ކޮޓަރީގެ ދޮރު ތަޅުލަމުން، ދޮރުގައި ނާލާއަށް ލެނގިލެވުނެވެ. އޭރު ވެސް އެދެލޮލުގައި ކަރުނައިގެ ވޭން ވިއެވެ. ފައިގެ ކަކުލުހުޅުންވާގި ދޫވެއްޖެ ކަމުގެ އިހުސާސާއެކު ނާލާއަށް ދޮރު ބުޑަށް ތިރިވެވުނެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމާއި އެކަނިވެރިކަން އައިސް އޭނަ ވަށާލީ ދެނެވެ. ހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދިޔަ ކަމުގެ އިހުސާސް ނާލާއަށް ކުރެވުނެވެ. ރުހައިމްއާ ވަކިވެގެން ދިޔަ ހިތި މަންޒަރު ލޯކުރިމަތިން ތަމްސީލުވާން ފެށިއެވެ. ދިރިއުޅުމާ މެދު އޭނަ ދެކުނު ހުރިހާ ހުވެފެނެއް ބިލާހަކަށް ވެގެން ގޮސްފިއެވެ. ރުހައިމްގެ ފަރާތުން އޭނައަށް ލިބުނީ ވަގުތީ އުފަލެކެވެ. ފިޔަޖަހަމުން ދިޔަ ބިލާހުތަކުން ހަޤީޤަތަށް ލޯހުޅުވާލެވުނު ހިނދު، އޭނަގެ މިތުރަކަށް ވެފައިވަނީ ހިތްދަތިކަމާއި ކަރުނަތަކެވެ. އެވޭނީ ސިލްސިލާއަށް ނިމުމެއް ނުވާ ކަހަލައެވެ.
ނާލާއަށް އޭނަގެ ނިންމުމާ މެދު ފުންކޮށް ވިސްނުން ހިންގާލެވުނެވެ. ރުހައިމްއާ އޭނަގެ ޒަވާޖީ ހަޔާތަށް ނިމުން އައިސްފިކަމުގެ ހިތިކަމާ ކުރިމަތިލާން ނާލާއަށް ޖެހުނެވެ. ތުރުތުރުއަޅަމުން ދިޔަ ތުންފަތުގެ ތެރޭން ވޭނީ އާހެއް ބޭރުވެގެން ދިޔަ އެވެ. އެހިތުގެ ގިސްލުންތައް ބޭރުވާން ފެށިއެވެ. ހިތުގެ ރިހުން ގަދަވެގެން ދިޔަ ވަގުތު ނާލާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. އާހެއްގެ އަޑާއެކުގައެވެ.
''ރުހައިމް...'' ގިސްލުންތަކުގެ ތެރެއިން ނާލާގެ ދުލަށް ރުހައިމްގެ ނަން ވެރިވިއެވެ. މިފަހަރު އެއަޑުގައި ވަނީ ޝަކުވާތަކެވެ. ހިތްދަތިކަމެވެ.
ރޮމުންރޮމުން ގޮސް ނާލާގެ އަރުބެދެން ފެށިއެވެ. ކަރުނަތައް ހުސްވެ ލޮލަށް ހިމޭންކަން ވެރިވެއްޖެއެވެ. އޭރު ވެސް ނާލާއަށް ގިސްލެވެމުން ދިޔަ އެވެ. ހަށިގަނޑުން ވަރު ހުސްވުމުން ޓައިލްސްތަކުގެ މަތީގައި ނާލާއަށް އޮށޯވެވުނެވެ. ދެފައި ގެނެސް މެޔާއި ކައިރިކޮށްލަމުން ކުރުގެޅިލިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުން އޭނަގެ ނޭވާ ހާސްކުރުވިއެވެ. އެކަނިވެރިކަމުގެ ތުނޑުތޫނު ކަށިތައް ވެސް ހިތަށް ހެރިގެން ދިޔައެވެ. ނަމަވެސް އެހާލަތުން އަރައިގަނެވޭނެ ގޮތެއް ނާލާގެ ވިސްނުމަކަށް ނައެވެ. ވަގުތު އޭނައަށް ހުއްޓިފައިވާ ކަހަލައެވެ. ހިތުގެ ހަމަޖެހުން ގެއްލިފައިވާ ކަހަލައެވެ. އުއްމީދެއް މިހާރު އެދެލޮލުގައި ނުވެއެވެ. މުޅި މޫނުމަތިން ވެސް ރަމްޒުކޮށް ދެނީ ހަމަހިމޭންކަމުގެ ވޭނާއި ކެކުޅުމެވެ. އެންމެ ބޮޑަށް ލޯބިވި އަދި އިތުބާރު ކުރި މީހާގެ ފަރާތުން އެހިތަށް ލިބިފައިވަނީ ފަސޭހަވުމެއް ނެތް ޒަހަމްތަކެކެވެ. ލޯބީގެ ދިރުން ގެއްލި ހިތް މަރުވެފައިވާ ފަދައެވެ.
ލަސްލަހުން ނާލާގެ ދެލޯމެރެމުން ދިޔަ އެވެ. ދުނިޔެއަށް ދެން ލޯހުޅުވާލުމުގެ ހިތްވަރެއް ނެތް ފަދައަކުންނެވެ. ހިތުގެ އުދާސްކަމާއި ދުރުވާން ނާލާ ނިކަން ބޭނުން ވިއެވެ. ނަމަވެސް އެއީ މުސްތަހީލުކަމެއްކަން އޭނައަށް ޔަޤީންކުރެވުނެވެ. ހިނދުރީގައި ނޭވާ ވާހާ ހިނދަކު އެހިތް އެދި ހޯދާނީ އެހިތުގެ ވެރިޔާއެވެ. އެންމެ ފަހަރަކު ވިޔަސް އެލޯބީގެ ރާހަތަށެވެ. އެހެނަސް މިއަދު އޭނައަށް މަޖުބޫރުވެފައި އެވަނީ ހަޤީޤަތް ޤަބޫލުކުރާށެވެ. ވޭނީ ދިރިއުޅުމާ ކުރިމަތިލާށެވެ. އަވާމެންދުރެއްގެ ފަހަތުން ދުވަން ވެއްޖެނަމަ އިހުނަށްވުރެން ބޮޑު އަނދިރިކަމެއް ހަޔާތަށް ވެރިވެދާނެއެވެ. މިއަދު އޭނަގެ މާޒީއަށް ރުހައިމް ވެއްޖެއެވެ. އެކުގައި މުސްތަޤުބަލެއް ނުވާކަން ޔަޤީންވެއްޖެއެވެ. ރުހައިމްއާ ވަކިވާން ބޭނުންވެ ފަހުގެ ނިންމުން ވެސް ހާމަކޮށްފިއެވެ. ނަމަވެސް ހިތުގެ ވޭނެއް ނިމުމެއް ނުވާ ކަހަލައެވެ. އޭނައާއެކު ތާއަބަދަށް ރުހައިމްގެ ހަނދާންތައް ވާނެކަން ގައިމެވެ. ހިތުގައި ވޭން އަޅުވާނެކަން ގައިމެވެ. އޭނަ ރުހައިމްގެ ދެކެ ވި މަތިވެރި ލޯބި ސަޒާއަކަށްވެ ނިމިއްޖެއެވެ.
*****
ވެހެމުން ދިޔަ ބޯވާރޭ ތެރޭގައި ސައިކަލު މަތީގައި ރުހައިމް އިނެވެ. އެމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. ލޯކުރިމަތިން ސިފަވަމުން ދިޔައީ އޭނައާއި ނާލާ ވަކިވެގެން ދިޔަ ހިތްދަތި މަންޒަރެވެ. އެވަގުތު އެހިތުގެ ހިމަނާރާ ހަމައަށް ވާސިލުވެގެން ދިޔަ ތަދުގެ އިހުސާސްތައް، ހިތުގައި ޖަހާ ކޮންމެ ވިންދަކާއެކު ގަދަފަދަ ވޭނަކަށް ބަދަލުވަމުން ދިޔަ އެވެ. އޭނައާއި ނާލާ ބައްދަލުކުރި ވަދާޢުގެ ސަލާން ވެގެން ދިޔައީ މުޅި ހަޔާތުގެ ބައްތި ނިއްވާލި ވަގުތުކޮޅަކަށެވެ. ދާނެ ވަކި މަންޒިލެއް ނެތް މުސާފިރަކަށް ރުހައިމް ވެފައިވަނީ އެހެންވެއެވެ. ކަށިން ހިތްވަރު ނެރެގެން ނާލާގެ ގާތަށް އޭނައައީ އެދެމެދުގައި އޮތް ލޯތްބަށް ނަސްރު ލިބިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނައަށް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އޭނަގެ އަމިއްލަ ދެއަތުން ނާލާގެ ހިތް ހަލާކުކޮށްލެވިއްޖެއެވެ. ނިމުމެއް ނުވާ ފުން ޒަހަމްތަކެއް ދެވިއްޖެއެވެ. އެވޭނާއި ތަކުލީފު ނާލާގެ މޫނުމަތިން އޭނަ ދުށްޓެވެ. އެދެލޮލުގައިވި ކަރުނަތަކުން އޭނައަށް ފެނުނީ ޝަކުވާތަކެވެ. ނާއުއްމީދެވެ.
ފުސްވެފައިވި ދެލޮލުން ރުހައިމްއަށް އޭނަގެ އަތްތިލައަށް ބަލައިލެވުނެވެ. އަމިއްލަ ނަފުސުދެކެ ރުހައިމްއަށް ރުޅި އާދެވުނެވެ. ނާލާގެ ހިތުގައި ޖެއްސުނީތީއެވެ. ހިތްދަތިކަންދެވުނީތީއެވެ. ކަރުނައިގެ ދުނިޔެއަކަށް އެކަނި ދޫކޮށްލަން މަޖުބޫރުކޮށްލެވުނީތީއެވެ. މިއަދު ނާލާ އެހުރި ހާލަތާ މެދު ޒިންމާ ނަގަން ޖެހޭނީ ހުދު އޭނައެވެ. ނާލާގެ ހިތްދަތިކަމުގެ ހިއްސާދާރަކީ އޭނައެވެ. ދިރިއުޅުން އެހާލަތަށް ދިޔައީ އޭނައަށް ހެދުނު ގޯސްތަކުންނެވެ. ދޮގަކަށް ފަހު ދޮގެއް ހެދުނީއެވެ. އެއީ އޭނައަށް ހެދުނު އެންމެ ބޮޑު ގޯހެވެ. ވަގުތު އޮތްވާ ހަޤީޤަތާ ކުރިމަތިލިނަމަ މިހާލާތަށް ދިރިއުޅުން ނުދިޔައީސްކަން ކަށަވަރެވެ. ދެރައީ ކުރެވޭ އިތުރުކަމެއް ނެތުމުންނެވެ. އޭނަގެ ސަބަބުން އިތުރު ހިތްދަތިކަމެއް ނާލާއަށް ލިބޭކަށް ވެސް ބޭނުމެއް ނުވިއެވެ. ނާލާގެ ނިންމުމަށް އިހްތިރާމްކުރަން ރުހައިމްއަށް މަޖުބޫރުވީ ދެނެވެ. އޭނައާއެކު ދެން ނާލާއަށް އުފަލެއް ލިބުމެއް ނެތެވެ. ހާދަ ދެރައެވެ.
ރުހައިމްއަށް ބަރުބާރަށް ސައިކަލުގެ ހުންގާނުގައި ޖަހާލެވުނެވެ. ތަކުރާރުކޮށް އޭނަގެ ރުޅިވެރިކަން އަމާޒުކުރެވުނީ ސައިކަލުގެ ހުންގާނަށެވެ. އޭރު އަތް ޒަހަމްވެ ލޭހިލިފައިވިއެވެ. ވާރެޔޭ ލެޔާއި އެކުވަމުން ދިޔަ އެވެ. ދެން ވެސް ރުހައިމްގެ ހިތަށް ޒައްރެއްގެ ފިނިކަމެއް ވެސް ލިބޭ ގޮތެއް ނުވިއެވެ.
''ކީއްވެ މިހެން މިވީ؟...'' ރުހައިމްގެ ވޭނީ ދުލުން ހިތާ ސުވާލުކުރެވުނެވެ. އޭނައަށް ދެލޯމަރާލެވުނެވެ. ލޮލުން ފޭބި ކަރުނަތައް ވާރެޔާ އެކުވެގެން ދިޔައީ އެވެ. ހިތުގެ ވޭނާއި ކުރިމަތިލާން ރުހައިމްއަށް އަނެއްކާ ވެސް އިސްކުރެވުނީ ރުޅިވެރިކަމެވެ. ނާލާއަށް ހަޤީޤަތް އެނގުނު ގޮތަކާ މެދު ރުހައިމްއަށް ވިސްނާލެވުނެވެ. ފުރަތަމަ ފަހަރަށް ޔަޝްފީގެ ނިޔަތާ މެދު ރުހައިމްގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ހުރިހާ ކަމަކަށް ޒިންމާ ނަގަން އޭނަ ހުރީ ތައްޔާރަށެވެ. ހައްލު ހޯދައިދޭން ވެސް އޭނަ ހުރީ ތައްޔާރަށެވެ. އެކަމަށް އޭނަ ވަޢުދު ވެސް ވިއެވެ. ވަޢުދެއްކޮށްފިނަމަ އޭނައަކީ ސާބިތުކަމާއެކުގައި ހުންނަ މީހެކެވެ. ކަން އެހެން އޮއްވާ ނާލާއަށް ހުރިހާކަމެއް ހާމަވެގެން ދިއުމުން ވިސްނާލަން ރުހައިމްއަށް މަޖުބޫރުވިއެވެ. އޭނަ ގާތުން ބަދަލު ހިފަން ޔަޝްފީ އެފަދަ ނުބައި ކުޅިވަރެއް ކުޅެފާނެ ބާވައޭ ރުހައިމްއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. އެފަދަ ނުބައި މީހަކަށް ޔަޝްފީ ވެދާނެ ހެއްޔެވެ؟
ހިތުގެ ރުޅިވެރިކަން ރުހައިމްއަށް އަމާޒުކުރެވުނީ ޔަޝްފީއަށެވެ. އެއާއެކު އޭނަ ސައިކަލު ސްޓާޓްކޮށްލިއެވެ. ސައިކަލު ދުއްވާލުމުގެ ކުރިން ނާއުއްމީދުން ފުރިގެންވި ނަޒަރަކުން ކުރިމަތިން ފެންނަން ހުރި އިމާރާތަށް ރުހައިމް ބަލައިލިއެވެ. ހިތްދަތިކަމާއެކުވެ ރުޅިވެރިކަން ވެސް އެދެލޮލުގައި ވިއެވެ.
ގުގުރުމާއެކު ވެހެމުން ދިޔަ ވާރޭގެ ތެރޭން ރުހައިމް ސައިކަލު ދުއްވާލިއެވެ. ހިތުގައި އޮތް މަންޒިލާ ހަމައަށް ދާން އޭނަ ސައިކަލު ދުއްވަމުން ދިޔައީ ނިކަން ބާރަށެވެ. އެއްވެސް ކަމަކަށް ސަމާލުކަން ދޭން ބޭނުން ނުވާ ހާލުގައެވެ.
*****
ސޯފާގައި ޔަޝްފީ އޮތީ ފޯނާ ކުޅޭށެވެ. ބަލިވުމުގެ ސަބަބުން ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުން އެމޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. ހެނދުނާ ހޮޑުލެވެން ފެށި ގޮތަށް ލުޔެއް ލިބުނީ ދެންމެއެވެ. އެކަމާ ވެސް ޔަޝްފީ ރުޅިގަދަވާން ފެށިއެވެ. ލޯބި ހާސިލްކުރަން އޭނަގެ ޖިސްމުވެސް ޤުރުބާންކުރަން އެވަނީ ޖެހިފައެވެ. ކޮންމެ ފަދަ ހާލަތާކުރިމަތިލާން ޖެހުނަސް އޭނައަށް ރުހައިމް ހާސިލް ވަނިކޮށް އެނިމުނީއެވެ. އެހިތަށް ރާހަތެއް ލިބޭނީ އޭރުންނެވެ. ބާޒީ ކާމިޔާބުކުރަން ހުޝިޔާރުކަމާއެކު އެތުރި ކޮންމެ ރޭވުމެއް އެވަނީ ކާމިޔާބުވެފައެވެ. ދިގު އިންތިޒާރުގެ ނިމުން ނިކަން ވެސް ފޮންޏެވެ. ރުހައިމްގެ ހަޔާތުން އަބަދުގެ އަބަދަށް ނާލާ ބޭރުކޮށްލެވުމުން އެހިތުން ޖާގަ ހުސްކުރެވޭނީ ހަމައެކަނި އޭނަ އަށެވެ. މިހާރުވެސް ނާލާއަށް ވުރެން އޭނަ ވަނީ ހާއްސަވެފައެވެ. އޭނަ މިހާރު އެއިނީ ރުހައިމްގެ ދަރިއަކަށް ބަލިވެއެވެ. އެދަރިފުޅުވެގެން ދާނީ ރުހައިމްއާއި އޭނަ ގުޅުވައިދޭ ބާރަށެވެ.
''ހަޤީޤަތް އެނގުމަށްފަހު ކަންތައް ދިޔައީ ކިހިނެއްބާ؟... އަޅެ އަހަރެން ހާދަ ބޭނުމޭ އެނާލާ ފުރޭތަގަނޑަށް ވާ ގޮތް ބަލަން، އޭނަ ހާދަ ވަރަކަށް ރޯނެޔޭ، ހިތާމަ ކުރާނެޔޭ... ހެހެހެ... އެމަންޒަރު ފެންނާނެ ނަމައޭ ހިތަށް އެބައަރާ... އޭރުން ހިތަށް ފިނިކަން ލިބޭނެ...'' ޔަޝްފީގެ ހިތުގައި ޖޯޝެއް ވިއެވެ. ނާލާއާއި ރުހައިމްއާ ދެމެދު ނިއުޅިގެން ދިޔަ ހައިޖާންގަނޑުގެ މަޢުލޫމާތު އެނގެން އޭނަ ނުހަނު ބޭނުން ވިއެވެ.
''އަހަރެން އެންމެ އިންތިޒާރުކުރި ދުވަސް އައިސް ޖެހިއްޖެ، ފައިނަލީ ޔޫ ވިލް ބީ މައިން ރުހައިމް...'' ޔަޝްފީގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރުހައިމްގެ ހަޔާތުން ނާލާ އެއްފަރާތް ކުރެއްވިއްޖެކަމުގެ އުފާވެރިކަން އެހިތުގައި ވިއެވެ. މިހާރު ވެސް ހުވަފެންތައް ދެކެން ފެށުނެވެ. ރުހައިމްގެ ފަރާތުން ލޯބީގެ ފިނިކަމާއި ލައްޒަތު ލިބެން އޭނަ ހުރީ ކެތްމަދު ވެފައެވެ.
ބާރުބާރަށް ދޮރުގައި ތަޅަން ފެށި އަޑަށް ޔަޝްފީ ދިޔައީ ސިއްސައިގެންނެވެ. އޭނައަށް ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ފިޒާޔާ ވެސް ކޮޓަރިން ނިކުމެއްޖެއެވެ. އެކަކު އަނެކަކާއި ނަޒަރު ބައްދަލުކޮށްލަމުން، ޔަޝްފީ ސޯފާއިން ތެދުވުނެވެ. އޭނަ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ޔަޝްފީގެ ފަހަތުން ފިޒާޔާ ވެސް ދިޔަ އެވެ.
ދޮރުގައި ހުރި ލޯވަޅާއި ޔަޝްފީ ލޯ އަމާޒުކޮށްލިއެވެ. ދެވަނަ ސިކުންތުގައި ލިބުނު ހައިރާންކަމާއެކު އޭނައަށް ދުރަށް ޖެހިލެވިއްޖެއެވެ. ސިހުމުގެ އަސަރު އޭނަގެ މޫމަތިން ފާޅުވިއެވެ.
''ކާކުތަ؟...'' ފިޒާޔާއަށް ލިބުނީ ހައިރާންކަމެވެ.
''ރުހައިމް!...'' ޔަޝްފީއަށް ބުނެވުނެވެ. އެފަދަ ވަގުތެއްގައި ރުހައިމް އައުމުން ޔަޝްފީގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހުނެވެ. ހާސްކަން ވެސް ހިތަށް ވެރިވިއެވެ. ރުހައިމް އޭނައާ ބައްދަލުކުރަން އައި ސަބަބެއް ނޭނގޭތީއެވެ. ބާރުބާރަށް ހުއްޓުމެއް ނެތި ދޮރުގައި ތަޅަމުން ދިއުމުން ކަމަކާ މެދު ރުހައިމް ހިތްހަމަނުޖެހިފައިވާކަން ޔަޝްފީއަށް ޔަޤީންކޮށްލެވުނެވެ. ހިތްނުތަނަވަސްވީ ރުހައިމްގެ ރުޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ނޭނގޭތީއެވެ.
''ފިޒާ ކޮޓަރިއަށް ދޭ...'' ފިޒާޔާއަށް ބަލައިލަމުން ޔަޝްފީ ބުނެލިއެވެ. ''އައިލް ހޭންޑްލް ދިސް...''
ޔަޝްފީއާ ނަޒަރު ބަދަލުކޮށްލި ފިޒާޔާ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ހެނދުނުގެ ވަގުތެއްގައި ރުހައިމް އައުމުން އެހިތުގައި ވެސް ސުވާލު ވިއެވެ. ވަގުތާއި ހާލަތު އޭނައަށް ފުރުސަތު ނުދިނުމުން ފިޒާޔާ ހިޔާރުކުރީ ހިމމޭންކަމެވެ.
ފިޒާޔާ ގޮސް ކޮޓަރިއަށް ވަނުމާއެކު، ޔަޝްފީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަވަސްވެފައިވި ހިތުގެ ވިންދުތައް ހަމައަކަށް އަޅުވާލަމުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ.
ޔަޝްފީއަށް ކުޑަކޮށް ދޮރުހުޅުވާލެވުނުތަނާ، ރުހައިމް ދޮރުގައި އަތް އަޅާ ބާރަށް ކޮއްޕާލައިފިއެވެ. އެއާއެކު އުދުހިގެން ކަހަލަ ގޮތަކަށް ދޮރު ހުޅުވުނެވެ. ކުޑަ ހަޅޭކަކާއެކު ޔަޝްފީއަށް ފަހަތަށް ޖެހިލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.
ވާރެޔާ ތެމި ފޯވެފައި ހުރި ރުހައިމަށް ހައިރާންކަމާއެކު ޔަޝްފީ ބަލައިލިއެވެ. އެމޫނުމަތިން އޭނައަށް ފެނުނީ ރުޅިވެރިކަމެވެ. ދެލޮލުގައި ވެސް ނުރައްކާތެރިކަމުގެ ވިދުވަރެއްވާތަން ފެނުނެވެ. ޔަޝްފީއަށް ބިރުން ގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި ހިންދިރުވާލެވުނެވެ. ރުހައިމް އެދަރަޖައަށް ރުޅިއައިސްފައި ހުރިތަން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ހިތް ބިރުން ގޮސް ރޫރޫއަޅަން ފެށީ ވެސް އެހެން ވެއެވެ.
''ރުހައިމް...'' ޔަޝްފީއަށް ގޮވައިލެވުނެވެ. އެވަގުތު ރުހައިމް އެތެރެއަށް ވަނެވެ. ވާރެޔާ ތެމި ފޯވެފައި ހުރި ރުހައިމްގެ އަންނައުނުތަކުން ފެންތިކިތަޅަމުން ދިޔައެވެ. ޓައިލްސްތަކުގައި ވެސް ފެން ހެދެން ފެށިއެވެ. އެއިން އެއްވެސް ކަމަކަށް ރުހައިމް ސަމާލުކަމެއް ނުދިނެވެ. އޭނައާއި ޔަޝްފީގެ ނަޒަރު ބައްދަލުވުމުން ރުހައިމް އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ.
''ކޮބާތަ ޔަޝްފީގެ ބޭނުމަކީ؟...'' ހަރުކަށިކަމާއެކު ރުހައިމް ސުވާލުކުރިއެވެ. އެއަޑަށް ޔަޝްފީ ދިޔައީ ސިހިގެންނެވެ. މީހާއަށް އިތުރު ހާސްކަމެއް ވެސް ލިބުނެވެ. ރުހައިމްގެ ސުވާލު އޭނައަށް މުޅިން ފަހުމުކުރެވޭ ގޮތެއް ނުވިއެވެ.
''މިހުރިހާ ކަމެއް ދިމާ މިވީ ޔަޝްފީގެ ސަބަބުން...'' ރުހައިމް ކުރިއަށް އަޅާލި ފިޔަވަޅާއެކު ޔަޝްފީއަށް ޖެހިލެވުނީ ފަހަތަށެވެ. ރުހައިމްގެ ރުޅިވެރިކަން ފެނި ޔަޝްފީ ބިރުން ގޮސް ރޫރޫއަޅާ ހިސާބަށް ދިޔަ އެވެ. ހާލަތު ގޯސްވެފައިވާ ގޮތާ މެދު ފައިތިލަ ސާބިތުނުކުރެވުނަސް، ޖެހިލުންވުމުގެ އަސަރުތައް މޫނުމަތިން އޭނަ ސިއްރުކުރިއެވެ. ހުޝިޔާރުކަމާއެކު ހާލަތާ އޭނައަށް ކުރިމަތިލެވޭނީ އޭރުންނެނެވެ.
''ރުހައިމް ތިކިޔާ އެއްޗެއް އަހަންނަށް ސާފުވާނެހެން ބުނެބަލަ...'' ޔަޝްފީ ވެސް ނުރުހުމާއެކު ސުވާލުކޮށްލިއެވެ. އޭނަ ސަމާލުވެ ރުހައިމްގެ މޫނުގެ ކުލަވަރުތައް ދިރާސާކޮށްލިއެވެ. އޭނައަށް އެދެލޮލުން ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވި ހިތްދަތިކަން ފެނުނެވެ. ނާލާއާއި ރުހައިމްއާ ދެމެދު މައްސަލަތައް ހޫނުވެއްޖެކަން އޭނައަށް ޔަޤީންކުރެވުނެވެ. ރުހައިމްގެ ރުޅިވެރިކަމާ ގުޅިފައިވާ ސަބަބު ވެސް އޭނައަށް ހޯދައިގަނެވުނީ ދެނެވެ. ނުތަނަވަސްކަން ހިތަށް ވެރިވީ ރުހައިމްގެ ރުޅިވެރިކަމުން ރެކިގަންނާނެ ގޮތެއް ނޭނގޭތީއެވެ. ނާލާއަށް ހަޤީޤަތް ހާމަކުރަން ފޫގަޅާފައި ހުރި އިރުގައި މިފަދަ ނަތީޖާއެއް ނިކުމެގެން އައިސްފާނެކަމާ މެދު އޭނައަށް ފުންކޮށް ވިސްނައެއް ނުލެވުނެވެ. ނާލާއަށް ހަޤީޤަތް އެނގޭނެ ގޮތަކާ މެދު ރުހައިމް ފުރަތަމަ ވެސް ޝައްކުގެ އިނގިލިދިއްކުރާނީ އޭނައަށް ކަމާމެދު ފިކުރު ހިންގާނުލެވުނީއެވެ. އެއީ އޭނައަށް ހެދުނު ގޯހެއްކަން ޔަޝްފީއަށް ޤަބޫލުކުރެވުނެވެ.
''ހަމަ ނޭނގިގެންތަ ތަ ތިއުޅެނީ؟...'' ރުހައިމް ރުންކުރުވިއެވެ. ''އަހަރެން ޔަޤީންކަން ދީފައި ވަނިކޮށް އެހެން ކަންތައް ކުރީ ކީއްވެ؟... ބަލަ ޖަވާބު ދީބަލަ!...''
ޔަޝްފީގެ ހިމޭންކަމުން ރުހައިމް އިތުރަށް ރުޅިގަދަ ވިއެވެ. ޔަޝްފީ ކަމެއް ފޮރުވަން އުޅެނީ ބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ. އޭނަ ފަރުވާތެރިކަމާއެކު ޔަޝްފީގެ މޫނަށް ބަލައިލިއެވެ. އެމޫނުގެ ޝުއޫރުތައް ދަސްކުރަން ބޭނުން ވެފައެވެ.
''ޖަވާބު ދީބަލަ... އެހުރިހާކަމެއް ހާމަކުރީ ކީއްވެ؟... ނާލާއަށް އެވާހަކަތައް ކިޔައިދިނީ ކީއްވެގެންތަ؟...'' ރުހައިމް ހަޅޭއްލަވައިގަތެވެ. ހޫނުވެފައިވި ލޭގެ ސަބަބުން ރުހައިމްގެ ކަރުގެ ނާރުތައް ވެސް ވަނީ ފުފިފައެވެ.
''ރުހައިމް ތިކިޔާ އެއްޗެއް އަހަންނަކަށް ނޭނގޭ... ނާލާއަށް ކޮންވާހަކައެއްތަ އަހަރެން ކިޔައި ދިނީ؟... ތިހެން އަހަރެންދެކެ ރުޅި އައުމުގެ ހައިސިއްޔަތެއް ރުހައިމްއަށް ލިބިފައި ނުވޭ... ރުޅި އައުން ހައްޤު މީހަކީ އަހަރެން... އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި މީހަކީ ތިއީ... މިއަދު ރުހައިމް އައިސް އަހަންނަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު ކުޑަކޮށް ވެސް ލަދެއް ނުގަނޭތަ؟...'' ޔަޝްފީ އަޑަށް މޮޅިވެރިކަން ގެނެއެވެ.
''ދޮގު ހަދަން ނޫޅޭ!، ޔަޝްފީގެ ފަރާތުން ނޫނީ ނާލާއަށް އެވާހަކަތައް ނެނގޭނެ...'' ރުހައިމް އިންޒާރެއް ދިނެވެ. ރުޅިވެރިކަމާއެކުގައި އޭނަ ޔަޝްފީއާއި ކުރިމަތިލަމުން ދިޔައެވެ. އެދެމެދުގައި ހޫނު ޒުވާބެއްގެ ކޮޅުމަތި ފެންނަން ފެށިއެވެ.
''ކޮން ވާހަކަތަކެއްތަ؟... އަހަރެން ނާލާއަށް އެއްވެސް އެއްޗެއް ކިޔައި ނުދެން، އަމުދުން ކިޔައެއް ވެސް ނުދޭނަން، ނާލާއަށް ހިތްދަތިކަމެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫވޭ......'' ޔަޝްފީ ބުންޏެވެ. މައުސޫމް މީހަކަށް ވާން ޔަޝްފީ މަސައްކަތްކުރިއެވެ. އޭނަގެ ބޮލުގައި ރުހައިމް އަޅުވާ ތުހުމަތުތައް ދޮގުކޮށް އޭނަގެ ހާލަތާ މެދު ވިސްނާލަން ރުހައިމްއަށް ކުރިއަށްވުރެން ބޮޑަށް މަޖުބޫރުކުރުމަށެވެ.
''ދޮގު ހަދަން ނޫޅޭށޭ!!!...'' ޔަޝްފީއާ ދިމާއަށް ޝަހާދަތް އިނގިލިދިއްކޮށްލަމުން ރުހައިމް އަޑުގެ ކޮޅަށް ހަޅޭއްލެވިއެވެ. މާހައުލަށް ނުތަނަވަސްކަން ވެރިވެފައި އޮތްވާ ފިޒާޔާ ކޮޓަރިން ނިކުތެވެ. ޔަޝްފީއަށް މަދަދުވެރިކަން ބޭނުންވެފައިވީތީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލަންށެވެ.
''ޔަޝްފީއެއް ނޫން ނާލާއަށް ހަޤީޤަތް ހާމަކުރީ... އަހަރެން ނާލާއާއި ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނީ...'' ކުއްލިޔަކަށް އިވިގެން ދިޔައީ ފިޒާޔާގެ އަޑެވެ. ރުހައިމްގެ ވެސް ދިޔައީ ސިހިގެންނެވެ. ފިޒާޔާއާ އެތަނުން ބައްދަލުވެދާނެކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ.
''ފިޒާޔާ؟...'' ހައިރާންކަމާއެކު ރުހައިމަށް ބުނެވުނެވެ. އެފަދަ ހާލަތަކަށް އޭނަ ހުރީ ތައްޔާރުވެގެން ވެސް ނޫނެވެ. ހަމައެއާއެކު ފިޒާޔާއަށް ހުރިހާކަމެއްގެ އެނގިއްޖެކަން ހާމަވުމުން ރުހައިމްގެ ހިތަށް ނުތަނަވަސްކަން ވެސް ވެރިވިއެވެ. ހާލަތު ކުރިއަށް ވުރެން ބޮޑަށް ގޯސްވެގެން ހިނގައިދާނެތީއެވެ.
''ރުހައިމް ކަހަލަ މީހަކު އަހަރެންގެ ބޮސްއަކަށް ހުރީތީ ވެސް ލަދުގަނޭ...'' ޔަޝްފީގެ ގާތަށް ހުއްޓިލަމުން ފިޒާޔާ ވާހަކަދެއްކިއެވެ. ފިޒާޔާއަށް ޝުކުރުވެރިކަމުގެ ނަޒަރެއް ޔަޝްފީ ދިނެވެ.
''އަހަންނަށް ހުރިހާ ކަމެއް އެނގުނީ ޔަޝްފީއާ ސުވާލުކޮށްގެން، ވަރަށް އުނދަގުލުން އެނގުނީ ވެސް، ޔަޝްފީ ބޭނުމެއް ނުވި އެއްވެސް ވާހަކައެއް ކިޔައިދޭކަށް، ރުހައިމްގެ ފަރާތުން އިތުރު އަނިޔާއެއް ލިބިދާނެތީ، އެކަމަކު ތާއަބަދަށް އެއްވެސް ކަމެއް ނުފޮރުވޭނެތާ... ޔަޝްފީ ބަލިވެ އިންކަން އެނގުނު ހިސާބުން އަހަންނަށް ޔަޤީންކުރެވުނު ހާލަތު ރަނގަޅެއް ނުވާނެކަން، ރުހައިމްގެ ކިތަންމެ ވަޢުދެއް ވިޔަސް އެވަޢުދު ފުއްދާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް؟، ޔަޝްފީ މުޅި ދުނިޔެއަށް ބަދުނާމުވާނީ ވެސް... އެހެންވެ ނާލާއަށް ހުރިހާކަމެއް ހާމަކުރަން ޖެހުނީ، ރުހައިމްގެ ފަރާތުން ނާލާއަށް ވެސް ދިރިއުޅުމެއް ނުލިބޭނެތީ... ތާއަބަދު އެއްވެސް ކަމެއް ނުފޮރުވޭނެކަން އެނގޭތަ؟...'' ފިޒާޔާ ބުންޏެވެ.
''ރުހައިމް އައިސް މިއަދު އަހަރެންގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އެޅުވީ؟... ކަންތައް ގޯސްވީ ރުހައިމްގެ ސަބަބުން، އެކަމަކު ކުށްވެރިކުރަން ބޭނުންވީ އަހަރެން...'' ކުރެހިފައިވާ އަޑަކުން ޔަޝްފީ ބުނެލިއެވެ. ބާޒީ އޭނަ ބޭނުންވާ ގޮތަށް އަނބުރާލެވުމުން ޔަޝްފީގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެތެރެއިން ހިނިތުންވެވުނެވެ.
ރުހައިމަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް ބަލައިލެވުނީ އިސްޖެހިފައި ހުރި ޔަޝްފީގެ މޫނަށެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި ރުހައިމް ނިކުމެގެން ދިޔައީއެވެ. ފިޒާޔާ ދެއްކި ވާހަކަތަކާއި ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ. ފިޑިއަކަށް ވެއްޖެކަމުގެ އިހުސާސް ވެސް ރުހައިމްއަށް ކުރެވުނެވެ.
*****
''މީގެ ފަހުން ކަލޭ މިގެއަށް އައިސްގެން ނުވާނެ، ކަލޭގެ ސޫރަ ވެސް އަހަރުމެންނަށް ދައްކައިގެން ނުވާނެ، ކަލޭ ބޭނުން ގޮތަކަށް ދިރިއުޅުން ދުނިޔެ ލިބިފައި ތިއޮތީ...'' ފޮށިތަންމަތި ބަންދެގެން ގެއިން ނިކުންނަން ދިޔަ ރުހައިމްއަށް ހަރުކަށިކަމާއެކު ފާރޫޤު ބުނެލިއެވެ. އޭރު ފާރޫޤުގެ ގާތުގައި ސަކީނާ ހުއްޓެވެ. އެއީ ސަކީނާގެ ނިންމުންކަން ޤަބޫލުކުރެވި ފާރޫޤުގެ ހިތަށް ހަމަޖެހުމެއް ލިބިފައި ވިއެވެ. ރުހައިމްގެ ބަދަލުގައި އޭނަ އިހްތިޔާރުކުރީތީއެވެ.
ގެއިން ނިކުންނަން ދިޔަ ރުހައިމަށް ބަލަން ސަކީނާއަށް ހުރެވުނީ އުދާސްކަމެއްގެ ތެރޭގައެވެ. އެދެލޮލުގައި ކަރުނަތައް ވެސް ވިއެވެ. ދަރިފުޅުގެ އަނދިރި މުސްތަޤުބަލާ މެދު އެހިތުގައި ވަނީ ބިރުވެރިކަމެވެ. ތާއަބަދަށް ދަރިފުޅާއި ވަކިވެގެންދާކަމުގެ އިހުސާސްތައް ވެސް ސަކީނާއަށް ކުރެވުނެވެ. ކަންހިނގައިދިޔަ ގޮތުގެ ހަޤީޤަތެއް ވެސް އޭނައަކަށް ނޭނގުނެވެ.
ފަސްއެނބުރި ބަލައިލުމުގެ ހިތްވަރެއް ވެސް ރުހައިމަކަށް ނުލިބުނެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނަ މައިދޮރުން ނިކުތެވެ. ނިކުމެވުނުތަނާ ފުރަގަހުން ބާރަށް ދޮރު ޖެހި އަޑު ވެސް އިވުނެވެ. އެއަށްފަހު ދޮރު ތަޅުލިއަޑު ވެސް މެއެވެ. ފަހުފަހަރަށް ފަސްއެނބުރި ރުހައިމް ބަލައިލިއެވެ. ހިތްދަތިކަންވި ދެލޮލަލާއެކު ކުރިއަށް ހިނގައިގަތީ މަންޒިލެއް ނެތް މީހަކު ފަދައިންނެވެ. އޭނަ ވަށައިގެން ވަނީ އަނދިރިކަމުގެ ސައިލެކެވެ. އެއަނދިރިކަމުން މުޅި މީހާ ހާސްކުރުވިއެވެ.
''މީގެ ފަހުން އޭނަ ހޯދަންވެސް ސަކީނާ މަސައްކަތްކޮށްގެން ނުވާނެ، ބައްދަލުކޮށްގެން ވެސް ނުވާނެ، އެއީ އަހަރުމެންގެ ދަރިއެއް ނޫން، އޭނަގެ ނުބައިކަން ހަނދާންނައްތާލާފައި އޭނަގެ ގާތަށް ދާ ދުވަހަކުން އަހަރެންގެ އަންބަކަށް ނުވާނެކަން ހަނދާންކުރާތި...'' ފާރޫޤު ބަލައިލީ ސަކީނާއަށެވެ. އިންޒާރެއްދޭ ފަދައަކުންނެވެ. އެއަށްފަހު ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބޮޑުކޮޓަރީގައި އެކަނިވެފައި ހުރި ސަކީނާއަށް ސޯފާއަށް ތިރިވެވުނެވެ. އޭރު އެދެލޮލުން ކަރުނަތައް ނީރާލައިފިއެވެ. ހިތްދަތިކަން އެމޫނުގައި ވިއެވެ.
''ކިހިނެއްތަ މިވީ؟... އެހާ ލޯބިން އުޅުނު ދެކުދިން ކުއްލި ގޮތަކަށް ވަކިވެގެންދިޔައީ ކީއްވެތަ؟... ދަރިފުޅާ... ކީއްވެތަ ނާލާގެ ހިތުގައި ޖެއްސީ، އެފަކީރު ހާދަ ވޭނެއް އުފުލާނެޔޭ...'' ތަޤުދީރުގެ ނިޔާއާ މެދު ސަކީނާއަށް ޝަކުވާ ކުރެވުނެވެ.
*****
ރުހައިމްއާއި ނާލާ އެންމެފަހުން ބައްދަލުވީ ވަރި ސާބިތުކުރަން ކޯޓަށް ދިޔަ ދުވަހު އެވެ. އެދުވަހު ވެސް ނާލާ ހުރީ ހިމޭންވެފައެވެ. ދިރުމެއް އެމޫނުމަތިން ނުފެނުނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެހަށިގަނޑު ބަލިކަށިވެއްޖެކަމުގެ ނިޝާންތައް ވެސް ފެންނަމުން ދިޔައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ