ޚަބަރު

ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަންއަށް ދީފި

ސްރީ ލަންކާއަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ދީފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މޯލްޑިވިއަނުން މީގެ ކުރިން ވެސް ލަންކާއަށް ދަތުރުތައް ކުރި އެވެ. ނަމަވެސް ޑިމާންޑު ނެތް ކަމަށް ބުނެ އެ ދަތުރުތައް ހުއްޓާލި އެވެ. އެ ދަތުރުތައް އަލުން ފެށުމަށް ލަންކާ އިން ހުއްދަ ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔަ އިރުވެސް މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފަށައިފައެއް ނުވެ އެވެ. އަދި އެކަމުގެ ސަބަބެއް ވެސް ހާމައެއް ނުކުރެ އެވެ.

މި ސަރުކާރު އައި ފަހުން މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލަންކާ އަށާއި ޗައިނާ އަދި މެލޭޝިއާއަށް ސީދާ ދަތުރުތައް ފަށަން އަންނަނީ ރާވަމުންނެވެ.

ލަންކާގެ ޑެއިލީ ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުން، އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސްއެލް) އިން ވަނީ ލަންކާއަށް އަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ދެ އެއާލައިނަކަށް ދީފަ އެވެ. އެއީ މޯލްޑިވިއަންގެ އިތުރުން އިތިއޯޕިއަން އެއާލައިންސް އެވެ.

ލަންކާއަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ މޯލްޑިވިއަން އަށް ދިންކަން ކަށަވަރުކޮށް ނުދިން ނަމަވެސް މޯލްޑިވިއަންގެ ޕީއާރް މެނޭޖަރަކަށް މޫސާ ވަސީމް "ވަން" އަށް ވިދާޅުވީ، އެކަމާ ގުޅޭ މައުލޫމާތު ކަށަވަރު ކުރެއްވުމަށްފަހު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒަރޫރީ ގޮތުން ބޭނުންވާ ތަކެތި ގެނައުމަށް މޯލްޑިވިއަނުން ވަނީ މީގެ ކުރިން ރާއްޖެ އާއި ލަންކާއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވައިފަ އެވެ. އަދި ދާދީ ފަހުން މޯލްޑިވިއަން އިން ވަނީ ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޗާޓަރު ފްލައިޓްތަކެއް ބާއްވައިފަ އެވެ.