މިއަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު ކަމުގައި ހުރި އަހުމަދު ނާޝިދު (ނާދު)އާއެކު ކްލަބުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.
ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ކްލަބުން އިއުލާން ކޮށްފައިވާއިރު، ކްލަބުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ނާދު ކްލަބަށް ކޮށްދިން ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ނާދުއަށް މުސްތަގުބަލުގައި ކާމިޔާބަށް އެދޭ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
ސަސް ފުރަތަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ބައެއް މޫނުތައް ކަމަށްވާ، އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ވެލެންސިއާގެ ކެޕްޓަން އަދި ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ސަސްގެ މެނޭޖުމަންޓްގައި ހިމެނޭއިރު، ސީޒަން ފެށުމަށް އެޓީމު ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.
ބިދޭސީ ވަރުގަދަ ކުޅުންތެރިން ޓީމަށް ގެނައުމުގެ އިތުރުން ރަނގަޅު ބިޒްނަސް މޮޑެލްއަކަށް ކްލަބުގެ ހިންގުން ބައްޓަން ކުރުމަށް މެނޭޖުމަންޓުން މަސައްކަތް ކޮށްފައިވެއެވެ. އޭގެ އިތުރުން މި ސީޒަނަށް ތައްޔާރުވުމުގެ ކުރިން ސަސްއިން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައެވެ. ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ)ގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވެސް މި ސީޒަންގައި ފެންނަނީ ސަސްއިންނެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާންވެސް މި ސީޒަންގައި ސަސްއިން ފެންނާނެއެވެ.
މިހާތަނަށް ސީޒަންގައި ކުޅުނު ހަ މެޗުގެ ތެރެއިން ސަސްއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން އެއްވަރުވެފައި ވާއިރު، ބަލިވީ އެއް މެޗުންނެވެ. ޖުމްލަ ހަތް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ޓީމު އޮތްއިރު، އެޓީމުން ސީޒަންގެ ފެށުމުގެ ކުރިން ޓާގެޓް ޖެހީ ގަދަ ހަޔަކަށެވެ.
ނާދުއަކީ މިހާތަނަށް މި ސީޒަންގައި ކްލަބުން ދުރުވި ހަތަރުވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާގެ ކޯޗު ކަމުގައި ސީޒަން ފެށި މުހައްމަދު ނިޒާމް (ނިޒާމްބެ)އާއި އީގަލްސްގެ ކޯޗު ކަމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގެ އިތުރުން ޔޫވީގެ ކޯޗު ކަމުގައި ނުކުތް މުހައްމަދު އާދަމް ވެސް ވަނީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)