ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އައްޑޫމީދޫ އެދުރުގޭ އެދުރު މަރްޔަމް މަނިކެއާ ފުރަތަމައަށް ކައިވެނި ބެއްލެވީ ސޭފުގޭ ތައްޚާނެވެ. ލިބިލެއްވީ އެދުރު އާމިނާފާނު (އެދުރީފާނު)އެވެ. އެދުރު މަރްޔަމް މަނިކެއާ ދެން ކައިވެނި ބެއްލެވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އައްނަބީލު މޫސާދީދީގެ ދަރިކަލުން މީދޫ ގެދަރިގޭ މުޙައްމަދުދީދީއެވެ. އެދުރު މަރްޔަމް މަނިކެއާއި ގެދަރު މުޙައްމަދުދީދީއަށް ލިބިވަޑައިގަތީ ސޭފުގޭ ދީދީއާއި ސޭފުގޭ ކުއްދީދީއެވެ.
ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ ޢާއިޝާފާނުއާ ކައިވެނި ބެއްލެވީ މީދޫ އަށްޓިޔަރު ކަލޭގެފާނެވެ. ލިބިލެއްވީ އަށްޓިޔަރު މޫސާ ތައްޚާނެވެ.
ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ ޙައްވާފާނުއާ ކައިވެނި ބެއްލެވީ ކުންނިޔަރު ޙަސަން ތަކުރުފާނެވެ. ލިބިލެއްވީ މޫސާ ތަކުރުފާނާއި، ކަތްދާފާނާއި ޢާއިޝާފާނެވެ.
ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ އާމިނާފާނުއާ ކައިވެނި ބެއްލެވީ ހުޅުދޫ ގައުމާތަގޭ މަނިކުފާނެވެ. ލިބިވަޑައިގަތީ އެޅަ މަނިކުފާނު، އާއި މޫސާ މަނިކުފާނު، އާއި މުޙައްމަދު ރަހާ، އާއި ޢާއިޝާ މަނިކުފާނު، އާއި ޢަލި ރަހާއެވެ. އެދުރުގޭ އާމިނާފާނުއާ މީދޫ ސޭފުގޭ މީހަކު ކުރި ކައިވެނީން ލިބިލެއްވީ ފާޠިމާފާނެވެ.
ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ ޚަދީޖާ މަނިކުފާނުއާ (އެދުރުގޭ ކަތްދާފާނު)އާ ކައިވެނި ބެއްލެވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން މީދޫ ގަނޑުވަރު ޙަސަންދީދީއެވެ. ލިބިވަޑައިގަތީ މީދޫ އެޅެގޭ އަލްޚަޠީބު މުޙައްމަދުދީދީ، އާއި އަލްޤާޟީ އެޅެގޭ ޢަލީދީދީ، އާއި އައްނާއިބު އެޅެގޭ އިބްރާހީމްދީދީ، އާއި އަލްޚަޠީބު އެޅެގޭ ޢަބްދު ﷲ ދީދީ، އާއި އެޅެގޭ އަލްޙަކީމް ތުއްތުދީދީ (މަޙްމޫދުދީދީ) އެވެ.
ފަޤީހު މޫސާގެ ކުދީންގެ ތެރެއިން ކުދުރަނިޔަގެ ފާޠިމާ މަނިކުފާނުއާ ފުރަތަމައަށް ކައިވެނި ބެއްލެވީ މީދޫ އައިސާބީގެދަރު ޙަސަންތައްޚާނެވެ. ލިބިލެއްވީ އަލްޚަޠީބު ކުދުރަނިޔަގެ މޫސާ ތައްޚާނު، އާއި ކުދުރަނިޔަގެ ޙުސައިން ތައްޚާނު، އާއި ކުދުރަނިޔަގެ ޙައްޥާ މަނިކެއެވެ.
އައިސާބީގެދަރު ޙަސަން ތައްޚާނު ގާތުން ކުދުރަނިޔަގެ ފާޠިމާ މަނިކުފާނު ވަރި ކުރުވައިގެން ކައިވެނި ބެއްލެވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އައްނަބީލު ކަރިއްޔާ ޙަސަންދީދީ (ކަރައްޔެ ޙަސަންދީދީ / ބޮޑު ޙަސަންދީދީ)އެވެ. މި ކައިވެނީން ލިބިވަޑައިގަތީ ކުދުރަނިޔަގެ ޢަލިދީދީއެވެ.
އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނު (ގަނޑުވަރު މުޙައްމަދު ތައްޚާނު) އަކީ ފަޤީހު މޫސާ އެދުރު ތަކުރުފާނުންގެ އެއްބަނޑު ކޮއްކޮއެކެވެ. މި މުޙައްމަދު ތަކުރުފާނުން އެންމެ ފުރަތަމައަށް ކައިވެނި ބެއްލެވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)އާ އެވެ. އެއީ މި ޢާއިޝަތުދީދީ ކޮނޑޭ ޢަލިމަނިކުފާނާ ކައިވެނި ބައްލަވައިގެން ދެ ބޭފުޅަކު ލިބިވަޑައިގެންފައި ވަނިކޮށެވެ.
މީދޫ ގަނޑުވަރު މުޙައްމަދު ތަކުރުފާނާއި އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ) އަށް ލިބިވަޑައިގަތީ މީދޫ ގަނޑުވަރު އައްނާއިބު ޙަސަންދީދީ، އާއި މީދޫ ގަނޑުވަރު އަޙްމަދުދީދީ އާއި، މީދޫ ގަނޑުވަރު ޚަދީޖާދީދީ (ކައްދާއްދީ)، މީދޫ ގަނޑުވަރު އާމިނަތު ދީދީއެވެ. ދެން މީދޫ ގަނޑުވަރު މުޙައްމަދު ތަކުރުފާނު ކައިވެނި ބެއްލެވީ އައްސުލްޠާން ޢަލީ 7 ގެ އައްސުލްޠާން ޙަސަން 10 ގެ އިބްރާހީމް މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (މީދޫ ރަހާ)ގެ ފާޠިމާ މަނިކުފާނުއާ (ހުޅުދުމައިގޭ ފާޠިމާ މަނިކުފާނުއާ) އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ މީދޫ ގަނޑުވަރު އިބްރާހީމް މަނިކުފާނު، އާއި މީދޫ ގަނޑުވަރު ކުޑަ ރަހާ (ކުދު ރަހާ)، އާއި މީދޫ ގަނޑުވަރު ޢަލިމަނިކުފާނު، އާއި މީދޫ ގަނޑުވަރު ޢާއިޝާ މަނިކުފާނު (ގަނޑޮވަރި ކުދުރަނާ) އާއި މީދޫ ގަނޑުވަރު ޒަކަރިއްޔާ މަނިކުފާނު، އާއި މީދޫ ގަނޑުވަރު އެޅަ މަނިކުފާނު، އާއި މީދޫ ގަނޑުވަރު ދޮން މަނިކުފާނުއެވެ.
މީގެ ތެރެއިން މީދޫ ގަނޑުވަރު ޙަސަންދީދީ، ފަޤީހު މޫސާގެ ކަތްދާފާނާ (މީދޫ އެދުރުގޭ ޚަދީޖާ މަނިކުފާނާ) ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅުންގެ ވާހަކަ މަތީގައި އެ ވަނީ ލިޔެވިފައެވެ. އަދި މީދޫ ގަނޑުވަރު އާމިނަތުދީދީއާ ފަޤީހު މޫސާގެ އައްނާއިބު ޢަލިތައްޚާނު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅުންގެ ވާހަކަ ވެސް ވަނީ ކުރީން ލިޔެވިފައެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު