ޚަބަރު

އުޅަނދުފަހަރުގެ ވާތަކުން އެންމަޑި މަރުވާ މައްސަލަ އިތުރުވާތީ ސަމާލުވުމަށް އަންގައިފި

ރިފާ ހަލީލު

އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދާ މައްސަލަ އިތުރު ވަމުންދާތީ ސަމާލުވާން އެންވައަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ) އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 2014 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ވަނީ ހިމާޔަތްކޮށްފަ އެވެ.

އީޕީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް އުޅަނދުފަހަރު އެޅުމަށްޓަކައި ކަނޑުގައި އަޅާ ވާ ތަކުގެ ސަބަބުން، އެންމަޑި މަރުވެދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައްޔާއި ކަނޑުގައި އަޅާފައިވާ ވާތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް، މިފަދަ "މޫރިން ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އެ އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްްތިސާދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އިޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއިން ފެންނަ އެންމަޑީގެ ދެބާވަތަކީ، އިންޓަނޭޝެނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިސީޔޫއެން) ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތައްކަންވެސް އެ އެޖެންސީން ވަނީ ބުނެފަ އެވެ.