ދުނިޔެ

ވެއްޓުނު ފްލައިޓުގެ ތަހުގީގަށް އެމެރިކާގެ ޓީމެއް އިންޑޮނޭޝިއާއަށް

މުހައްމަދު އައުޒަމް

ވެއްޓުނު ފްލައިޓުގެ ތަހުގީގަށް އެމެރިކާގެ ޓީމެއް އިންޑޮނޭޝިއާއަށް ދިއުމަށް ނިންމާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

62 މީހުންނާއެކު ޖަކާޓާއިން ފުރިތާ އިރުކޮޅެއްގެ ތެރޭ ކަނޑަށް ވެއްޓިފައިވާ ސްރީވިޖާޔާ އެއާގެ ފްލައިޓުގެ ތަހުގީގުގައި ބައިވެރިވަނީ އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޓީމެއްކަމަށް އެގައުމުން ބުނެފައި ވެއެވެ.

ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޓީމުގައި އެކި ދާއިރާތަކުގެ ހާއްސަ ތަޖުރިބާކާރުންގެ އިތުރުން މަތިންދާބޯޓާއި ބެހޭ މާހިރުން ތިބޭނެއެވެ. އަދި އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކުވެސް ޓީމުގައި ހިމެނެއެވެ.

އިންޑޮނޭޝިއާގެ ރެސްކިއު ޓީމުތަކުން ފްލައިޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، މިހާތަނަށް ފްލައިޓުގެ ބައިތަކުގެ އިތުރުން އިންސާނުންގެ ހަށިގަނޑުގެ ބައިތައްވެސް ކަނޑުގެ އަޑިން ވަނީ ނަގާފައެވެ.

ރެސްކިއު ޓީމުން ވަނީ ފްލައިޓުގެ އެއް ކަޅުފޮށި ކަނޑުގެ އަޑިން ނަގާފައެވެ. އަދި ދެވަނަ ކަޅުފޮށި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.