މުނިފޫހިފިލުވުން

ސާރާ ޗުއްޓީއަށް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސާރާ އަލީ ޚާން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ސާރާ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓްގައެވެ. އޭނާ ވަނީ އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ސާރާ ވަނީ މީގެ ކުރިންވެސް ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. އެގޮތުން އެންމެ ފަހުން އޭނާ ރާއްޖެ އައީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

ސާރާއަކީ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ އަންހެން ދަރިއެވެ. އަދި ސާރާގެ މާމަ އަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓޭގޯއެވެ. ސާރާގެ އާއިލާއަކީ ފިލްމީ ތަރިންގެ އާއިލާއެކެވެ. އޭގެ ތެރޭގައި އޭނާގެ ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި އަދި ބޮޑުދައިތަ ސޯހާ އަލީ ހާން އަކީ ވެސް ބަތަލާ އެކެވެ. އޭނާގެ މަންމަ އަކީވެސް ކުރީގެ މަޝްހޫރު ބަތަލާއެކެވެ. އޭގެ އިތުރަށް އޭނާގެ ކޮއްކޮ އިބްރާހީމްވެސް ބޮލީވުޑަށް ތައާރަފުވުމުގެ ތައްޔާރީތައް ވަނީ ފަށައިފައެވެ.

ސާރާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 2018 ގައި ރިލީޒްކުރި "ކެދާރްނާތު"އެވެ. އެ ފިލްމުގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ. އޭގެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ރަންވީރު ސިންގް އާއެކު "ސިމްބާ"އިންނެވެ. އަދި މިދިޔަ އަހަރު ކާރްތިކް އާރްޔަން އާއެކު "ލަވް އާޖް ކަލް" އިންވެސް ވަނީ ފެނިގެން ގޮސްފައެވެ. ވަރުން ދަވަން އާއެކު ކުޅުނު "ކޫލީ ނަންބަރު 1" މިހާރު ވަނީ ރިލީޒްކޮށްފައެވެ. ސާރާ މިހާރު ކެޅެމުން އަންނަނީ "އަތުރަންގީ ރޭ"އެވެ. މި ފިލްމުގެ ބަތަލުންނަކީ އަކްޝޭ ކުމާރާއި ދަނޫޝްއެވެ.