ކުޅިވަރު

ކޯޗުން ވަކިވުމުގެ ރޯޅިގަނޑެއް: މައްސަލައަކީ ކޮބާ؟ ފެންވަރު ނެތީތަ؟

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ. ކޮންމެ ޓީމަކުން ހަތް މެޗު ކުޅެ، ފުރަތަމަ ބުރު ނިންމާލާފައިވާއިރު، ހަވަނަ މެޗަށްފަހު ބަލައިލިއިރުވެސް ލީގުގައި ކުޅޭ ޓީމުތަކުގެ ބެންޗުތައް ފެނުނީ ތަފާތު އޮއިވަރެއްގައި އޮއްވައެވެ. އަށް ޓީމުގެ ތެރެއިން ހަތަރު ޓީމެއްގެ ކޯޗުން، ޓީމާ ދުރަށް ޖެހިލި ހަބަރުވީ ޓޮޕް ޑިވިޝަނަކުން އިވެން ޖެހޭނެ އެންމެ އުފާވެރި ހަބަރަކަށް ނޫނެވެ. އެއީ މާޔޫސްވި، ފުޓުބޯޅައިގެ ނަޒަރުން ބަލާނަމަ، "އެމެޗާ" ވާހަކަތަކެކެވެ.

ކޯޗުން ވަކިކުރުމާއި، ކޯޗުން ޓީމުތަކަށް ބަދަލުވުމުގެ ވާހަކައަކީ މުޅި ފުޓުބޯޅައަށް އާ ވާހަކައެއް ނޫނެވެ. އެއީ އަބަދުވެސް ކަން ހިނގާވެސް ގޮތެވެ. އެހެން ނަމަވެސް، މި ސީޒަނުގައި ކޯޗުން ވަކި ކުރުމުގެ ރޯޅިއެއް އައީ ވަރަށް ކުރީބައިގައެވެ. ވީ ކީއްތޯ، އެކަން ވެގެން ދިޔައީ ކީއްވެތޯ، އެތައް ބަޔަކު ސުވާލުވެސް ކުރިއެވެ. އެވާހަކަތައް ދައްކާލަންވެސް ޖެހިއްޖެއެވެ. ހިތްހަމަ ނުޖެހިދާނެ ވާހަކަތައް ދައްކަން ޖެހުނު ނަމަވެސް، ރާއްޖޭގެ ފުޓުބޯޅައިގެ ހަގީގީ މަންޒަރުތަކާ ކުރިމަތިލާން ޖެހެއެވެ. އެއީ މުޅި ސިސްޓަމަށް ހެޔޮ ބަދަލު ގެނުވާނެ ހަމައެކަނި ވާހަކަތައްވެސް މެއެވެ.

ހަތަރު ޓީމުގެ ކޯޗުން ވަކިވުން - ތަފާތު މަންޒަރުތަކެއް، މާޔޫސީ ވާހަކައެއް

އެންމެ ފުރަތަމަ އިވިގެން ދިޔަ އަޑަކީ، މާޒިޔާއިން މުހައްމަދު ނިޒާމް (ނިޒާމްބެ)އާއެކު ހަދާފައިވާ އެއްބަސްވުން އުވާލި ވާހަކައެވެ. އަމިއްލަށް ނިޒާމްބެ ގަބޫލުކުރީ އޭނާގެ ލެވެލްގައި ޓީމަށް ނުކުޅެވުނު ކަމަށެވެ. ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމެވެ. ކޯޗެވެ. އެއަށްފަހު މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު އެއް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ވެސް ޓީމާ ދުރަށް ގޮސް، މިހާރު ހުރީ ސަސްގައެވެ. ފޯމް ރަނގަޅު ނުވެގެން ޔޫވީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމްއާއި އަލަށް ސީޒަނުގައި ފުރަތަމަ ޑިވިޝަން ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ވެސް ކްލަބުން ދުރުވިއެވެ.

ހުރިހާ ކޯޗުންގެ ހާލަތުވެސް ތަފާތެވެ. އަމިއްލައަށް ބަލައިލި ނަމަވެސް އެކަން އެނގެއެވެ. ތަފާތަކީ މެނޭޖުމަންޓްގެ ބެކިންއާއި ނެރޭ ނަތީޖާ މިނެ ކިރާލާއިރު އަންނަ ތަފާތެވެ. ހާލަތަށް ބަދަލު އަންނަނީ އެހެންވެގެންނެވެ. އެނގޭހާވެސް އެއްޗަކީ ކޯޗުންނާއި ކްލަބުން އެއްބަސްވެގެން ކޮންޓްރެކްޓްތައް އުވާލި ނަމަވެސް، ހަގީގަތަކީ ކޮންމެވެސް އެއް ކޮޅަކުން ހިތްހަމަ ނުޖެހި، ކޯޗުންނާ ޓީމާ ދުރުވުމެވެ.

"ކޯޗު ބްލޭމް ކުރާއިރު ޕޭމެންޓް ކަންތައް މައްސަލަ ޖެހި ކަންކަން ވެފައި އޮންނަނީ. މާޒިޔާ ފިޔަވައި އެހެން ކްލަބަކަށް އަސްލު ކޯޗަށް ބްލޭމް ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. ފަރުވާ ކުޑަކޮށް ގިނަ ކަންތައްތައް ދިމާވެފައި ހުރީ. ބޭރު ކުޅުންތެރިންނާއި ލޯކަލް ކުޅުންތެރިންނަށްވެސް އާންމުކޮށް އޮންނާނީ މުސާރަ ނުދެވި. އެކަހަލަ އެތައް ކަމެއް ދިމާވެފައި މި އޮންނަނީ. އެހެންވީމާ ހަމައެކަނި ކޯޗު ބްލޭމް ކުރެވޭކަށްވެސް ނެތް. ކުޅެން ބޭނުންވާ ކުޅުން ނުދެއްކިގެންވެސް ކޯޗުން ވަކި ކޮށްފައި. މިސާލަކަށް މާޒިޔާގައި ބަލާ ކަމަށްވާނަމަ، މެނޭޖުމަންޓަށް ރަނގަޅު ގޭމެއް ނުފެނިގެން ޕްރޮފެޝަނަލީ ކޯޗާއެކު އެއްބަސްވުން އުވާލީ. މޯހަންގެ ކޭސްގައި ސެލެރީ މައްސަލައާއި އެހެނިހެންވެސް އެތައް މައްސަލައެއް ދިމާވި ކަމަށް މައުލޫމާތު ލިބިފައި އޮތީ،" ވަރަށް ތިލަކޮށް ކޯޗުންގެ ވާހަކަތައް ކިޔައިދެމުން ކުރިން ގައުމީ ލެވެލްގައި ކުޅެ، ކޯޗިންގައިވެސް ހަރަކާތްތެރިވި މީހަކު "ވަން"އަށް ބުނެފައިވެއެވެ.

މެނޭޖުމަންޓާއި ކޯޗުންނާ އޮންނަ ގުޅުމަށް ބަލާއިރު، އެ މައްސަލަތައް ހުރި ނަމަވެސް، ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކޯޗު މެނޭޖުކޮށް، ކޯޗުގެ ޒިންމާގައި ނަތީޖާ ނެރެވެން ޖެހޭނެ ކަމަށްވެސް ގަބޫލު ކުރެވިދާނެއެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ރާއްޖޭގެ ކުރީގެ ކާމިޔާބު ކޯޗު އަދި ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) ވަނީ "ވަން"އަށް އޭނާގެ ހިޔާލުވެސް ހިއްސާ ކޮށްފައެވެ.

"އަސްލު ލީގު އެއްވެސް ވަރަކަށް އަނެއްހެން ފޮލޯ ނުވެސް ކުރަން. އެކަމަކު ވަރަށް ބޮޑު ކޮންސާންއެއް އެއީ ލީގުގެ ކުރީކޮޅުގައި އެމީހަކު ޖޮބް ދޫކޮށްލާފައި ދާން ޖެހުން. ތަޖުރިބާއަށް ބަލާއިރު، ކްލަބުތަކުގެ މެނޭޖުމަންޓުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލްކުރަން ދޭ ދިނުން ހާސިލް ނުވަނީ ކަންނޭނގެ. ވަޒީފާ އަދާ ނުކުރެވޭތީ ކަނޑާލުމަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި އެކުވެގެން އެކަން ކުރަން އުޅެގެން މިހާލަތްތަކުގައި ސްޓޭބަލް ވާނީ. މިހާރުގެ ކޯޗުންނާއި މެނޭޖުމަންޓާ ރަނގަޅު ވާނެ. ދެން މެނޭޖުކުރުން ކޯޗުކަން ކުރުމަކީ. އަޕްސް އެންޑް ޑައުންސް މެނޭޖުކުރުން. ދަށުގައި އޮންނަ ދަނޑިވަޅުގައިވެސް މައްޗަށް އަރަން މަސައްކަތް ކުރުން. އެއީ މެނޭޖުކުރުމަކީ. ކޮންމެ ކޯޗަކީވެސް ތަފާތު ބައެއް، މިވެނި މީހަކު އެހެން ބުނާކަށް ނޭނގޭނެ. ފުޓުބޯޅައިގެ މާހައުލު ހަޔަރިން، ފަޔަރިން، މިހާރުގެ ޓްރެޑިޝަންއެއް ކަހަލަ ގޮތަކަށް މި އޮންނަނީ. ރާއްޖޭގައި ކުޅޭ އަށް ކްލަބުގެ ތެރެއިން އެހާ ބޮޑަށް މައްސަލަ ދިމާވީމާ ފަންޑަމެންޓަލް މައްސަލައެއް އެބަ އުޅޭކަމަށް ބެލެވެނީ،" މާއްޓޭ ބުންޏެވެ.

މާއްޓޭ ގަބޫލުކުރާ ގޮތުގައި، ފައިސާގެ ދަތިތައް އޭނާ ކޯޗުކަން ކުރި ދުވަސްވަރުވެސް އާދެއެވެ. އެހެން ނަމަވެސް އެކަން މެނޭޖުކޮށް، ޓްރަސްޓް އުފައްދައި ޕޭޝަން އުފެއްދުމަކީ ކޯޗުގެ ޒިންމާތައް ކަމަށް ބުނެފައިވެއެވެ. ހާއްސަކޮށް ކޮންމެ ޓީމެއްގައިވެސް ވަކި ކުޅުންތެރިންތަކެއް ޓީމު ކުރިއަށް ގެންދާނެކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް މާއްޓޭ ބުންޏެވެ.

"ކޯޗަށް ބޭނުންވާ ބަޖެޓް ނުލިބުން، ބަޖެޓް މައްސަލަވެސް އުޅެފާނެ. ޕްލޭޔާ ޕަވާވެސް އޮވެދާނެ. އެކަމަކު ޓްރަސްޓް ލޯޔަލްޓީ، އެހުރިހާ ކަމެއް އަންނަން ޖެހޭނެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޓީމު ކުރިއަށް ގެންދާ ޓީމް ކުޅުންތެރިންތަކެއް އުޅޭނެ. އެއީވެސް ފެކްޓާއެއް. ޑޮމިނޭޓް ކުރާ ޕޫލް އޮފް ޕްލޭޔާސްވެސް އުޅޭނެ. މެނޭޖުމަންޓުން ބައިތިއްބަން ބޭނުންވާ ކުޅުންތެރިންތަކެއްވެސް އުޅެދާނެ. އެއީ އެ ކުޅުންތެރިންގެ ސަބަބުން ޓީމަށް ބޮޑެތި ފައިދާތަކެއް އެހެން ގޮތްގޮތުން ވާ. ކޯޗާއި މީޑިއާ، ކޯޗާއި ސަޕޯޓަރުން ހުރިހާ ކަމަކަށް މެނޭޖު ކުރަން ޖެހޭނެ،" މާއްޓޭ ފާހަގަކުރި އެވެ.

ތަޖުރިބާކާރުންގެ މިވާހަކަތަކަކީ ވެދާނެ ކަންކަމެވެ. ކުރިމަތިވި ހާލަތްތަކުގެ ވާހަކަތަކާއި، ވެފައި އޮވެދާނެ ގޮތްތަކެއްގެ ވާހަކައެވެ. ދެން އޮތް ސުވާލަކީ ދިވެހި ކޯޗުންގެ "ސްޓްރަގަލް"އަކީ މައިގަނޑު ކޮން ސަބަބަކާ ހުރެ ދިމާވާ ކަމެއްތޯ ކުރެވޭ ސުވާލެވެ.

ދިވެހި ކޯޗުންގެ ފެންވަރު ނެތީތަ؟

މޮޅެތި އެތައް ދިވެހި ކޯޗުންތަކެއް މިހާރު ރާއްޖޭގައިވެސް އެބަ މަސައްކަތް ކުރެއެވެ. ހާއްސަކޮށް ޒަމާނީ ފުޓުބޯޅަ ކުޅުވާ، ޒަމާނީ ވައްޓަފާޅީގެ ކުޅުމެއް ޓީމަށް ގެންނާނެ ފެންވަރުގެ ޕްރޯ ކޯޗުންވެސް މިހާރު ރާއްޖޭގައި އެބަ ހަރަކާތްތެރިވެއެވެ. އެހެން ނަމަވެސް އެތަކެއް ޗެލެންޖުތަކަކާއެކު އެ ބޭނުންވާ ނަތީޖާ ނެރެވޭނެ މާހައުލެއް އަދިވެސް ކޯޗުންނަށް ނެތްކަން ފާހަގަވެއެވެ. ހަމަ އެވާހަކައިގެ ތެރެއިން ކޯޗުންގެ ލިމިޓޭޝަންގެ ވާހަކަވެސް ގެންނަން ޖެހެއެވެ.

"ދެން އެބައޮތް ކޯޗުންގެ ވާހަކަވެސް. އޭ ލައިސަންސް އޮތަސް، ޓީމު މެނޭޖުކުރުމަށް ގިނަ ކޯޗުންގެ އަސްލު ކޮލިޓީއެއް ނެތް. އޭ ލައިސަންސްގެ ލިމިޓެޑް ކޯޗުން މި ތިބެނީވެސް، އޭގެ ތެރެއިންވެސް ރަނގަޅު އެކްސްޕީރިއަންސްއެއްގައި މިިތިބީ މަދު މީހެއް. ޓްރެއިންތަކަށާއި، އެހެން ކަންކަމަށް ބަލާއިރު އެބަ އެނގޭ އެކަށީގެންވާ ކޮލިޓީއެއްގައި ނުޖެއްސޭކަން. ޓްރެއިނިންތަކުގައި އިންޓެންސިޓީ އެހާ ދަށް. މެޗު ކުޅޭއިރު އެ ފެންނަނީ އެ މައްސަލަތައް. ހަގީގަތަކީ ފުޓުބޯޅަ ބަދަލުވެއްޖެކަން. އެއަށް އަޕްޑޭޓްވެ ހޭނެން ޖެހޭ. އެކަން ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް އަސްލު. އެ މަންޒަރު ފެނޭ ކުޅުމުން، ކުޅުންތެރިން އައިސް އެބަ ބުނޭ ތަމްރީނުތައް ގޯސް ވާހަކަ. ބައެއް ކުޅުންތެރިން ކޯޗަށް ޖޯކުވެސް ޖަހާ ކޯޗުންގެ ޓްރެއިނިންތަކަށް. އެ މެނޭޖު ނުކުރެވެނީ،" "ވަން" އަށް ވާހަކަ ދެއްކި ކުރީގެ ސީނިއާ ކުޅުންތެރިޔާ، އަދި ކޯޗު ބުންޏެވެ.

ކުރިއަށްވުރެ ލީގުގައި ލޯކަލް ކޯޗުންނަށް ބަރޯސާވާ ނިސްބަތް ގިނަވެފައިވާއިރު، އެ ފިޔަވަޅު އަޅަނީ މާ އަވަހަށް ކަމަށް ބެލެވިދާނެއެވެ. ތަޖުރިބާ މަދުކޮަށް، މަތީ ލެވެލްއަށް އައުމާއެކު ކޯޗުންނަށް ޕްރެޝަރުގެ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިވެއެވެ.

"ތަމްރީނުތައް ގޯސްވެ، ކުޅުންތެރިންގެ މެކްސިމަމް ބޭނުން ނުކުރެވި ދިޔައީމަ، ކްލަބުތަކުގައި ވާދަވެރިކަމުގެ މާހައުލެއް، ރޫހެއް ނޯވޭ. ހުރިހާ ކޯޗުންނަށްވެސް ވަރަށް އިހުތިރާމް ކުރަން އަސްލު. އެކަމަކު މިއީ އަސްލު ހަގީގަތް. ކޯޗުންނަށް އަމިއްލައަށް އިމްޕްރޫވްވާން ވަގުތެއް ނުހޯދޭ. އެ ކަންކަމާ ހުރެ ކްލަބު ފުޓުބޯޅަ ދަށްވެގެން، ގައުމީ ޓީމަށް އަންނަ ކޯޗުގެ ފަރާތުން އަބަދުވެސް އެ ޝަކުވާ އާދޭ. ކުރިން އައި ކޯޗު ސެގަޓް އެހެން ބުނީމަ އެވީ ގޯހަކަށް، ޖޯކަކަށް. އެކަމަކު އެއީ ހަގީގަތް،" "ވަން"އާ ވާހަކަ ދެއްކި ކޯޗަކު ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި ހަގީގަތުގައި ފެންވަރު ނެތީކީ ނޫނެވެ. އެކަމަށް އިންވެސްޓް ކުރެވޭ ވަގުތު މަދުވެފައި، ތަޖުރިބާއަށް އޮތް ފުރުސަތުތައް ހަނީއެވެ. ތަޖުރިބާ ހޯދަން ދާން ޖެހޭނެ ހިސާބަށް ދާނެ މަގު ކޮށާނެ ބައެއް ޔަގީނުންވެސް ބޭނުންވެއެވެ.

ކޯޗުން ރިފްރެޝްކޮށް، ތަޖުރިބާއަށް ފުރުސަތު ހުޅުވާލަން ޖެހޭ

ދިވެހި ރާއްޖޭގެ ފުޓުބޯޅަ އެކަނި ތަޖުރިބާކޮށް، އެންމެ މަތީ ހަރުފަތަށް ދާން ވިސްނާ ވިސްނުން ކޯޗުން ދޫކޮށްލަން ޖެހޭކަން ސާފެވެ. ރާއްޖެ ދުށް އެންމެ ކާމިޔާބު ކޯޗުންގެ ކެރިއަރުން ނެގޭ ފިލާވަޅަކީވެސް އެއީއެވެ. އެތައް ދުވަހަކު މީހެއްގެ ދަށުން ކަންކަން ދަސްކޮށްގެން ނޫނީ މަތީ ހަރުފަތަކަށް ދާން އުނދަގޫވާނެ ކަމެވެ.

"ހަގީގަތުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުންނަކީ ސުޒައިންއާއި މާއްޓޭ ކަހަލަ ކޯޗުން. އެއީ ކުޅެ، ހޯދި ތަޖުރިބާގެ އިތުރުން މޮޅެތި ކޯޗުންނާއެކު ހޯދި ތަޖުރިބާ ހުރީމަ އެ ކޯޗުން ކާމިޔާބުވީ. ކޯޗިންނަކީ މޮޅެތި މީހުން ކައިރީ ތަމްރީނުވެ، މޮޅުތި ކޯޗުންގެ ދަށުގައި މަސައްކަތް ކޮށްގެން ކުރިއަރުވަން ޖެހޭ އެއްޗެއް. ކޮންމެ ކޯޗަކަށްވެސް ރާއްޖޭގައި ތިބޭނަމަ، މޮޅެތި ކޯޗުންނާއެކު މަސައްކަތް މި ކުރެވެނީ ގައުމީ ޓީމުގައި އެކަނި. އެއްވެސް ވަރަކަށް ނުކުޅެ ކޯޗިންނަށް ވަންނަ މީހަކަށް އެކަން ވަކިން ހާއްސަކޮށް މުހިއްމުވާނެ. މިސާލަކަށް ބަލާ މޮރީނިއޯ. ނުކުޅެ ހުއްޓަސް އެތަކެއް ބޮޑެތި ކޯޗުންނަކާ އެކު އޭނާ މަސައްކަތް ކުރި. އެއީ އޭނާގެ ކާމިޔާބީއަކީ،" ނަން ހާމަ ނުކޮށް މައުލޫމާތު ދިން ކޯޗަކު ބުނެފައިވެއެވެ.

އެ ތަޖުރިބާއަށް އެފްއޭއެމްގެ ދައުރުވެސް ބޮޑެވެ. ކޯޗުން ރިފްރެޝް ކުރަން އެފްއޭއެމްވެސް އިސްނަގައި އެކަމަށް އެއްބާރުލުންވެސް ދޭން ޖެހެއެވެ. އެފްއޭއެމްއިން ރަނގަޅު ސިސްޓަމެއްގައި ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާއިރު، ޓޮޕް ލެވެލްއަށް ތައްޔާރުކުރާ ކޯޗުން ގިނަ ކުރަންވެސް ވިސްނަން ޖެހެއެވެ. އެއީ ބޭރަށް ފޮނުވައި، ތަޖުރިބާ ހޯދައިދީގެން ކަމަށް ވިޔަސް ވެސް އެކަން ކުރަން ޖެހެއެވެ.

އުޅެނީ މުޅި ފުޓުބޯޅަ ނިޒާމުގެ މައްސަލައެއްކަން ޔަގީން ވެއެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ވާހަކަ ދެކޮޅުން މިހެން ދައްކާފައި، އެ މައްސަލައިގެ ތެރެއަށް ވަދެ، މައްސަލައަށް ހައްލު ހޯދަން ފިޔަވަޅެއް އަޅައިގެން ނޫނީ ހައްލުވާނެ އެއްވެސް ގޮތެއް ނެތެވެ. ލީގުގެ ކްލަބުތަކުން އަމިއްލަ ފައި މައްޗަށް ތެދުވެ، ކްލަބުގެ ސިސްޓަމުގައި ހިނގަން ޖެހެއެވެ. އޭރުން ކޯޗަށް ދޭން ބޭނުންވާ ބެކިން ފަސޭހަކަމާއެކު ދެވޭނެއެވެ. ހަމަ އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. ކޯޗުންގެ ފަރާތުން އަމިއްލައަށް ބަދަލުވެ، ފުޓުބޯޅައަށް ހޭނިގެން ނޫނީ ލީގުގެ ސްޓޭންޑަޑެއް ނުހިފެހެއްޓޭނެއެވެ. ކޯޗުންގެ ފަރާތުންވެސް އޭ ލައިސަންސަކީ ފާހެއް އެކަނި ނޫންކަން ގަބޫލުކޮށް، ކްލަބު އުސޫލު ވެސް ރަނގަޅު ވެގެން ނޫނީ ލީގުގެ ފެންވަރު ނުހިފެހެއްޓޭނެއެވެ.