ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު ކަމާ ހަވާލުވެއްޖެއެވެ.

ސާންތި މި ސީޒަން ފެށީވެސް ޔޫވީގެ ކޯޗިން ޓީމުގެ ތެރޭގައެވެ. މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން ޔޫވީން ސީޒަނަށް ތައްޔާރުވަމުން ދިޔައިރު، އޭރު ސާންތި ހުސްކޮށް ހުރުމުން އޭނާ ވަނީ ޔޫވީގެ ތަމްރީނުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔުނައިޓެޑް ވިކްޓްރީން މި ސީޒަނުގެ މިހާތަނަށް ކުޅުނު ހަ މެޗުން ކުރެ އެންމެ މެޗެއްގައި ވެސް މޮޅުވެފައި ނުވާއިރު، ޓީމު އޮތީ ލީގުގެ އެންމެ ފުލުގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ 1-1 އިން އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުހައްމަދު އާދަމް ވަނީ އިސްތިއުފާ ދީފައެވެ.

ސާންތިއަކީ ތަޖުރިބާ ބޮޑު ކޯޗެކެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ކްލަބު ފުޓުބޯޅައިގައި އީގަލްސްގައި ސާންތި ފާހަގަކޮށްލެވުނު އިރު، ރަނގަޅު ޓީމެއް ބިނާކޮށް، 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް އެ ކްލަބަށް ހޯދައިދީފައި ވެއެވެ.

ސާންތީ، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކޮށްފައިވާއިރު، އެފްއޭއެމާ ގުޅި ސާންތި ކުރި މަސައްކަތަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމެވެ. އޭގެ ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމަށް ފަހު، ފަހުން ޓެކްނިކަލް ޑިރެކްޓަރުކަމާ ހަވާލުވެފައި ވެއެވެ.

ސީޒަންގެ ފުރަތަމަ ހަ ހަފްތާގެ ކުޅުން ނިމުނުއިރު، މިހާތަނަށް ހަތަރު ކޯޗަކު ވަނީ މަގާމުން ދުރުވެފައެވެ. މާޒިޔާގެ ކޯޗު ކަމުގައި ސީޒަން ފެށި މުހައްމަދު ނިޒާމް (ނިޒާމްބެ)އާއި އީގަލްސްގެ ކޯޗު ކަމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގެ އިތުރުން ޔޫވީ އަދި ސަސްގެ ކޯޗު އަހުމަދު ނަޝީދު (ނާދު) ވަނީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައެވެ. އިއްޔެ ސަސްއިން ވަނީ ނާދުގެ ބަދަލުގައި ކްލަބަށް ދެން އިރުޝާދު ދޭނީ އީގަލްސް ދޫކޮށްލި މޯހަން ކަމަށް އިއުލާން ކޮށްފައެވެ.