ކޮވިޑްގެ ނުރައްކާ ބޮޑު ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލާފައި ބޭއްވުމަށްފަހު، ލަންކާއިން އެގައުމުގެ ބޯޑަރު ހުޅުވައި ބޭރު މީހުންނަށް އެތެރެވުމުގެ ފުރުސަތު ހުޅުވައިލަން ނިންމައިފިއެވެ.
ލަންކާގެ އެއާޕޯޓު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާ އިރު، އެގައުމަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކަރަންޓީނު ވާން ޖެހެނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން އެކަންޏެވެ.
ލަންކާގެ ބޯޑަރު ހުޅުވާލާ އިރު، އެގައުމަށް އެތެރެވާ ފަތުރުވެރިން އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ.
ލަންކާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ވިސާ ހޯދަން ޖެހެއެވެ. ވިސާއަށް ހުށަހަޅާ އިރު، 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓާއި ހޮޓެލް ބުކިންވެސް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. ލަންކާއަށް އެތެރެވާ ކޮންމެ މީހަކު ވިސާ ހޯދަން ޖެހޭ އިރު، ވިސާއާ އެކީ އިންޝުއަރެންސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ އެއް މަސްދުވަހުގެ އިންޝުއަރެންސް ޕޮލިސީއެކެވެ.
ކޮވިޑްގެ ވެކްސިން ޖަހާފައިވާ ފަރާތެއް ކަމުގައިވީ ނަމަވެސް، އުސޫލުގައިވާ ހުރިހާކަމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެގައުމުން ބުނެއެވެ.
ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހާއްސަކޮށް ކަނޑައަޅާފައިވާ ހޮޓާތަކެއް އެގައުމުން ވަނީ ކަނޑައަޅައިފައެވެ. އަދި ދަތުރުފަތުރު ކުރެވޭނީވެސް ހޮޓަލުން ކަނޑައަޅާ އުޅަނދެއްގައެވެ.
ލަންކާއިން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ކޮވިޑް ކޭސްތައް ފެންނަމުންދާ އިރު، އެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން އިގުތިސާދަށް ވަނީ ލޮޅުން އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ