ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ޓްރަމްޕުގެ އަތުގައި ނިއުކުލިއަރ ބްރީފްކޭސް އޮތަސް އޭގެ ބޭނުމެއް ނުކުރެވޭނެއެވެ.

އިމާދު ލަތީފު

ޖޯން އެފް ކެނެޑީގެ ރިޔާސީ ދައުރުން ފެށިގެން މިއަދާ ހަމަޔަށްވެސް އެމެރިކާގެ ރައީސުން ބަރާބަރަށް އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތެއް އޮވެއެވެ. ދައުރު ނިމުނީމާ އައު ރައީސާއި ބްރީފްކޭހެއް ހަވާލުކުރައްވައެވެ. އެއީ މަޝްހޫރު ނިއުކުލިއަރ ބްރީފްކޭހެވެ. މިއީ އެމެރިކާގެ ހުރިހާ ނިއުކުލިއަރ ހަތިޔާރެއްގެ ކޮންޓްރޯލާއި ގުޅިފައިވާ ފޮށްޓެވެ. އެޔަށް ނިއުކުލިއަރ ފުޓުބޯޅައޭވެސް ކިޔައެވެ. މިއީ ރައީސް ދާހައިތާކަށް ގެންދެވޭ އެއްޗެކެވެ. ގާތްގަޑަކަށް ވިހިކިލޯގެ ބަރުދަން ހުންނަ މި ބްރީފްކޭސް އުފުލަނީ ރައީސްގެ އަރިހުގައި އަބަދުވެސް ހުންނަ އަސްކަރީ އޮފިސަރެކެވެ. އައު ރައީސް ހުވައިކުރެއްވުމާއެކު މި ބްރީފްކޭސް އޭނާޔާ ހަވާލުކުރައްވަނީ ކުރީގެ ރައީސެވެ.

މި ބްރީފްކޭސް އޮތީ މިހާރު ޓްރަމްޕުގެ އަތުގައެވެ. އޭނާ ވައިޓްހައުސްދޫކޮށް ފްލޮރިޑާއަށްވެސް ދިޔައީ ބްރީފްކޭސް ހިފައިގެންނެވެ. އައު ރައީސް ޖޯ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޓްރަމްޕު ބައިވެރިއެއް ނުވާނެއެވެ. އެހެންވީމާ ދައުރު ހަމަވުމުން މި ބްރީފްކޭސް ޓްރަމްޕު އަތުން އަތުލެވޭނީ ކިހިނަކުން ހެއްޔެވެ. އައު ރައީސާ ހަވާލުކުރާނީ ކިހިނަކުން ހެއްޔެވެ. މިއަދު ވަރަށް ގިނަ ބަޔަކު ކުރާ ބޮޑު ސުވާލަކީ މިއީއެވެ. ދައުރު ހަމަވީމާ އެންމެ ސިކުންތަކުވެސް ޓްރަމްޕުގެ އަތުގައި ނިއުކުލިއަރ ކަޅުފޮށި އޮވެގެން ނުވެއެވެ. އެއީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އަދި ރައްކާތެރި ކަމެއްވެސް ނޫނެވެ. ނިއުކުލިއަރ ކަޅުފޮށީގެ ސުވާލު ކުރެވެނީ އެހެންވެގެންނެވެ.

މިފޮށްޓަކީ ބަލާބެލުމަށް ހަމަ އާދައިގެ ބްރީފްކޭހެކެވެ. އެމެރިކާގެ ހުރިހާ ނިއުކުލިއަރ ހަތިޔާރެއްގެ ކޮންޓްރޯލާއި އަސްކަރީ މުވާސަލާތުގެ ވިޔުގަ އޮތީ މީގެ ތެރޭގައެވެ. ކިއުބާގެ މިސައިލް މައްސަލަޔާ ގުޅިގެން ހަމަ ދެންމެދެންމެ ނިއުކުލިއަރ ހަގުރާމައެއް ފެށިދާނޭ ކަމުގެ ބިރު ބޮޑުވި ޒަމާނުގައި ވުޖޫދުކުރެވުނު އެއްޗެކެވެ. މިއީ ރައީސް ކޮންމެތާކު ހުންނެވިޔަސް އޭނާއަށް ކޮމާންޑް ސިގްނަލް ދެވޭގޮތަށް އަދި މުވާސަލާތު ކުރެވޭގޮތަށް ފަރުމާކޮށްގެން އުފެއްދި ކޮންޓްރޯލް ސިސްޓަމެކެވެ. މިއަށް ނިސްބަތްކޮށްފައި ކިތަންމެ ފަހަރަކު ޓްރަމްޕު ވަނީ ގައުމުތަކަށް އިންޒާރުވެސް ދީފައެވެ. އެއްފަހަރަކު އުތުރުކޮރެޔާގެ ކިމްއަށް ބުންޏެވެ. ކަލެޔަށްވުރެ ބޮޑު އަދި ފުރިހަމަ ނިއުކުލިއަރ ގޮބެއް އޮތީ އަހުރެންގެ އަތުގައެވެ. އެއަށް ފިތައިލީމާ ކަލެޔާއި ކަލޭގެ ގައުމު ސިކުންތެއްގެ ތެރޭގައި ވުޖޫދުންވެސް ފޮހެވިދާނެއެވެ.

ނިއުކުލިއަރ ބްރީފްކޭސް ހަވާލުކުރުން އޮންނަ ގޮތަކީ ގާނޫނުއަސާސީއަށް ވަފާތެރިވެގެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރާން ރުހި މަގާމާ ހަވާލުވެއްޖައީމޭ އައު ރައީސް ވިދާޅުވާ ވަގުތު ކުރީގެ ރައީސްގެ ފަހަތުގައި މި ބްރީފްކޭސް ހިފައިގެން ހުންނަ އޮފިސަރު އައު ރައީސްގެ ފަހަތުގައި މިކަމަށް ޚާއްސަކުރެވިފައިވާ އައު އޮފިސަރުގެ އަތަށް ބްރީފްކޭސް ދީފާނެއެވެ. ގިނަފަހަރަށް ވީނުވީއެއްވެސް ނޭގޭގޮތަށް ނިކަން ފަރިތަކޮށް ހަލުވިކޮށް ކުރާ ކަމެކެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ގިނަބަޔަކަށް މި މަންޒަރު ނުވެސް ފެންނާނެއެވެ. ކޮންމެއަކަސް މިފަހަރު މިކަން މިގޮތަކަށެއް ނުހިގާނެއެވެ. ދެރައީސުން އެއްތަން ނުވާތީއެވެ. ބައްދަލު ނުކުރާތީއެވެ. ޓްރަމްޕުގެ އެއްބާރުލުން ނުލިބޭތީއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ޓްރަމްޕުގެ ބައިވެރިވުމެއް ނެތަސް ނިއުކުލިއަރ ބްރީފްކޭހުގެ މާބޮޑު މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ. މިއަދު ހެނދުނު އައު ރައީސާއި އޭނާގެ އަސްކަރީ އެހީތެރިޔާއަށް އައު ޗިޕަކާއެކު ނިއުކުލިއަރ ކޯޑުތަކުގެ މައުލޫމާތު ވަނީ ދެވިފައެވެ. އައު އައިޑީވެސް އޮތީ އޭގައެވެ. ބައިޑެން ހުވާކުރައްވާ ސިކުންތުގެ ތެރޭގައި އެ އައިޑީ އެކްޓިވޭޓްވާނެއެވެ. ޓްރަމްޕުގެ އައިޑީ އެކްސްޕަޔަރ ވާނެއެވެ. އެހެންވީމާ ޓްރަމްޕުގެ އަތުގައި ބްރީފްކޭހެއް އޮތަސް އޭގެ ބޭނުމެއް އޭނާއަށް ނުކުރެވޭނެއެވެ. އައު ރައީސް ބައިޑެންއާ ހަވާލުކުރާނީ އައު ބްރީފްކޭހެކެވެ. ޓްރަމްޕު އަތުން ބައު ބްރީފްކޭސް އަތުލާފައި އަސްކަރިއްޔާއާ ހަވާލުކުރެވޭނެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޓްރަމްޕުގެ އަމަލުތައް ހުންނަގޮތުން މިކަހަލަ ހާލަތެއް މެދުވެރިވެދާނެތީ އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދުރާލާ ތައްޔާރުވެފައެވެ. އެހެންނޫނަސް އެމެރިކާގައި އޮންނަނީ މިޒާތުގެ އެންމެ ބްރީފްކޭހެއް ނޫނެވެ. ރައީސަށް ޚާއްސަ ބްރީފް ކޭހަކާއި ނާއިބްރައީސަށް ޚާއްސަ ބްރީފްކޭހަކާއި މިދެމީހުންވެސް އެއްފަހަރާ ނާގާބިލްވެއްޖެނަމަ ދެން މިކަމަށް އައްޔަންކުރެވިފައިވާ ވަޒީރަކަށް ޚާއްސަ ބްރީފްކޭހެއް އޮވެއެވެ. އެވަގުތަކު އެކްޓިވޭޓްކުރާނެ ބްރީފްކޭހަކާއި އައިޑީއެއް ކަނޑައަޅާނީ ހާލަތަށް ރިއާޔަތްކޮށްފައި އަސްކަރިއްޔާއިންނެވެ. މިއީ އަބަދުވެސް އަސްކަރިއްޔާއިން ވަރަށް ފަރުވާތެރިކަމާއެކު ޕްރެކްޓިސް ކުރަމުން އަޖުމަބަލަމުން އަންނަ ކަމެއްކަމަށްވެއެވެ.

ރައީސް ކްލިންޓަންގެ ދައުރުގައި މި ބްރީފްކޭސް އުފުލުމާ ހަވާލުވެގެންހުރި އޮފިސަރަކާ ހަވާލާދީ ނޫސްތަކުން ބުނަނީ މިއީ ވަކިމީހެއްގެ އަތުގައި ވަކި އެއްޗެއް އޮވެގެން މައްސަލަޖެހޭނޭ ނިޒާމެއް ނޫންކަމަށާއި އެވަގުތަކު ކޮންޓްރޯލް އޮތީ ކާކުގެ އަތުގައިކަން އެނގެންޏާ މިނިޒާމު ބަރާބަރަށް މަސައްކަތް ކުރާނޭކަމުގައެވެ. ދައުރު ހަމަވުމަށްފަހު ޓްރަމްޕުގެ އަތުގައި ބްރީފްކޭހެއް އޮތަސް އެޔެކޭ ފިހާރަތަކުން ވިއްކާ ބްރީފްކޭހެކޭ ފަރަގެއް ނުވާނޭ ކަމުގައެވެ. ޓްރަމްޕުގެ ހުރިހާ އާރަކާއި ބާރެއް އޭގެމައްޗަށް ބިނާވެގެންވާ ނިއުކުލިއަރ ގޮބުގެ ބާރު ރައީސް ބައިޑެން މިއަދު ހުވާކުރައްވާ ވަގުތުން ފެށިގެން މުޅިން ނެތިގެންދާނޭ ކަމުގައެވެ.

މިކަން އޮތީ މިހެންކަމަށް ވަންޏާ ދެން މާބޮޑު ނުރައްކަލެއް ނެތްތާއެވެ. މިޔެއް ނުދޭނަމޭ، އެއީ ވޯޓުން ވައްކަންކުރި މީހެކޭ، ހަގީގީ ރައީސަކީ އަދިވެސް މަށޭ ކިޔައިފައި ބަނޑުދޮށަށް ބްރީފްކޭސް ލައިގެން ނިދިޔަސް މައްސަލައެއް ނެތްތާއެވެ. އޭގެ ބޭނުން ކުރެވޭނީކީވެސް ނޫނިއްޔާއެވެ. އެކަމަކު ބައިޑެން އަދި މަގާމުގެ ހުވައެއް ނުކުރައްވައެވެ. އަދިވެސް ރައީސަކީ ޓްރަމްޕެވެ. އޭނާ މަގާމުގައި ދެމިހުންނަ ކޮންމެ ސިކުންތަކީވެސް ދުނިޔެއަށް ބިރުވެރި ވަގުތުކޮޅެކެވެ. އެބިރުވެރިކަމާއި އެ ނުތަނަވަސްކަން ފިލައިގެންދާނީ ބައިޑެން މިރޭ މަގާމާ ހަވާލުވެވަޑައިގެންނެވުމުންނެވެ. ޓްރަމްޕުގެ ނިއުކުލިއަރ ބްރީފްކޭސް އެކްސްޕަޔަރވެ އޭނާގެ ބާރު ނެތިގެން ދިޔުމުންނެވެ.