ކުޅިވަރު

ޗެމްޕިއަން ބަޔާންއަށް ބޮޑު ލަދެއް، ދެވަނަ ޑިވިޝަން ކްލަބެއް އަތުން ބަލިވެ ކަޕުން ކަޓައިފި

މުޙައްމަދު ޝަމްޢޫން

ދެވަނަ ޑިވިޝަންގެ ސޮލްސްޓެއިން ކީލް އަތުން ބަލިވެ، އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖަރުމަނު ކަޕުން ކަޓައިފިއެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން ކެޓީ ޕެނެލްޓީގައި ބަލިވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ އޮތީ 2-2 އިން އެއްވަރު ވެފައެވެ. ކީލްއިން މެޗުގެ ފަހު ގޯލް ޖެހީ ނިމެން ސިކުންތު ކޮޅަކަށް ވެފައި އޮއްވައެވެ. އެ ގޯލާއެކު ނަތީޖާ ހަމަހަމަ ވެ އިތުރު ވަގުތު ނިމުނުއިރުވެސް އޮތީ ހަމަ 2-2 ގައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ބަޔާން ބަލިވީ 6-5ގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަންގައި ޓްރެބަލް ހޯދައި ޖަރުމަނުގެވެސް ހުރިހާ ތަށްޓެއް ހޯދި ބަޔާންއަށް ރޭގެ ނަތީޖާއަކީ ބޮޑު ލަދެކެވެ. އެއީ 2004 ވަނަ އަހަރަށްފަހު ދަށް ޑިވިޝަނެއްގެ ޓީމެއް އަތުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ 12 އަހަރުވެސް ބަޔާންއިން ޖަރުމަން ކަޕްގެ ސެމީ ފައިނަލާ ހަމައަށް ގޮސްފައިވާއިރު، ދަށް ލީގެއްގެ ޓީމެއް އަތުން ބަޔާން އެންމެފަހުން ބަލިވި މެޗަކީ ކަޕްގެ ކުއާޓާ ފައިނަލްގައި ދެވަނަ ޑިވިޝަންގެ އަލެމޭނިއާ އާޗެން އަތުން 2-1ގެ ނަތީޖާއަކުން ބަލިވި މެޗެވެ.

1912 ވަނަ އަހަރު ޖަރުމަނުގެ ލީގު ކާމިޔާބުކުރި ކީލްއަކީ މިހާރު އޮތް ބުންޑަސް ލީގާ ފޯމެޓްގައި ފުރަތަމަ ޑިވިޝަން ކުޅެފައިވާ ކްލަބެއް ނޫނެވެ. މިވަގުތު އެޓީމު އޮތީ ދެވަނަ ޑިވިޝަންގެ ތިންވަނައިގައެވެ.

ރޭގެ މެޗުގައި ބަޔާންއިން ވަނީ ދެފަހަރަށް ލީޑު ނަގައިފައެވެ. ބަޔާންގެ ގޯލްތައް ސާޖް ނަބެރީއާއި ލެރޮއި ސާނޭ ޖަހައިދިންއިރު، ސާނޭގެ ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ. ކީލްގެ ގޯލްތައް ފިން ބާޓެލްއާއި ހައުކޭ ވަހްލް ޖެހިއިރު، ވަހްލް ފަހު ސިކުންތު ޖެހި ގޯލަކީ ކޮނޑުން ޖެހި ގޯލެކެވެ.

ޕެނަލްޓީގައި ދެކޮޅުން ޖެހި ފުރަތަމަ ފަސް ޕެނެލްޓީވެސް ކާމިޔާބު ކޮށްފައިވާއިރު ބަޔާންގެ މާކް ރޯޓާ ޖެހި ޕެނެލްޓީ ކީލްގެ ގޯލްކީޕަރު މަތަކުރިއެވެ. ޖެހިގެން އައި ޕެނެލްޓީ ވެޓެރެލް ބާޓެލް ވައްދާލައި، މެޗުން އެޓީމު މޮޅުކޮށް، ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމު، ބަޔާން ކަޕުުން ކަޓުވާލިއެވެ.