އެފްއޭ ކަޕްގެ އެންމެފަހުގެ ޗެމްޕިއަން، އާސެނަލް އެ މުބާރާތުގެ ހަތަރުވަނަ ބުރުން ކަޓައިފިއެވެ.
އާސެނަލްއިން މުބާރާތުން ކެޓީ ސައުތުހެމްޓަން އަތުން 1-0ގެ ނަތީޖާއަކުން ބަލިވެގެންނެވެ. ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލް، މެޗުގެ 24 ވަނަ މިނެޓުގައި އާސެނަލް ކޮޅަށް ވަނީ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށެވެ. ގެބްރިއަލް ފައިގައި ޖެހި ވަދެފައި ވަނީ ކައިލް ވޯކާ ޕީޓާސްގެ ހުރަހެކެވެ.
ރޭގެ މެޗަށް ނުކުތްއިރު، އާސެނަލް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެންމެފަހުން އެޓީމު ކުޅުނު ހަތް މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ރޭ އާސެނަލް ކޮޅަށް ވަން ގޯލަކީ 508 މިނެޓް ފަހުން އެޓީމު ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފްގައި ސައުތުހެމްޓަންއިން ވަރުގަދައަށް ކުޅެ، ހަމަލާތައްވެސް އުފެއްދިއެވެ. ޗެ އެޑަމްއާއި ވާޑް ޕްރޯސްގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، އެޑަމްސް ތިރިތިރިން ބާރަށް ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ އާސެނަލްގެ ގޯލްކީޕަރު ލެނޯއެވެ. ވާޑް ޕްރޯސް އަރިމަތިން ނެގި ހުރަސް އާސެނަލްގެ ގޯލް ދަނޑިއާ އަމާޒުވެފައިވާއިރު، ދެވަނަ ހާފަށް ނުކުމެ އާސެނަލްއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ.
ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާން އާއި މިޑްފީލްޑަރު އެމީލް ސްމިތު ރޯވޭވެސް ނުލައި ރޭގެ މެޗަށް އާސަނެލް ނުކުމެފައިވާއިރު، ބުކަޔޯ ސަކާވެސް އެރުވީ ދެވަނަ ހާފުގައެވެ. އާސެނަލްއިން ދެވަނަ ހާފުގައި ކުޅުނު ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެންމެ އެދެވޭ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. 67 ވަނަ މިނެޓުގައި އެޑީ ކެޓިއާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ސައުތުހެމްޓަންގެ ގޯލްކީޕަރު ފްރޭސާ ފޯސްޓާ ވަނީ ފަސޭހަ ކަމާއެކު ދިފާއުކޮށްފައެވެ.
އާސެނަލްއަކީ އިނގިރޭސި އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ޓީމެވެ. އެޓީމުން ޖުމްލަ 14 ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާއިރު، އެންމެ ކައިރިން ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕް އުފުލާލީ 12 ފަހަރުއެވެ.
ރޭގެ މެޗުން މޮޅުވި ސައުތުހެމްޓަންއަށް ދެން އޮތް ބުރުގައި ކުޅެން ޖެހޭނީ ޕްރިމިއާ ލީގުގެ ވުލްވްސްއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު