާ) އަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އާދިލް ވިދާޅުވީ، ދެ ރަށުގައި ވެސް އަލަށް ހެދޭ ސިއްހީ މަރުކަޒު ނިމޭއިރު އެތަނަށް ބޭނުންވާ 80 އިންސައްތަ ކަރަންޓް އުފައްދާނީ ސޯލާއިން ކަމަށެވެ. އަދި މިނިސްޓްރީގެ އަމާޒަކީ އަލަށް އިމާރާތް ކުރެވޭ ސިއްހީ މަރުކަޒުތަކުގައި ވީހާވެސް ގިނައިން ގްރީން އެނާޖީ ބޭނުން ކުރުން ކަމަށް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ، އެ ދެރަށުގައިވެސް އަލަށް ހެދޭ ސިއްހީ މަރުކަޒުތަކާއެކު މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން ބްލޮކްތަކެއްވެސް ހެދުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު