ޚަބަރު

އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހުކޮށްފި

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާ ލޯގޯއެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ލޯގޯ އިފްތިތާހު ކޮށްދެއްވުމަށްފަހު ޝާހު ވިދާޅުވީ ކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން ކުންފުނީގެ ލޯގޯއަށް މި ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ކުރިއެރުންތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒުކޮށްދޭ ލޯގޯއެއް ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނެސްފައިވަނީ ކުރިން ބޭނުން ކުރަމުންދިޔަ ލޯގޯގެ ބައްޓަމާއި ސިފަތަކުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޝާހު ވަނީ ކުންފުނި ވުޖޫދުވެގެން މިއަދާ ހަމައަށް އައިއިރު އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައިފަ އެވެ.

"މީގެ 25 އަހަރު ކުރިން މި ކުންފުނި ވުޖޫދަށް އައީ އޭރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް. ރައްކާތެރި ބޯފެނާއި ނަރުދަމާއެއް ނެތުމުން ތަފާތު ބަލިތައް ފެތުރި، ރާއްޖެ އިން ހާއްސަކޮށް މާލެއިން ވަނީ އެތައް ބަޔަކު ދުނިޔެ ދޫކޮށްފައި. އެމްޑަބްލިއުއެސްސީ އުފެދި، ބަރާބަރު އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި، އިސްކުރުން ފެން ދޫކުރަން ފެށި، އަދި ޒަމާނީ ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދޭން ފެށި. މިއީ ތާރީހީ ބަދަލެއް،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭޕްރިލް 1، 1995 ގައި އެމްޑަބްލިޔުއެސްސީ އުފެދިގެން އައި އިރު، އެ ކުންފުނީގެ ފެން އުފެއްދުމުގެ ކެޕޭސިޓީއަކީ ދުވާލަކު 3900 ޓަނު ކަމަށެވެ. ނަމަވެސް މިއަދު ދުވާލަކު 30،043 ޓަނުގެ ފެން އުފެއްދޭއިރު، 60 މުވައްޒަފުންނާއެކު ފެށި ހިދުމަތުގައި މިއަދު 900 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިން ހަމައެކަނި މާލެއަށް ހިދުމަތް ދެމުން ދިޔަ ނަމަވެސް، މިއަދު ހުޅުމާލެ، ވިލިމާލެ، ކ. އަތޮޅު ތިލަފުއްޓާއި ގުޅިފަޅު، މާފުށީގެ އިތުރުން ރ. ދުވާފަރާއި ހދ. ކުޅުދުއްފުއްޓަށް ވެސް އެމްޑަބްލިޔުއެސްސީގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމުގައިވިޔަސް، މިއަދު އެ ކުންފުންޏަކީ އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިންގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އިންޖިނިއަރިންގެ ދާއިރާއިން ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކޮށް، ގާއިމްކުރުމާއި އޮޕަރޭޓް ކުރުމުގެ އިތުރުން ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.