ގއ. ދާންދޫން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ހަތަކަށް އަރައިފައެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން މިއަދު ޕޮޒިޓިވްވީ "ކޮއިމަލާ" ފެރީން ދަތުރުކުރި ދެ މީހަކާއި ފުރަތަމަ އެރަށުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ހަތަރު މީހަކާއި، ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅުން އޮތް ހުޅުމާލޭގައި ހުރި މީހެއް ކަމަށެވެ.

ދާންދޫން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 41 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެނަކާއި ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެނެކެވެ.

"މީގެ ތެރެއިން 66 އަހަރުގެ އަންހެން މީހާއަކީ ހައިރިސްކް ކެޓަގަރީގެ މީހަކަށްވާތީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް މަސައްކަތް ކުރެވޭ،" އިސްމާއިލް ވިދާޅުވިއެވެ.

ދާންދޫން ޕޮޒިޓިވް ކޭސްއެއް ފެނުނީ، ކޮއިމަލާ ފެރީން ދަތުރުކުރި އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ އަންހެން މީހާއަކީ ދެއްވަދޫ ކްލަސްޓާއާ ގުޅުން އޮތް މީހެކެވެ. އެމީހާ ޕޮޒިޓިވްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.