މުނިފޫހިފިލުވުން

މިއީ ދީޕިކާގެ ކެރިއަރުގައި އެންމެ ބިޒީ އަހަރު

ދީޕިކާ ޕަޑްކޯން އަކީ ބޮލީވުޑްގެ އަންހެން ތަރީންގެ ތެރެއިން އެންމެ ގިނަ ފޭނުން ތިބި އަދި އެންމެ އަގުބޮޑު އެއް ތަރި އެވެ. ބޮލީވުޑްގެ ފޭނުންނަށް މިދިޔަ އަހަރަކީ އެމީހުންގެ ހަގީގީ ލޯބި ތަރީންނަށް ދެއްކުމަށް ހުރަސްތަކެއް އޮތް އަހަރެކެވެ. މި އަހަރުވެސް ފެށިގެން މިދަނީ އެކަހަލަ ގޮތަކަށެވެ. އިންޑިއާގައި ވަކީން ހާއްސަކޮށް މަހާރާޝްތުރާގައި ކޮވިޑް ފެތުރޭ ނިސްބަތް އިތުރުވެފައި ވުމަކީ އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

މި ހުރިހާ ގޮންޖެހުމަކާ އެކުވެސް، ދީޕިކާ އަށް މި އަހަރަކީ ބޮޑު އަހަރެކެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން ބުނާ ގޮތުގައި މި އަހަރު ވެގެން ދާނީ ދީޕިކާގެ މުޅި ފިލްމީ ހަޔާތުގައި ވެސް އަންނަ އެންމެ ބިޒީ އަހަރަށެވެ. މިހާރުވެސް ހަ ފިލްމެއްގެ މަސައްކަތް އިއުލާނުކޮށްފައި ވާއިރު، އޭނާގެ ފޭނުން ތިބީ މި އަހަރު ތެރޭ ނުކުންނާނެ އުފެދުންތައް ބެލުމަށް ކެތްމަދުވެފަ އެވެ.

ދީޕިކާގެ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާ ގިނަ ފިލްމުތަކާއި ބްރޭންޑް އެންޑޯސްމެންޓުތަކަށް ވަގުތު ދޭން ޖެހޭ އިރު މި އަހަރު ބިޒީވެގެން ދާނެވަރު ދީޕީކާއަށް ވިސްނެ އެވެ. އެހެން ކަމުން އޭނާ ވަނީ ބެންގަލޫރުގައި ތިބޭ އޭނާގެ ކޮއްކޮ އަދި މަންމަ ގާތަށް ދާދި ފަހުން ގޮސް އެމީހުންނާ އެކުގައި ވެސް ވަގުތު ހޭދަކޮށްފަ އެވެ.