ދިވެހި ޕްރިމިއާ ލީގު

މުހިއްމު މޮޅަކާއެކު ޓީސީން ހަތަރުވަނައިގައި ފުރަތަމަ ބުރު ނިންމާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ހަތަރު ވަނައިގައި ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ޓީސީ ކާމިޔާބު ކޮށްފައިވާ އިރު، މެޗަށް ނުކުތްއިރު ޓީސީ އޮތީ ހަ ވަނައިގައެވެ. އެ ޓީމު ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ގްރީން ސްޓްރީޓްސްއިން ތާވަލުގެ ހަ ވަނައިގައި އޮތީ ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ހަތް މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު ގްރީން ސްޓްރީޓްސްއަށް ވުރެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ހަމަލާތައް ފެނުނީ އެންމެ ނުރައްކާތެރިކޮށެއް ނޫނެވެ. މި ސީޒަންގެ މިހާތަނަށް ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އައްޒާމްގެ ރަނގަޅު ހަމަލާއެއް ގްރީންގެ ގޯލްކީޕަރު ސާގިބު ހަނީފް މަތަކުރި އިރު، އަނެއް ކޮޅުން ހަލީލް ގަމާލްގެ ހަމަލާވެސް ޓީސީ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމަށް ވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާނެވެ. ޓީސީއަށް ލަނޑު ޖަހައިދޭން އެ ޓީމުގެ ސެއިން ވިންސެންޓް ފޯވާޑް ކެސިއަސް މެލްކަމް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ ޓީސީން ލީޑު ނެގީ މެޗުގެ 65 ވަަނަ މިނެޓުގައެވެ. އަރިމަތިން އިބްރާހިމް އަތީގް (އިއްބެ) ނަގައިދިން ހުރަަހަކުން އައްޒާމް ގޯލު ޖެހީ ބޮލުންނެވެ.

މެޗުގެ ފަހުބައިގައި މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު، ހަމަލާތައްވެސް ފެނުނީ މަދުންނެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗު މިރޭ 9:00ގައި އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އެއްވަނައިގައި އޮތް މާޒިޔާއާއި ކްލަބު އީގަލްސްއެވެ.