އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން، ވިޔަފާރިތަކަށް 801 މިލިއަން ރުފިޔާގެ ލޯނު މިދިޔަ އަހަރު ދޫކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެސްޑީއެފްސީ އިން ބުނީ ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން "ކޮވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން އެސްޑީއެފްސީ އިން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް -19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ރިކަވަރީ ޕެކޭޖުގެ ދަށުން މިދިޔަ އަހަރު 2205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. އަދި މިލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެ އެސްޑީއެފްސީއިން ބުނީ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ލޮކްޑައުންއަށްފަހު ކުންފުނީގެ އޮޕަރޭޝަންސް ފަށައި، ކޮވިޑުގެ ހާއްސަ ހާލަތުގައިވެސް 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން މިދިޔަ އަހަރު ވިޔަފާރިތަކަށް ލޯނު އެހީގެ ގޮތުގައި 801 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީން ވަނީ ދޫކޮށްފަ އެވެ.
އެގޮތުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށް ކަމަށާއި އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައް ކަމަށެވެ.
މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ލޯނު ދޫކޮށްފައިވާ އެސްޑީއެފްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު