މާލޭ އިންގްލިޝް ސްކޫލް ކުރިން ހިންގި އިމާރާތް (މިހާރު ހިންގާ އިއްޒުންދީން ސްކޫލް) ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން އިތުރު ދަރިވަރުން ނުނެގުމަށާއި، އެ އިމާރާތަށް އިތުރު ހަރަދެއް ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް މާލޭހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އިބްރާހިމް އިސްމާއިލު (އިބުރާ) ސުޕްރީމްކޯޓަށް ހުށަހަޅުއްވައިފި އެވެ.
އެ ފަދަ އަމުރަކަށް އެދި އެފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގޯސްކޮށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން، އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އެކަމުގައި ބަދަލު ނަގައިދެވެން ނެތް ކަމަށް އެކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކޮށްފައި ވަނިކޮށް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައެވެ.
އެ އަމުރު ނެރެދިނުމަށް އެދި ސުޕްރީމްކޯޓަށް ހުށަޅުއްވަމުން މާލޭހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލު ވިދާޅުވީ، އެފަދަ އެއްބަސްވުމެއް ނެރެދިނުމަށް އެދުނީ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައި މައްސަލަ ހިނގަމުންދާއިރު، މައްސަލަ ނިމޭގޮތަކުން އެ އިމާރާތް މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރަން ޖެހިއްޖެނަމަ ދިމާވާ ދަތިތައް ކުޑަކުރުމަށް ޓަކައި ކަމަށެވެ.
އެހެންކަމުން އެމައްސަލައަށް ނިހާއީ ހުކުމެއް އިއްވަންދެން އެގޮތަށް، އިތުރު ދަރިވަރުން އެތަނަށް ނުނެގުމަށާއި އެ އިމާރާތަށް އިތުރު ހަރަދެއް ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭކަމަށް ވަކީލު ވިދާޅުވިއެވެ. އޭގެ އިތުރުން ތިންވަނަ އެއްވެސް ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އެތަނުގައި އުފަން ކުރުވާނޭ ފުރުސަތު ފަހިވާނޭ އެއްވެސް އަމަލެއް ނުހިންގުމަށް އަމުރުކޮށްދިނުމަށްވެސް ވަކީލު ސުޕްރީމްކޯޓަށް ހުށަހެޅިއެވެ.
އެމްއީއެސް ހިންގި އިމާރާތް، މާލޭހައި ޕްރައިވެޓް ލިމިޓެޑްގެ މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް އެކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކުރީ ހުސްވި 2020 ވަނަ އަހރުގެ ޖޫން 18 ގައެވެ.
ސުޕްރީމް ކޯޓް