މާލޭ ވިޔަފާރި ބަނދަރުގައި މިމަހުގެ ނުވަ ވަނަ ދުވަހު ހިނގައި ދިޔަ ފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލް އިން މިހެން ބުނީ ކޮންޓެއިނާ އަކުން ބިއްލޫރި ޝީޓުތަކެއް ހުސްކުރަން އުޅެނިކޮށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާގައި އަނިޔާވެ ފަރުވާދެމުންދެމުންދަނިކޮށް މިމަހުގެ 16 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި މަރުވި އަބްދުﷲ އާސިމްގެ އާއިލާއަށް ތައުޒިޔާ ކިޔައި ފޮނުވި ބަޔާނުގަ އެވެ.
އާސިމް މަރުވިތާ ތިން ދުވަސް ފަހުން އެމްޕީއެލް އިން ފޮނުވި ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ އާސިމް އަށް ދިމާވި ފަދަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން، ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، އެ ކުންފުނިން ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅައިފައިވާ ކަމަށާއި އަދި ވިޔާފަރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ގާއިމްކުރުމަކީ، ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށެވެ.
"މަދުން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގައެވެ. މި ފަދަ ކޮންމެ ހާދިސާއަކަށް ފަހު، ކަން ހިނގި ގޮތް ރަނގަޅަށް ބަލައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މި ކުންފުނިން ވަނީ އަޅާފަ އެވެ." އެމްޕީއެލް އިން ބުންޏެވެ.
އާސިމް އަކީ "ހައިސާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ ގުރޫޕުގެ މަސައްކަތްކުރަމުންދިޔަ މަޖޫރިއެއް ކަމަށާއި އޭނާ އާއި އެ ގުރޫޕުގެ އެހެން މީހުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ހިނގާދިޔަ ނުރައްކާތެރި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް، އާސިމް މަރުވުމަކީ އެކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްޕީއެލް އިން އިތުރަށް ބުނީ މި ހާދިސާ ހިނގައިދިޔަ ސަބަބުތައް ދެނެގަނެ، އަދި މި ހާދިސާއާ ގުޅިގެން، މުދާ ކްލިއާކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ވިޔަފާރި ބަނދަރުން މުދާ ކްލިއާކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދީ އަދި އެންމެން ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު