ލ. މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާއަށް ހަމަލާ ދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
އަހުމަދު މޫސާ "ވަން" އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ފޭސްބުކް ޕޯސްޓެއްގައި އޭނާއަށް އެރަށުގެ ފެނަކައިގެ ޑެޕިއުޓީ މެނޭޖަރު އިންޒާރު ދިން ކަމަށެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދައި އަޅާނުލައި ހުންނެވި ކަމަށެވެ.
މޫސަ ވިދާޅުވީ މިއަދު ހަވީރު އެރަށުގައި ކުރިއަށްދާ ފެން ޕޮރޮޖެކްޓްގެ މަސައްކަތްތައް ބަލައިލުމަށް ކައުންސިލްގެ ޒިންމާދާރު ވެރިޔާއާއެކު އެ ސަރަހައްދަށް ގޮސް، މަޣްރިބް ނަމާދަށްފަހު ސައިކަލުގައި އޭނާ ގެއާ ދިމާލަށް ދަނިކޮށް، އެރަށު ފެނަކަ ޑެޕިއުޓީ މެނޭޖަރު އޭނާއަށް ބަހުގެ ހަމަލާތަކެއް ދިނުމަށްފަހު މޫނު މަތީގައި ޖަހާފައިވާ ކަމަށެވެ. އެވަގުތު ފެނަކަ ޑެޕިއުޓީ މެނޭޖަރުގެ ސައިކަލު ފަހަތުގައި އިތުރު މީހަކުވެސް އިން ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާގެ މޫނު މަތީގައި ޖަހާފައިވަނީ ގޮށްމުށުން ކަމަށާއި އޭނާގެ މޫނުގައި ޖެހުމުން ވަރަށް ބޮޑަށް އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ ފަރުވާއަށްފަހު މިރޭ އޭނާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅި ކަމަށާއި އެ މައްސަލަ ފުލުހުންގެ ފަރާތުން މިހާރު ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔުންވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެރަށުގެ ފެނަކައިގެ ޑެޕިއުޓީ މެނޭޖަރަކީ އެރަށުގެ އެމްޑީޕީގެ ވަރަށް އިސް މީހެއް ކަމަށާއި އޭނާއަށް ހަމަލާ ދީފައިވަނީ ޕީޕީއެމްގެ އިސް ފަރާތަކަށްވުމުން ކަމަށެވެ. މޫސަ އަކީ އެރަށު ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ހޮވިފައިވާ މެމްބަރެކެވެ.
މޫސަ ވިދާޅުވީ މިއީ ވަރަށްވެސް ފިނޑި އަމަލެއް ކަމަށާއި އެމްޑީޕީގެ ހަގީގީ ކުލަ މިއަދު ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ވަރަށްވެސް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މިކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
މޫސައަށް ހަމަލާދިނުމުން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެކުވެރިކަން އިސްކޮށް ބައިބައިވުމަށް ފުރުސަތު ނުދިނުމަށް އެދޭ ކަމަށެވެ.