ކުޅިވަރު

އަނިޔާގެ ސަބަބުން ޑިބްރޭނާއަށް ގިނަ މެޗުތަކެއް ގެއްލިދާނެ

މުޙައްމަދު ޝަމްޢޫން

މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާއަށް އަނިޔާވެ ގާތްގަނޑަކަށް ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ޑިބްރޭނާގެ ފަލަމަސްގަނޑަށް (ހޭމްސްޓްރިން) އަށް އަނިޔާއެއް ވެފައިވާ ކަމަށާއި ހަ ހަފްތާ ނޫނީ ހަތަރު ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ. އުމުރުން 29 އަހަރުގެ ޕްލޭމޭކަރު ޑިބްރޭނާއަށް އަނިޔާވެފައި ވަނީ ސިޓީން މިދިޔަ ބުދަ ދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ސިޓީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު މެޗުގެ މެދުތެރެއިން ޑިބްރޭނާ ވަނީ ބާލާފައެވެ.

ޑިބްރޭނާއަށް ގާތްގަނޑަކަށް 10 މެޗު ގެއްލޭނެ ކަމަށް ބެލެވޭއިރު އޭގެ ތެރޭގައި ސިޓީން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބުރޫޝިއާ މޮންޗެންގްލަޑްބަޗްއާ ދެކޮޅަށް ފެބްރުއަރީ 24 ވަނަ ދުވަހު ކުޅޭ މެޗުވެސް ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"ޑިބްރޭނާ ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް. އެކަމަކު އެކަމާ ކުރިމަތިލާން ޖެހޭނެ. އެހެންވީމަ ސިޓީ ކުރިއަށް ދާން ޖެހޭނެ. ސްކޭންތައް ބެލުމަށްފަހު ޑޮކްޓަރު ބުނެފައި ވަނީ ޑިބްރޭނާ ހަތަރެއް ނޫނީ ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް. މި ހާލަތުގައި އުނދަގޫތަކެއް ކުރިމަތިވާނެ. ކޮންމެ މީހަކަށްވެސް ކޮންމެ ކްލަބަކުންވެސް ޖެހޭނީ މި ހާލަތްތަކަށް ހޭނެން،" ގާޑިއޯލާ ބުނެފައިވެއެވެ.

ސިޓީން އެންމެފަހުން ކުޅުނު 16 މެޗުންވެސް ބަލިވެފައި ނުވާއިރު، އެންމެފަހުން ކުޅުނު ނުވަ މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ސިޓީން ލީގުގެ ދެވަނައިގައި މިވަގުތު އޮތްއިރު، އެޓީމު އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެ ޕޮއިންޓް ގާތުގައެވެ. ސިޓީ މެޗެއް މަދުން ކުޅެފައިވާއިރު، އެ މެޗުން މޮޅުވެ ސިޓީއަށް ލީގުގެ އެއްވަނައަށް އެރިދާނެއެވެ.

ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޑިބްރޭނާ އަނިޔާގެ ސަބަބުން ގެއްލިފައިވާއިރު މިދިޔަ މަހުން ފެށިގެން ކޯވިޑް 19ގެ ނުރައްކާވެސް ސިޓީއަށް ވަނީ ބޮޑުވެފައެވެ. މިވަގުތުވެސް ސިޓީގެ ބައެއް ކުޅުންތެރިންނަށް ކޮވިޑް ޖެހިފައިވާއިރު އެންމެފަހުން ސިޓީން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯއެވެ.