ދޫނި ރޯގާ އުޅޭ ގައުމުތަކުން ރާއްޖެއަށް ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން މެދުކަނޑާލައިފިއެވެ.

ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދޫނި ރޯގާ އުޅޭ ގައުމުތަކުން ރާއްޖެއަށް ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން މެދުކަނޑާލީ މި ދުވަސްވަރަކީ ގިނަ ގައުމުތަކެއްގައި ދޫނި ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، އެބަލި އުޅޭ ގައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މި ބަލި އެތެރެވުމަށް އޮތް ފުރުސަތެއް ކަމަށް ބެލެވޭތީ ކަމަށެވެ.

"ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން، މި ބަލި އުޅޭ ގައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން ވަގުތީގޮތުން މެދުކަނޑާލިކަން އާއްމުކޮށް އަންގައި އިއުލާންކުރީމެވެ." މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ދޫނި ރޯގާ އުޅޭ ގައުމުތަކުގެ ތަފްސީލު ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާ ބެހޭ ޖަމިއްޔާ، އޯއައިއީގެ އެނިމަލް ހެލްތު ޑޭޓާބޭސް އިން ލިބޭނެ ކަމަށެވެ.

އެހެންކަމުން ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.