މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ މި އަހަރުގެ އެވޯޑް ހަފްލާ އަންނަ މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަކީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދޭ އެވޯޑެކެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑާ ގުޅިގެން އެވޯޑް ހަފްލާ ފަސްކުރުމަށްފަހު، ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.
އެމްއެމްސީން ބުނީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި "ނޫސްވެރިކަމުގެ އިނާމު 2020" މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ނޫސްވެރިކަމުގެ އިނާމު 11 ދާއިރާއަކުން ދީފައިވެއެވެ. އެގޮތުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި އެމްއެމްސީގެ ފަރާތުން ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު