ކުޅިވަރު

ޕެނެލްޓީގައި ސޮސިއެދާދު ބަލިކޮށް، ބާސާ ސްޕެނިޝް ސުޕަ ކަޕް ފައިނަލަށް

ޕެނެލްޓީ ޖަހައިގެން ރެއާލް ސޮސިއެދާދު ބަލިކޮށް، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރު ކޮށްފިއެވެ.

ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1ގެ ނަތީޖާއަކުން މެޗު އޮތީ އެއްވަރު ވެފައެވެ. އިތުރު ވަގުތު ނިމުނުއިރުވެސް އެ ނަތީޖާގައި އޮތުމުން ފައިނަލް ދާނެ ޓީމު ޔަގީން ކުރީ ޕެނެލްޓީ ޖަހައިގެންނެވެ. މެޗުން މޮޅުވެ ބާސާއަށް ފައިނަލް ކަށަވަރުވި ޕެނެލްޓީ ޖަހާފައި ވަނީ ޒުވާން ތަރި ރިކޭ ޕުއިގެވެ.

ރޭގެ މެޗުގެ 39 ވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މާޓިން ބްރައިތުވެއިޓާއި އެންޓޮއިން ގްރީޒްމަންގެ ޕާސްތަކާއެކު އުފެއްދި ރަނގަޅު ހަމަލާ ގޯލަށް ވައްދާލީ ފްރޭންކް ޑި ޔޮންގް ބޮލުންނެވެ. އެ ގޯލާއެކު ބާސާއިން ފުރަތަމަ ހާފް ނިންމާލީ ލީޑުގައެވެ. އެހެން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި ސޮސިއެދާދަށް ލިބުނު ޕެނެލްޓީގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ.

އޭރިއާ ތެރެއިން ޑި ޔޮންގް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނެލްޓީގައި ނަތީޖާ ހަމަހަމަ ކޮށްދިނީ މިކެލް އޮޔަރްޒަބަލްއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސޮސިއެދާދުގެ ފުރަތަމަ ދެ ޕެނެލްޓީ ވަނީ ބާސާގެ ގޯލްކީޕަރު މާކް އެންދްރޭ ޓާ ސްޓެގެން މަތަކޮށްފައެވެ. އޭގެ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި ބާސާއަށް ނެގިފައި ނުވަނީ ގްރީޒްމަންއާއި ޑި ޔޮންގްގެ ޕެނެލްޓީވެސް ނާކާމިޔާބު ކޮށްލުމުންނެވެ. ބާސާއަށް އެންމެ މުހިއްމު ޕެނެލްޓީ ޕިއުގު ޖަހާދީ ފައިނަލް ޔަގީން ކޮށްދިންއިރު، ފައިނަލްގައި ނުކުންނަން ޖެހޭނީ ރެއާލް މެޑްރިޑް ނޫނީ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށެވެ.

ސްޕެނިޝް ސުޕަ ކަޕަކީ މިދިޔަ އަހަރު ފަށާފައިވާ ހަތަރު ޓީމުގެ މުބާރާތެކެވެ. މިއަހަރު މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ ހަފްތާ އާދީއްތަ ދުވަހުއެވެ.