ވާހަކަ

ބޭޤަރާރު - 33

1

ރުހައިމް ފެންނައިރަށް ނާލާ އިސްއޮބާލައިފިއެވެ. އެމޫނުގެ އަސަރުތައް ރުހައިމްއަށް ދައްކަން ބޭނުން ނުވާ ފަދައަކުންނެވެ. ރުހައިމްއަށް އެކަން ފާހަގަ ކުރެވުނެވެ. އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ހިތާމަތައް އެކަނިމާއެކަނި ނާލާ ބަރުދާސްތުކުރަމުންދާ މަންޒަރުތައް ފެނި އެ ހިތަށް ކެތްނުކުރެވުނީއެވެ. އެއީ ދެކެން އޭނާއަށް ފަސޭހަވާނެ މަންޒަރުތަކެއް ވެސް ނޫން ވިއްޔާއެވެ. ނަމަވެސް ނާލާގެ ގާތަށް އޭނާއަށް ދެވޭ ގޮތެއް ނުވިއެވެ. ހާލަތާއި ވަގުތު އޭނާއަށް ފުރުސަތެއް ނުދިނެވެ. ހައްތަހާ ވެސް އޭނާއާއި ނާލާ ދުރަށް ގެންދާ ކަހަލައެވެ. ދެން ފުރުސަތެއް ލިބުމެއް ނުވާ ފަދައަކުންނެވެ.

ރުހައިމް ފެނި މޫނު ބަނަވެފައި ހުރި ނަދީމާ ނާލާގެ އަތުގައި ހިފާލަމުން އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ. ރުހައިމްގެ ސަބަބުން ނާލާއަށް އިތުރު ތަކުލީފެއް ލިބެން ބޭނުން ނުވާތީއެވެ. ކޯޓާ ހަމައަށް އައުން ވެސް ނާލާއަށް ސަޒާއަކަށް ވެފައިވި މަންޒަރު އޭނާ ގާތުން ދުށްޓެވެ. ދަރިފުޅުގެ ހިތްވަރެއްކަމުގައި ވާން ވެސް ބޭނުންވީ އެހެންވެއެވެ. ދަރިފުޅުގެ ކޮންމެ ނިންމުމެއްގެ ފަހަތުގައި ސާބިތު ކަމާއެކު ވާނެކަމުގެ ޔަގީންކަން ދޭން ވެސް ނަދީމާ ބޭނުންވިއެވެ.

''ދަރިފުޅާ ދެރަނުވޭ... މިކަން ވެސް ނިމިދާނެ، މިދުވަސް ވެސް ހިނގައިދާނެ...'' ނާލާގެ ބުރަކަށީގައި ފިރުމާލަމުން ނަދީމާ އޯގާތެރިކަމާއެކުގައި ބުނެލިއެވެ.

މަންމަގެ އަތަށް ނާލާއަށް ބާރުކޮށްލެވުނެވެ. އޭނާގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް ހަލުވިކަމާއެކު ކޯތާފަތުން ރޮނގުދަމަން ފެށިއެވެ. އޭރު ނާލާގެ އަރުވަނީ ބެދިފައެވެ. ހިތުގެ އުދާސްކަން ހިންދާލަން ނާލާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ހިތުގެ ޒަހަމްތަކަށް ލުޔެއް ލިބުމެއް ނުވާ ކަހަލައެވެ. މިއަދަކީ ރުހައިމްގެ އަންބެއްގެ ގޮތުގައި ޝަރުއީ ހަމަތަކުގެ މަތިން އޭނާ ހުންނާނެ އެންމެ ފަހު ދުވަހެވެ. މިކަހަލަ ބަނަ ކަމެއް ދިރިއުޅުމަށް އައިސްދާނެ ކަމަކަށް ނާލާ ހިޔެއް ވެސް ނުކުރެއެވެ. އޭނާގެ ލޯކުރިމަތިން ތަމްސީލުވެގެން ދިޔައީ ރުހައިމްއާއެކު ޒަވާޖީ ހަޔާތް ފެށި ހުވަފެނީ ވަގުތުކޮޅެވެ. ރުހައިމްގެ ދުލުން ''އަނބި ގަބޫލުކޮށްފިން'' އިވުނު ހިނދު އިހުސާސްކުރެވުނު އުފާވެރިކަމެވެ. އެއީ އޭނާއާއެކު ދުނިޔެ އުމުރަށް ވާނަން ކަމުގައި ރުހައިމް ވި ވައުދެކެވެ. ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ވިޔަސް ސާބިތުކަމާއެކު ހުންނާނެ ކަމުގެ ދިން ޔަގީންކަމެވެ. މިހުރިހާ ދުވަހު އޭނާގެ ހަޔާތް އެނބުރެމުން ދިޔައީ ރުހައިމްއާއެކުގައެވެ. ދިރިއުޅެން ދަސްވެފައިވީ އޭނާގެ ހަޔާތުގެ ހިއްސާދާރެއްކަމުގައި ރުހައިމް ދެކެމުންނެވެ. ނަމަވެސް އޭނާއަށް އުޅެވެމުން ދިޔައީ ހުވަފެނީ އާލަމެއްގެ ތެރޭގައެވެ. ހަގީގަތަށް ލޯހުޅުވާލުމާއެކު މަންޒަރުތައް ބަދަލުވެގެން ހިނގައްޖެއެވެ. ހިތްދަތިކަމާއި ވޭން ދީފައެވެ.

ކުރިއަށް ހިނގައިގަތް ނަދީމާއާއި ނާލާއަށް ބިލާލް ބަލައިލިއެވެ. އެއަށްފަހު ރުހައިމްއަށް ވެސް ބިލާލް ބަލައިލިއެވެ. ބިލާލްގެ މޫނުމަތިން ވެސް ފާޅުވީ ނުރުހުމުގެ އަސަރުތަކެވެ. ހަމައެއާއެކު ޝަކުވާތައް ވެސް އެ ދެލޮލުގައި ވިއެވެ. އޭނާ ކުރިހާ އިތުބާރެއް ރުހައިމް ނަގާލައިފިއެވެ. ރުހައިމްއާ ނާލާގެ އުފާތައް ހަވާލުކުރެވުނު ކަމުގެ މޮޔަ ރަނގަޅަށް ވެސް ހީވެއްޖެއެވެ. ހަގީގަތް އެނގުނު އިރު މާބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެއެވެ.

ހުރިހާ އެންމެންގެ ރުޅިވެރިކަން އޭނާއަށް އަމާޒުވެފައިވާކަން އެނގި ރުހައިމްއަށް އުދާސްކަން އެކުލެވިގެންވި ނޭވާއެއް ދޫކޮށްލެވުނެވެ. ހާލަތު މުޅިން ބަދަލުވެ އެކަނިވެރިކަން ވެސް ރުހައިމްއަށް އިހުސާސްކުރެވުނެވެ.

*****

ނާލާގެ ދެފަރާތުގައި ބިލާލްއާއި ނަދީމާ އިށީނދެގެން ތިއްބެވެ. ރުހައިމް އިނީ އެކަނިމާއެކަނި އެވެ. މުސްތަގުބަލު ކިތަންމެ އަނދިރިކޮށް ދައްކަމުން ދިޔަ ކަމުގައި ވިޔަސް، ދިރިއުޅުމުގެ ކޮންމެ ފަތްތަރެއްގައި ނާލާއާއެކު ނާލާގެ އާއިލާ ތިބޭނެކަމުގެ ޔަގީންކަން ރުހައިމްއަށް ލިބުނެވެ. ހިމާޔަތާއި ރައްކާތެރިކަން ދޭނެކަން ވެސް ޔަގީން ކުރެވުނެވެ. އެއީ އެ ދިލަ ހިތަށް ލިބުނު ކުޑަ ނަމަވެސް ތަސައްލީއެކެވެ. އޭނާގެ ހަޔާތަށް ވީރާނާކަމާއި ފަޅުކަން ވެރިވެގެން ދިޔަޔަސް އޭނާއަށް ހެވެވެ. ނަމަވެސް އޭނާގެ ހިތުގެ ދުއާއަކީ ނާލާގެ ހަޔާތް އާރާސްތުވެގެން ދިއުމެވެ. ހާލަތުން އަރައިގަނެ އައު އުއްމީދެއް ލިބުމެވެ. ތަގުދީރުގެ ނިޔާ ވަނީ ކަނޑައެޅިގެން ގޮސްފައެވެ. އޭނާއާއި ނާލާއަށް އެކުގައި އުޅުމުގެ ފުރުސަތެއް ދެން ނެތެވެ. އޭނާ ޖެހޭނީ ނާލާއާއެކު ހޭދަކުރެވުނު ދުވަސްތަކަށް ޝުކުރުވެރިވާށެވެ. އެ ލޯބީގެ ހަނދާންތައް ހިތުގައި ރައްކާކުރާށެވެ. އެއީ ވޭން ލިބޭނެ ކަމަކަށް ވިޔަސް އެނޫން ގޮތެއް އޭނާއަކަށް ނެތެވެ.

*****

ހުކުމް އިއްވިގެން ދިޔަ ވަގުތު ނާލާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގެން ދިޔައެވެ. މޭގައި އުތުރުއަރައިގެން އައި ތޫފާން ހިންދާލުމަށް ބާރުބާރަށް ނާލާއަށް ތުންފަތުގައި ދަތް އަޅައިގަނެވުނެވެ. ލޭގެ ރަހަ ވެސް ލިއެވެ. ތުންފަތުގައި މަޑު ތުރުތުރުލުމެއް ވެސް އެކުލެވިގެން ވިއެވެ. މަންމަ އޭނާގެ އަތުގައި ހިފާލިކަން ވެސް ނާލާއަށް އިހުސާސްކުރެވުނެވެ. ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ބޮލުގައި ބައްޕަ ފިރުމާލިކަން ވެސް މެއެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ނާލާގެ ސަމާލުކަން ދެވިފައިވަނީ ކޯޓުގެ ނިންމުމަށެވެ. އޭނާ އެވަނީ މިނިވަން ވެފައެވެ. އެކަން ނަގައިގަންނާނެ ގޮތެއް ސިކުނޑިއަކަށް ނޭނގުނެވެ. މޭގެ ރިހުން ގަދަވާން ފެށިއެވެ. ކެކުޅުންތަކަށް އިތުރު ބޮޅުތަކެއް އިތުރު ވެއްޖެއެވެ. އޭނާއަށް މަޖުބޫރުވެފައި އެވަނީ ރުހައިމްއާ ނުލައި ދިރިއުޅެން ދަސްކުރާށެވެ. ރުހައިމް އޭނާގެ މާޒީއަށް ވެއްޖެއެވެ. މުސްތަގުބަލާ ކުރިމަތިލާން ޖެހިފައިވަނީ އެކަނިމާއެކަންޏެވެ. އޭނާއަށް މުޅިންހެން ފެންނަނީ އަނދިރިކަމެވެ. އެއްވެސް ކަމަކާ މެދު ޔަގީންކަމެއް ނެތެވެ. ބިރުވެރިކަން ވެސް އައިސް ނާލާ ވަށާލައި ހާސްކުރުވިއެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަކަމުގައި ވިޔަސް ނާލާއަށް ވަގުތު ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. އޭނާގެ ވަށައިގެންވި ދުނިޔެއަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެހެނަސް ނާލާގެ ފަރާތުން ފެންނަނީ ހަމަހިމޭންކަމެވެ. ދިރިއުޅުމާމެދު އުއްމީދު ގެއްލިފައިވާ ތަނެވެ. އެ ދެލޮލުގައި ވަނީ އުދާސްކަމެވެ. ތުންފަތުގައި ކުރިން އަބަދުމެ ކުޅެލާ ހިނިތުންވުން ގެއްލިއްޖެއެވެ. ތުންފަތް ވަނީ ކުރަކިވެ ދިރުން ގެއްލިފައެވެ. ހިތާމަކުރުމުގެ ސަބަބުން ހަށިގަނޑު ވެސް ދުވަހެއް ދުވަހަކަށް ދިޔައީ ބަލިކަށި ވަމުންނެވެ.

ނާލާއާ މެދު ނަދީމާ ހުންނަނީ ފިކުރުބޮޑުވެފައެވެ. ކާއެއްޗެއްގައި އަތެއް ނުލައެވެ. ބޯފެންފޮދެއް އަރުތެރެއިން ދިރުވާލަނީ ހާލަކުން ފަހަރަކުއެވެ. ކުރަކިވެ ފަޅައިގެން ގޮސްފައިވާ ނާލާގެ ތުންފަތުން އެކަމަށް ހެކިދެއެވެ. އެގޮތަށް ތަކުރާރުވާނަމަ ނާލާ ބަލިވެދާނެތީ ނަދީމާ ބިރުގަންނަން ފެށިއެވެ. އޭނާ އެތައް ނަސޭހަތެއް ދީފިއެވެ. ނަމަވެސް ކުރި ފައިދާއެއް ނެތެވެ. ނާލާ ކުރިއަށްވުރެ ބަސްމަދުވާން ފެށުމުން ނަދީމާގެ ހާސްކަން ވެސް އިތުރުވެލިއެވެ. މިހާރު ވަޒީފާއަކަށް ވެސް ނުދެއެވެ. އަބަދު އޮންނަނީ ކޮޓަރީގައެވެ. ކޯޓަށް ހާޒިރުވި ދުވަހަށް ފަހު ގެއިން ބޭރަށް ނުނިކުމެއެވެ. އެހުރިހާ ކަމަކާ ވިސްނާވިސްނާ ނަދީމާގެ ބޮލުގައި ވެސް ރިއްސަން ފެށިއެވެ. ނަފުސާނީ ގޮތުން ނާލާއަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ ހިތް ތެޅެމުން ދިޔައީ ބިރުވެރިކަމާއެކުގައެވެ. ބިލާލްއާ ވެސް އެވާހަކަތައް ހިއްސާކުރަން ނަދީމާ ހުރީ ހިތުލައިގެންނެވެ.

*****

މެންދުރުގެ ވަގުތެވެ. އިރުގެ ރައްދަކަ އަވިން ދުނިޔެމަތި އޮތީ ހޫނު ކޮށްލައިފައެވެ. ވިލާ ރޮއްޖެއްގެ މިންވަރު ވެސް އުޑުމަތިން ފާޅެއް ނުވެއެވެ. ރޯޅިތަކަށް ވެސް އޮބި ހިނދެއް ހިނދަކަށް އިރުގެ ހޫނުކަން ދިޔައީ ގަދަވަމުންނެވެ. ބޭރަށް ނިކުމެލިޔަސް ހަންގަނޑު ފިހިގެން ދާކަމުގެ ދިލަހޫނުކަމެއް އިހުސާސް ކުރެވެއެވެ.

ބޮޑުކޮޓަރީގައި ނަދީމާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ނާލާއަށް މަދަދުވެރިވާނެ ގޮތަކާ މެދު އޭނާ ވިސްނުން ހިންގަމުން ދިޔައެވެ. ނަފުސާނީ މާހިރެއްގެ އެހީ ހޯދަން ބިލާލްއާ ވާހަކަދައްކަން ވެސް އޭނާ ހިތު ލިއެވެ. ހާލަތު ބަދަލުކުރަން މަސައްކަތް ނުކުރާނަމަ އިތުރަށް ކަންތައް ބޮއްސުން ލައިގެން ހިނގައިދާނެކަމުގެ ނުތަވަސްކަން ހިތުގައި ވިއެވެ. ރުހައިމްގެ ފަރާތުން ލިބުނު ހިތާމަތަކާ ކުރިމަތިލާނެ ގޮތެއް ނޭނގި ނާލާ އެވަނީ ހިމޭންވެފައެވެ. އެފަދައިން ދުވަސްތައް ފާއިތުވާން ވެއްޖެނަމަ ދިރިއުޅުން މަތިން ނާލާ ފޫހިވެދާނެއެވެ. ނަފުސާނީ ގޮތުން ބަލިކަށިވެ ގޯސް މަގެއް އިހުތިޔާރުކޮށްފާނެތީ ވެސް ނަދީމާގެ ހާސްކަން އިތުރު ވިއެވެ.

ގޭގެ ބެލް ޖަހާލި އަޑަށް ނަދީމާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ދޮރާ ދިމާއަށް ބަލައިލެވުނު ވަގުތު، ބަދިގެއިން ނިކުތް ޝަކުންތަލާ ގޮސް ދޮރު ހުޅުވަނީއެވެ. ކާކުތޯބަލަން ހިތުގައި އުފެދުނު ޝައުގާއެކު ނަދީމާ ސޯފާއިން ތެދުވުނެވެ. އޭނާއަށް ދޮރުކުރިމަތީ ހުރި ސަކީނާ ފެނި ބަލަން ހުރެވުނީއެވެ. ހައިރާންކަމާއެކުގައެވެ. ސަކީނާ ވެސް ނަދީމާއާއި ނަޒަރު ބައްދަލުކޮށްލަމުން އިސްޖަހާލައިފިއެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ސަކީނާއާއި ނަދީމާއަށް ވަގުތު ދެމުން އޭނާ ކުރަމުން ދިޔަ މަސައްކަތަށް ޝަކުންތަލާ އެނބުރި ރުޖޫއަވެއްޖެއެވެ.

''ވަދޭ...'' ދެފިކުރެއްގެ މަތީގައި ހުރި ނަދީމާ ވާހަކަދެއްކިއެވެ. ރުހައިމްގެ އާއިލާ މީހަކު އެގެއަށް އައުން އޭނާ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ނަމަވެސް ސަކީނާގެ ފަރާތުން ނާލާއަށް މިހުރިހާ އަހަރެއް ވަންދެން ލިބުނު މައިވަންތަކަމުގެ ލޯބި ހާނދާންނައްތާލެވޭ ގޮތެއް ނުވިއެވެ. އަމިއްލަ ދަރިއަކު ފަދައިން ނާލާ ދެކެ ސަކީނާ ލޯބިވާކަމާ މެދު ދެބަސްވެވޭނެ ގޮތެއް ވެސް ނުވިއެވެ. ކަން އެހެން އޮތްއިރު ނާލާގެ ހާލަތު އެނގެން ސަކީނާ ބޭނުންވާނެކަން ވެސް އޭނާއަށް އެނގުނެވެ. ނާލާއަށް އެ ހިތާމަ ލިބުނީ ރުހައިމްގެ ފަރާތުން ކަމަށްވުމުން އެމީހުންނާ ކުރިމަތިލާން ސަކީނާއަށް ދަތިވެފައިވާ މަންޒަރުތައް ވެސް ނަދީމާ ދުށްޓެވެ. އިސްޖެހި ލަދުގެންފައިވާ މަންޒަރު ވެސް މެއެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ސަބަބުން މައިންބަފައިން ވެސް މިއަދު އެވަނީ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައެވެ. މުޖުތަމައުގެ މީހަކާ އިސްއުފުލައި ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. ރުހައިމްއާ މެދު ނަދީމާގެ ހިތުގައި އޮތް ރުޅިވެރިކަމާއި ފޫހިކަން އިތުރުވާން ފެށިއެވެ.

*****

ޝަކުންތަލާއަށް ގޮވާލަމުން ސަކީނާއަށް ފިނި ބުއިމެއް ގެނެސްދިނުމަށް ނަދީމާ ބުނެލިއެވެ. އެއަށްފަހު އޭނާ ގޮސް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ނަދީމާގެ ފަހަތުން ގޮސް ވަކިން ހުރި ސޯފާ ގޮނޑީގައި ސަކީނާ އިށީނެވެ. ގޭތެރެއަށް ވެރިވެފައި އޮތް އާދަޔާ ހިލާފު ހަމަހިމޭންކަން ސަކީނާއަށް ފާހަގަ ކުރެވުނެވެ. ނާލާގެ ހިލަމެއް ނުވާކަން ވެސް މެއެވެ.

''ނާލާ ކޮބާތަ؟...'' ހިތްވަރުކޮށްލަމުން ސަކީނާ ސުވާލުކުރިއެވެ. އޭނާ އެގެއަށް އައީ ނަދީމާގެ ރުޅިވެރިކަން ކުރިމަތި ވިޔަސް ހެޔޮ ކަމަށެވެ. ވަގުތު ނެގީ ވެސް ނަފުސު އެކަމަށް ހާނަން ޖެހުނީތީއެވެ. ނާލާއާ މެދު ފިކުރުބޮޑުވެ ނާލާގެ ހާލަތު އެނގެން ސަކީނާ ހުރީ ނުހަނު ބޭނުން ވެފައެވެ. ގެއިން ނިކުމެގެން ދިޔަ ދުވަހަށް ފަހު ރުހައިމްގެ ހަބަރެއް ވެސް އޭނާއަކަށް ނުވެއެވެ. ހަބަރު އޮޅުންފިލުވާނެ ގޮތެއް ވެސް ނެތެވެ. ފާރޫގުގެ ސަބަބުން އޭނާގެ އަތުގައި ވަނީ މަޖުބޫރުގެ ހިލިހިލާ ޖެހިފައެވެ.

''ކޮޓަރީގަ...'' ނަދީމާގެ އަޑުގައިވި މާޔޫސްކަން ސަކީނާއަށް ދޭހަކުރެވުނެވެ. ''އެއީ ކުރީގެ ނާލާއެއް ނޫން...''

އިތުރަށް ސުވާލުކުރާނެހާ ހިތްވަރެއް ސަކީނާއަށް ނުލިބުނެވެ. އުދާސްކަން އެހިތަށް ބޮޑުވެގަތެވެ. ކުށްވެރިކަމުގެ އިހުސާސްތައް ވެސް ކުރެވުނެވެ.

ސުވާލުކުރަން ބޭނުންވިޔަސް ފަސްޖެހިފައި ސަކީނާ އިންކަން ނަދީމާއަށް ފާހަގަކުރެވުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ނާލާގެ ހާލަތު ސަކީނާއަށް ކިޔައިދޭން ނަދީމާ ފެށިއެވެ.

ސަކީނާ ވެސް ގޭގެ ހާލަތު ހިއްސާކުރިއެވެ. ދެ އާއިލާއަށް ވެސް ކުރިމަތިލާން ޖެހިފައިވަނީ އަލިވުމެއް ނެތް ބާރުގަދަ ތޫފާނަކާއެވެ. އެތޫފާން އޮބިގެން ދިޔަޔަސް އޭގެ ނުރައްކާތެރިކަން ދުނިޔެ އުމުރަށް ދެމިގެންދާނެކަން ގައިމެވެ.

''ކާއެއްޗެއް ކަނީއެއް ނޫން... އިހަށް ދުވަހު އަނބުރައި ގަނެގެން ހޮސްޕިޓަލަށް ވެސް ގެންގޮސްފި... ރުހައިމްއާ ދެމީހުން ވަރިވެއްޖެކަމުގެ ހަބަރު ހޮސްޕިޓަލުގައި ފެތުރޭތީ ވަޒީފާއަކަށް ނުދޭ... ކޮޓަރިން ވެސް ނިކުންނާކަށް ބޭނުމެއް ނުވޭ... ކުރީ ދުވަހު އާދޭސްކޮށްގެން ވެސް އެނދުން ނުތެދުވެ އޮތީ... ސަކީނާ... އަހަރެން ގޮތް ހުސްވާން ކައިރިވެއްޖެ... ނާލާއާ މެދު އަހަރެން ބިރުގަންނަން ފަށައިފި... ކޯޓުން އައި ދުވަހުން ފެށިގެން ވަކިން ބޮޑަށް ގޯސްވެއްޖެހެން އަހަންނަށް ހީވަނީ...'' ވާހަކަދައްކަމުން ގޮސް ނަދީމާގެ އަރުބެދެން ފެށިއެވެ. ނާލާއާ މެދު ހާސްވެފައިވާކަން އެ ދެލޮލުގައިވި ކަރުނަތަކުން ވެސް ހެކިދިނެވެ. އެ މަންޒަރުތައް ފެނި ސަކީނާއަށް އިސްއޮބާލެވުނީއެވެ. ނާލާގެ ހިތްދަތި ފަލްސަފާ އަޑުއިވި އެހިތުގައި ވެސް ރިއްސާލައިފިއެވެ. އެވަގުތު ރުހައިމްއާ މެދު އެހިތް ފުރިގެން އައީ ޝަކުވާތަކުންނެވެ.

''ނަދީމާގެ ގާތުން މައާފަށް އެދެންވީ ގޮތެއް ވެސް އަހަންނަކަށް ނޭނގޭ...'' ހިމޭންކަމުގެ ސުކޫތަކަށްފަހު ސަކީނާ ބުންޏެވެ.

''ސަކީނާ ނުޖެހޭނެ މައާފަށް އެދޭކަށް، އަހަންނަށް އެނގޭ ރުހައިމްގެ ސަބަބުން ސަކީނާއަށް ވެސް ހިތްދަތިކަން ލިބިއްޖެކަން، ހުރި ހަމައެކަނި ދަރިފުޅުގެ ފަރާތުން އެފަދަ ކަމަކާ ކުރިމަތިލާން ޖެހުން އެއީ ފަސޭހަ ކަމަކަށް ނުވާނެ... އޭނާގެ ސަބަބުން ސަކީނާއާއި ފާރޫގަށް ވެސް ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނީ، ދިން ތަރުބިއްޔަތުގައި ވެސް އޭނާއަށް ނުހިފުނު، މައިންބަފައިން ވީ ގުރުބާނީތަކަށް ވެސް އިހްތިރާމެއް ނުކުރެވުނު، އެކަހަލަ ދަރިއަކު ހުރުމަށް ވުރެން......'' ރުހައިމްއާ މެދު ހިތުގައި އޮތް ރުޅިވެރިކަން ހަމައިން ނެއްޓިދާނެތީ ނަދީމާ ވާހަކަ ކުރުކޮށްލިއެވެ. ރުހައިމްގެ ވާހަކަދައްކައިގެން ސަކީނާއަށް އިތުރު ތަކުލީފެއް ދޭން އޭނާ ބޭނުމެއް ނުވިއެވެ.

ނަދީމާގެ ހިތުގައި އޮތް ރުޅިވެރިކަން ސަކީނާއަށް އިހުސާސްކުރެވުނެވެ. އެކަމާ އޭނާ ދެރަވިޔަސް ކުރެވޭނެ އިތުރުކަމެއް ނެތޭ ހިތަށް އެރިއެވެ.

''ނާލާއާ ބައްދަލުކޮށްލިޔަސް އެންމެ ރަނގަޅުތަ؟...'' ސަކީނާ ހުއްދައަކަށް އެދުނެވެ.

''ސަކީނާ ވާހަކަދެއްކީމަ ރަނގަޅު ބަދަލެއް އަތުވެދާނެހެން ހީވަނީ... އެކަމާ މެދު ވިސްނާވިސްނާ ބޯފަޅައިގެންދާން ކައިރިވެއްޖެ...'' އަވަސްއަވަހަށް ނަދީމާ ބޯޖަހާލިއެވެ. އޭނާ ހުރީ ސަކީނާގެ މަދަދުވެރިކަން ވިޔަސް ބޭނުން ވެފައެވެ. ނާލާއަށް ހެޔޮ ބަދަލެއް އަންނަނިކޮށް އޭނާއަށް އެނިމުނީއެވެ.

''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވެދާނެ... ނާލާއަކީ ބަލިކަށި ކުއްޖެއް ނޫން...'' ނަދީމާގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ސަކީނާ ވާހަކަދެއްކިއެވެ.

*****

''ދަރިފުޅާ ނާލާ...'' ނާލާގެ ކޮޓަރީގެ ދޮރުގައި ނަދީމާ ޓަކި ދިނެވެ. އަދި ފުރަގަހުގައި ހުރި ސަކީނާއަށް ބަލައިލަމުން އަނެއްކާ ވެސް ނާލާއަށް ގޮވާލަމުން ވާހަކަދައްކަން ފެށިއެވެ.

''ދަރިފުޅާ ބައްދަލުކުރަން މީހަކު އައިސް އެބަހުރި...'' ސަކީނާގެ ނަން ހާމަކޮށްފިނަމަ ނާލާ އިންކާރުކޮށްފާނެތީ ނަދީމާ ބުނެލިއެވެ. އިރުކޮޅެއް ފާއިތުވެ ދިޔަ ފަހުން ވެސް ނާލާގެ ހިލަމެއް ނުވިއެވެ. ފަސްއެނބުރި ސަކީނާގެ މޫނަށް އުދާސްކަމާއެކު ބަލައިލަމުން ތަޅުގައި ނަދީމާ ހިފާލިއެވެ. ނަސީބު ދިމާކުރި ގޮތުން ދޮރު ހުރީ ތަޅު ނުލައެވެ. އަވަސްއަވަހަސް ތަޅުގައި ހިފައި ނަދީމާ އަނބުރާލިއެވެ.

މެންދުރުގެ ވަގުތަށް ވިޔަސް ކޮޓަރީގައި އޮތީ އަނދިރިކަމެވެ. ބޮކިތައް ނިއްވާލައިފައެވެ. ކުޑަދޮރުގެ ބޯފޮތިތައް ދަމާލާފައި ހުރުމުން އިރުގެ އަލިކަމެއް ވެސް ކޮޓަރިއަށް ފެތުރިފައެއް ނެތެވެ.

''ދަރިފުޅާ...'' ބޮކިތައް ދިއްލުމުގެ ބަދަލުގައި ނަދީމާ ގޮސް ކުޑަދޮރުގެ ފޮތިތައް ކަހާލިއެވެ. އެއާއެކު އިރުގެ އަލިން ކޮޓަރި އުޖާލާ ވެއްޖެއެވެ.

އެނދުގައި އޮތް ނާލާއަށް އުނދަގޫވެގެން ބަނާތު ގެނެސް ބޮލުގައި އަޅައިގަތެވެ. ދޮރު ހުޅުވުނު ވަގުތުން ފެށިގެން އޭނާ އޮތީ ލޯމަރައިގެންނެވެ. އެއްވެސް މީހަކާ ބައްދަލުކުރަން އޭނާ ބޭނުމެއް ނުވެއެވެ. ނިދާކަމުގެ ތަމްސީލު ކުޅެމުން ދިޔައީ އެހެންވެއެވެ.

''މަންމައަށް އެނގޭ ދަރިފުޅު ތިއޮތީ ނިދަން ނޫންކަން...'' އެނދުކައިރިއަށް ހުއްޓެމުން ނަދީމާ ބުންޏެވެ.

''ނާލާ...'' ސަކިނާ ވެސް އެނދުކައިރިއަށް ހުއްޓުނެވެ.

ސަކީނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ކުއްލިޔަކަށް ބަނާތުގަނޑު މޫނާއި ދުރުކޮށްލަމުން ސަކީނާއަށް ނާލާ ބަލައިލިއެވެ. ކަރުނަތައް އޭރު ވެސް އެދެލޮލުގައި ވިއެވެ.

ނާލާއާ ނަޒަރު ބައްދަލުވުމާއެކު ސަކީނާ ސިހިގެން ދިޔައެވެ. އޭނާއަށް މުޅިން ތަފާތު މީހަކު ފެނުނު ކަހަލައެވެ. ހައިރާންވެ އަންތަރީސްވެ އޭނާއަށް ނާލާގެ މޫނަށް ބަލަން ހުރެވުނެވެ. އޭރު އެހިތުގައި ރިހެން ވެސް ފަށައިފިއެވެ.

ހިތާމަކުރުމުގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނާލާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހިކިއަނަރޫފަވުމުގެ ސަބަބުން ހަށިގަނޑު ފެންނަނީ ބަލިކަށިވެފައެވެ. ކޮލުގެ މަސްތައް ވަނީ ވަޅުވަދެފައެވެ. ތުންފަތް ކުރަކިވެ ތަންތަންކޮޅުން ވަނީ ފަޅައިގެން ގޮސްފައެވެ. ބޮޑު ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ދިރުމުގެ ނިޝާނެއްގެ މިންވަރު ވެސް ނުވެއެވެ. މޫނު ވެސް ވަނީ ހުދުވެފައެވެ. ދިރިހުއްޓަސް މައްޔިތަކަށް ވެފައިވާކަމުގެ އަލާމާތްތައް ވެސް ފަންނަމުން ދިޔައެވެ.

''ނާލާ...'' މިފަހަރު ސަކީނާގެ އަޑުގައި އެކުލެވިގެން ވަނީ މޮޅިވެރިކަމެވެ. އޭނާއަށް ނާލާގެ މަގަތުގައި އިށީނދެވުނެވެ. އަދި އޯގާތެރިކަމާއެކު ނާލާގެ ބޮލުގައި ފިރުމާލެވުނެވެ.

''ކީއްކުރަން މަންމަ...'' ކުއްލިޔަކަށް ނާލާ ވާހަކަ މެދުކަނޑާލައިފިއެވެ. މަންމަ ކިޔުމުގެ ހައްގު އޭނާއަށް ގެއްލިފައިވާކަން ހަނދާންވީއެވެ. ނާލާއަށް އިސްޖަހައިލެވުނެވެ.

ނާލާއަށް ވެގެން ދިޔަ ގޮތް ސަކީނާއަށް ފެނުނެވެ. އަވަސްއަވަހަށް ނާލާގެ އަތުގައި ސަކީނާއަށް ހިފާލެވުނެވެ.

''ދަރިފުޅާ... މީ ހަމަ ދަރިފުޅުގެ މަންމައެއް، ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އެކަން ބަދަލެއް ނުވާނެ...'' ނާލާގެ އަތަށް ސަކީނާ މަޑުމަޑުން ފިތާލިއެވެ. ހިތްވަރުލައިދެމުންނެވެ.

ނާލާއަށް ގިސްލެވުނީއެވެ.

''ދިރިއުޅުމަކީ އިމްތިހާނެއް... އަބަދު އެއްގޮތަކަށް ދިރިއުޅުން ކުރިއަށް ނުދާނެ، ކުއްލިޔަކަށް ހީވެސް ނުކުރާ ފަދަ ބަދަލުތަކެއް އައިސްދާނެ... އެހުރިހާ ކަމަކާ ވެސް ކެތްތެރިކަމާއެކު ކުރިމަތިލާން ވާނެ، ދިރިއުޅުމާ މެދު އުއްމީދު ގެއްލުވާލައިގެން ވެސް ނުވާނެ... ސާބިތުކަމުގައި ހުންނަން ވާނެ، އޭރުން އީމާންތެރިކަން ވެސް އިތުރުވެގެން ދާނީ... މަންމައަށް އެނގޭ ދަރިފުޅަށް ހިތްދަތިކަން ލިބިފައިވާކަން، އެކަމަކު ދަރިފުޅު ތިހެން އަމިއްލަ ނަފުސު ބަލިކަށިވުމުގެ ފުރުސަތު ނުދީ، އަމިއްލަ ނަފުސަށް އަނިޔާ ނުދީ... ސިއްހަތަކީ ވަރަށް މުހިންމު އެއްޗެއް، ސިއްހަތު ގެއްލިއްޖެނަމަ އެކަމުގެ ހިތާމަތައް އަބަދުމެ އުފުލަން ޖެހިދާނެ... ދަރިފުޅު މިއަދު އުފުލަމުން ތިދާ ހިތާމަތައް ފެނި މަންމަ ވަރަށް ބޮޑަށް ދެރަވޭ، އެންމެ ބޮޑަށް ދެރަވަނީ ދަރިފުޅަށް މަދަދުވެރިވާނެ ގޮތެއް ނޭނގޭތީ... ދަރިފުޅާ... މަންމައަށް މައާފްކުރޭ...'' އަސަރުން ފުރިގެންވި އަޑަކުން ނާލާއަށް ނަސޭހަތް ދެވޭތޯ ސަކީނާ މަސައްކަތް ކުރިއެވެ. ނާލާ ހިޔާރުކޮށްފައި އެވާ މަގުން ކުރިއަށް ދިއުމުގެ ފުރުސަތު ދީފިނަމަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. އަމިއްލަ ނަފުސަށް އަނިޔާތެރި ނުވުމަށް ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.

''ނޫން... ނޫން... މަންމަ މައާފަށް ނޭދޭ...'' ކަރުނުން ފުރިފައިވާ ދެލޮލާއެކު ނާލާ ދެފަރާތަށް ބޯހޫރަން ފެށިއެވެ. ''މަންމަ މައާފަށް އެދޭ ކަމެއް ކުރިމައްޗެއް ނުވޭ...''

''ދަރިފުޅު މަންމައަށް ވައުދެއް ވާނަންތަ؟...'' ލޯތްބާއެކު ނާލާގެ ކަރުނަތައް ސަކީނާ ފޮހެލަ ދިނެވެ. އަދި ނާލާގެ އަތްތިލައަށް ފިތާލިއެވެ.

''މަންމާ...'' ނާލާއަށް ގޮވާލެވުނެވެ. އެއްވެސް ކަމަކަށް އޭނާއަށް ޔަގީންކަން ދެވޭނެހެން ހީނުވާތީއެވެ. ދިރި ހުރީ ވެސް ހިނދުރީގައި ނޭވާ ވާތީއެވެ.

''ދަރިފުޅު އަމިއްލަ ނަފުސަށް އަނިޔާ ނުދޭތި، ތިހެން ނުކައިނުބޮއި ހުރުމުން އެއްވެސް ކަމަކަށް ހައްލެއް ނުލިބޭނެ، ދަރިފުޅު ބަލިވެއްޖެނަމަ މަންމަ ވަރަށް ހިތާމަކުރާނަން، އެފަދަ ދުވަހެއް ކުރިމަތިވުމުގެ ފުރުސަތު ނުދެއްޗޭ، ދަރިފުޅާއެކު މަންމަމެން ތިބޭނަން، ހިތްވަރުކަމުގައި ވާނަން، ﷲ އެކަލާނގެ އަޅަކަށް ނުއުފުއްލޭވަރުގެ ހިތާމައެއް ކުރިމައްޗެއް ނުކުރައްވާނެ...'' ސަކީނާ ބުންޏެވެ.

ހިމޭންކަމުގެ ދުލާއެކު ނާލާ އިނީއެވެ. އިސްޖަހައިގެންނެވެ.

ނަދީމާއަށް ނާއުއްމީދާއެކު ބަލައިލެވުނީ ސަކީނާ އަށެވެ. ސަކީނާ ވެސް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ނަދީމާއަށް ބަލައިލިއެވެ. ގޮތް ހުސްވެފައިވާ ފަދައެވެ.

''ހެނދުނު ސައިބޮއެފިންތަ؟...'' ނާލާ އަނގައިން ނުބުނުމުން ވާހަކަދެއްކީ ސަކީނާއެވެ. މިފަހަރު އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނާލާ ދެފަރާތަށް ބޯހޫރާލިއެވެ.

''ބަނޑުހައި ނުވޭ...'' ނާލާ ބުނެލިއެވެ.

''އެހެން ކަމަކު ނުދާނެ... ހިނގާ މަންމައާއެކު މެންދުރު ކާން...'' ސަކީނާ ބުނެލިއެވެ.

ބޮޑާހާކަން ނާލާއަށް ނުކެރުނެވެ. ތުންފިއްތާފައި ވެސް އޭނާ ތެދުވުނެވެ. ތެދުވުމާއެކު މޫނުމައްޗަށް އަނދިދިރިވާހެން ހީވުމާއެކު އަނެއްކާ ވެސް އެނދުގައި އިށީނެވެ.

''ދަރިފުޅު ނަރުހަކަށް ވެފަ ތިހާ ފަރުވާކުޑަ ވާކަށް ނުވާނެއެއްނު، ގެއްލިއްޖެ ސިއްހަތެއް އަނބުރާ ހޯދަން ކިހާ އުނދަގޫކަން ދަރިފުޅަށް ވެސް އެނގޭނެއެއްނު...'' ނަދީމާއަށް މަޑަކުން ނުހުރެވުނެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ.

''ތެދެއް، ތިހެން ނުކައި ހުރުން އެއީ ވަރަށް ގޯސްކަމެއް...'' ސަކީނާ ވެސް އިތުރުކޮށްލިއެވެ.

*****

ސަކީނާއާއި ނަދީމާ އެއްބައިވެގެން ގަދަކަމުން ނާލާއަށް ކާން ދިނެވެ. ކާއެއްޗެހި ދިރުވަންވެސް ނާލާއަށް އުނދަގޫވެފައި، ކެއުން ނިންމަން އެތައް އިރެއް ނެގިއެވެ. އެ މަންޒަރުތައް ބަލަން ސަކީނާއަށް ކެތެއް ނުވިއެވެ. ހިކި އަނަރޫފަވެފައި ހުރި ނާލާގެ ހަށިގަނޑަށް ބެލުނީ މޮޅިވެރިކަމުގެ ދެލޮލުންނެވެ.

''ރުހައިމް... ކީއްވެތަ މިހެން ކަންތައް ކުރީ؟... ނާލާ ހުރި ހާލަތު އެބަފެނޭތަ؟... އުފުލާ ހިތާމަތައް އެބަފެނޭތަ؟...'' ސަކީނާގެ ހިތް ޝަކުވާތަކުން ފުރުނެވެ.

(ނުނިމޭ)