ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓުތައް ލިބޭނެ ކަމުގެ ލިޔުން ދީފައިވާ އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުނުލެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓުތައް ލިބޭނެ ކަމުގެ ލިޔުން ދިނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ވަކި މިންގަނޑުތަކެއް ބެލުމަށް ފަހުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓު ލިސްޓުން އެތައް ބައެއްގެ ނަން އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަށް ފޫޓު ފަސް ފޫޓު ކޮޓަރީގައި ފަސްކުދިން ގޮވައިގެން ދެމަފިރިން އެތަނުގައި ކައިބޮއި، އެތަނުގައި ފާހާނާކޮށް ޑިއުޓީ ބަހައިގެން ނިދާ ގޭގެ އަޅުގަނޑު ދުށިން. އެފަދަ ގޭގެ އެބަހުރި ހާލަތު ބަދަލުވެގެން ފްލެޓު އަތުލާފައި، ނުހައްގުން ދީފައޭ ކިޔާފައި" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގެ ދެ އަހަރު ނިމުނުއިރު ހެދި އެއްވެސް ފްލެޓެއް ނެތް ކަމަށާއި މި ސަރުކާރަށް އުޅެނީ މިހާރު އަޅާފައި ހުރި ފްލެޓުތައްވެސް ހަވާލު ނުރެވިގެން ކަމަށެވެ.

"އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ރައްޔިތުންނަށް މިހާރުން މިހާރަށް ފްލެޓްތައް ހަވާލު ކުރުމަށް. އަނިޔާވެރި ކަމާއެކު ފްލެޓްތައް އަތުލުމުގެ އެއްވެސް ހައްގެއް މި ސަރުކާރަށް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ފްލެޓުތައް ނުދީ ލަސްކުރަމުން ދަނީ ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދިނުމަށް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަން އޭނާއަށް ދީފިނަމަ ތަފާތުކުރުމެއް ނެތި މާލޭގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަން ރައްޔިތުން މިއަދު ގަބޫލު ކުރައްވާނެ ކަމަށެވެ.