އުތުރު ކޮރެއާއިން ބޭއްވި ހާއްސަ ޕެރޭޑެއްގައި ސަބްމެރިންގެ އެހީގައި ފޮނުވާލާ ވަރުގަދަ މިސައިލެއް ދައްކާލައިފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ޝަރަފުވެރިކޮށްދެއްވި އެ ޕެރޭޑްގައި އެގައުމުގެ މިލިޓަރީން ވަނީ އުތުރު ކޮރެއާ މިލިޓަރީ ރޮނގުން ކުރިއަރާފައިވާ ވަރުގަދަ ހަތިޔާރުތަކާއި ބާރު ދައްކާލައިފައެވެ.

އުތުރު ކޮރެއާގެ އޮފިޝަލަކު އެގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށް ވަނީ ޕެރޭޑްގައި ދައްކާލާފައިވާ ސަބްމެރިންގެ އެހީގައި ފޮނުވައިލެވޭ މިސައިލަކީ މިހާތަނަށް ދުނިޔޭގެ ގައުމަކުން އުފައްދާފައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ވިދާޅުވެފައެވެ.

މިސައިލުގެ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު، މިސައިލު ޓެސްޓުކޮށްފައިވާ ކަމެއް ވެސް އޮފިޝަލު ހާމަކުރައްވައިފައެއް ނުވެއެވެ.

ޕެރޭޑްގައި އުތުރު ކޮރެއާއިން ވަނީ އެގައުމުން އެންމެ ފަހުން އުފައްދާފައިވާ މިސައިލުތަކާއި ހަނގުރާމަ މަތީ އުޅަނދުތައްވެސް ދައްކާލައިފައެވެ.