މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވަނީ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބުލިއުޓީއޯ) ގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވެ.

ސްޕެއިން ސަރުކާރުން ހޮސްޓްކުރި މިބައްދަލުވުން ބޭއްވީ މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު މެޑްރިޑްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިއަހަރު ފަހުކޮޅު މޮރޮކޯގައި ބާއްވަން ހަމަޖެހިފައިވާ ޔޫއެންޑަބުލިއުޓީއޯގެ 24 ވަނަ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނެ ކަންތައްތައް ނިންމުމެވެ.

މި ބައްދަލުވުމުގައި 2022 އިން 2025 އަށް ޔޫއެންޑަބުލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކު ނޮމިނޭޓްކުރުމަށްޓަކައި ބޭފުޅަކު ކަނޑައެޅުމަށް އިންތިހާބު ބާއްވާފައިވެއެވެ. މި އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެވެސް ސެކްރެޓަރީ ޖެނެރަލް ނޫރަބް ޕޮލޯލިކަޝްވިލިއެވެ.

މި ބައްދަލުވުމުގައި މައުސޫމް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ގިނަ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރެވިގެންދާނެ މިސްރާބަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހެދުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެވިފައިވާ ކަމަށާއި އާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށާއި އެ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ރާވަމުން އަންނަ ކަމަށެވެ. އަދި ޔޫއެންޑަބުލިއުޓީއޯގެ ބައިވެރިވުމާއެކު ހިންގޭނެ ހަރަކާތްތަކަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވިދާޅުވީ މިދިޔަ އަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް ގެނައި އަހަރެއް ނަމަވެސް ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަން ކުރިއަރައި މި ސިނާއަތުގެ ފައިދާ ހުރިހާ ގައުމުތަކަށް ލިބެން ފަށާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މާޒީއަށް ބަލާއިރު ސުނާމީ ކާރިސާ ފަދަ ފަތުރުވެރިކަމަށް އަންނަ ކޮންމެ މިކަހަލަ ލޮޅުމަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.