އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމެންޓް ގަތުމަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކަށް 13 މިލިއަން ރުފިޔާ ދިނީ ގަވާއިދާ ހިލާފަށް ކަމަށް އެ ހޮސްޕިޓަލުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީ އާއި އިކްއިޕްމެންޓް ގަތުމަށާއި އެ ޑިޕާޓްމަންޓުގެ ގްރީން ޒޯންގެ އިިންޓީރިއާ އަދި ފާނިޝިން މަސަައްކަތްތައް ކުރުމަށް ސިވެކާ ހަވާލުކުރުމަށް ފަހު އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރީ މަސައްކަތުގެ އަގުގެ 15 ޕަސެންޓަށް ވުރެ އިތުރަށެވެ. އެއީ 13.1 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތުން މަސައްކަތުގެ ނުވަތަ ހިދުމަތުގެ ބީލަމުގެ ޖުމްލަ އަދު 250،000 ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމަ، މަސައްކަތް ނުވަތަ ހިދުމަތް ދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ 45 ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ ޖުމްލަ އަގުގެ 15 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރެވިދާނެ އެވެ.

މީގެ އިތުރުން ވެސް ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓުގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކޯޓޭޝަނާއި ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރަށް އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް. އާ ކޯޓޭޝަނެއް ހޯދައި ފިނޭންސް މިނިސްޓްރީން ހުއްދަ ދިން އަގަށްވުރެ 1.2 މިލިއަން ރުފިޔާ ބޮޑުކޮށް އައިޖީއެމްއެޗުން މަސައްކަތް ކުރުވާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ، ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް އައިޖީއެމްއެޗާއި ސިވެކާ ދެމެދުވެފައިވާ އެއްބަސްވުމުގައި އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުގެ ތަފްސީލު ފުރިހަމައަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުތަކަކީ އައިޖީއެމްއެޗުން ދޭ ހިދުމަތްތަކަށް ބޭނުންވަ ފެންވަރުގެ ތަކެތިކަން ކަށަވަރުކުރެވިފައިނުވާއިރު އެތަކެތި ހޯދުމަސް ޖުމްލަ 25.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.