ސަރުކާރުން ހިންގާ ހުރިހާ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ، ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް މިދިޔަ އަހަރު އުނގެނުން ކުރިއަށްގެންދިޔަ ގޮތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12އިން 18ގެ ނިޔަލަށެވެ. އަތޮޅުތެރޭގެ ޕްރިންސިޕަލުންނަށް އޮންލައިންކޮށް މި ޕްރޮގްރާމް ކުރިއަށްގެންދިޔަ އިރު، މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިޔައީ އިސްކަންދަރު ސްކޫލުގައެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ތައުލީމީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުރާލައި ސްކޫލުތަކުން ލަނޑުދަނޑި ކަނޑައަޅައި ތައްޔާރުވުމުގެ މުހިންމުކަމާއި، ކޮވިޑް 19އާ ގުޅިގެން ސްކޫލުތަކުން އަމަލުކުރަމުން އަންނަ ރައްކާތެރިކަމުގެ އުސޫލުތަކާ ބެހޭގޮތުންނާއި މިދިޔަ އަހަރު ސްކޫލުތަކުގައި އުނގެނުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތްތަކާ ބެހޭގޮތުން ސްކޫލުތަކުގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ.

މީގެ އިތުރުންވެސް މި ޕްރޮގްރާމްގައި ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް ސްކޫލުތަކުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އަބްދުﷲ އިސްމާއީލެވެ.