ރާއްޖެއާއި ޗައިނާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ހާލަތު ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި އެ ބައްދަލުވުމުގައި، ޗައިނާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދެގައުމު ގުޅިގެން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ އެކުވެރިކަމެއްކަން ފާހަގަކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން ޗައިނާ ސަފީރު ޖަންގް ވިދާޅުވީ، ބައްދަލުވުމުގެ ތެރެއިން ދެގައުމު ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރަކީވެސް ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމުގައި ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ އަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދަހިކުރި އިރު، މި ސަރުކާރުން އަންނަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.