ދިވެހި ޕްރިމިއާ ލީގު

އަޔާގެ ގޯލާއެކު ދަ ގްރާންޑޭ ތިންވަނައަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވެ، ދަ ގްރާންޑޭ ތިންވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗު ދަ ގްރާންޑޭއިން 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރި އިރު، މެޗުން ދަ ގްރާންޑޭ މޮޅުވި ގޯލް، ފަހު ވަގުތު ޖަހައިދިނީ އަޔާޒު އަހުމަދު (އަޔާ) އެވެ. މޮޅާއެކު ދަ ގްރާންޑޭން ފުރަތަމަ ބުރު ނިންމާލީ ތިންވަނައިގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ވެސް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފެނުނީ ޔޫވީގެ ފަރާތުންނެވެ. އަލީ ހައިޝަމް (ޗުމްޕު) އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައިރު، އޭގެ ހަތް މިނިޓް ފަހުން ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ހައިޝަމް ބޮލުން ފޮނުވާލިއިރު ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ އެ ބޯޅަ ހުއްޓުވައިފައެވެ.

ދަ ގްރާންޑޭ އިން ލީޑު ނެގީ މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ޖެހި ގޯލުންނެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މުލަކޭ ޖެހި ބޯޅަ ތިރިތިރިން ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވިކްޓަރީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ފުރަތަމަ ހާފުގައިވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ހައިޝަމް ގޯލު ޖެހީ މެޗުގެ 55 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ) ދިން ބޯޅައަކުންނެވެ. އޭގެ ފަހުން ޔޫވީއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައިވާ އިރު، އަނެއް ކޮޅުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔާ ދަ ގްރާންޑޭ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 87 ވަނަ މިނެޓުގައެވެ.

އޭރިއާ ތެރެއިން ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް ދިން ބޯޅަ އަޔާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައި އަޔާ މި ސީޒަނުގައި ޖެހި ތިންވަނަ ގޯލެވެ. މީގެ ކުރިން އޭނާ ވަނީ ވެލެންސިއާ އާއި މާޒިޔާ ކޮޅަށް ވެސް ދެވަނަ ހާފުގައި ލަނޑު ޖަހައިފައެވެ.

މެޗުގެ ފަހު މިނެޓުގައި އަޔާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަހްރޯރް ފޮނުވާލި ނަމަވެސް އެ ބޯޅައިގައި ބާރެއް ނެތި އަމާޒުވީ ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް އަތަށެވެ.

ލީގުގެ މެޗުތައް މިއަދުވެސް އޮންނާނެއެވެ. މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ މާޒިޔާއިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.