އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ 50 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް އެޕާޓީގެ މިހާރުގެ ވެސް ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވާދަކުރައްވާ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބާ ގުޅިގެން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ، އިމްރާނަކީ ޕާޓީއަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައި ހުންނެވި އަދި ޕާޓީގައި ވަރަށް ގިނަ ދުވަސްވީ ބޭފުޅެއް ކަމަށެވެ.
ނަމަވެސް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ރައްޔިތުންނަށް ފުރުސަތުތަކެއް ދިނުމަށް ކަމަށާއި އަދި އެ ނިންމުން ނިންމެވީ ޕާޓީގެ ބައެއް މެންބަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
"ޕާޓީގެ މިވަގުތު ހާލަތަށް ބައްލަވާފައި މެންބަރުންނަށް މިހާރު ޗޮއިސްއެއް އޮންނާނެ. އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތެއް ނޭނގޭނެ. ނަމަވެސް އިންތިހާބުގައި 50 ޕަސެންޓް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އިންތިހާބު ކާމިޔާބު ކުރެވޭނެތޯ ދެންނެވުމުން އަދާލަތުގެ ތައުލީމާއި ތަރުތީބާ ބެހޭ ކޮމިޓީގެ ރައީސް ކަންވެސް ކުރައްވާ ޑރ. ޒާހިރު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި އިމްރާން ވެސް ވިދާޅުވީ، އެ މަގާމަށް ކުރިމަތިލާން ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރައްވާތީ ކަމަށެވެ.
އެގޮތުން އިމްރާންގެ ކެމްޕެއިނަށް މެނޭޖަރަކު ހަމަޖައްސައި، މިރޭ ކެމްޕެއިން ލޯންޗު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު