ގައުމަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހާއްސަ ސްކޮލާޝިޕެއް ދޭން ނިންމައި، ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕްތައް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
އެމްއެންޔޫ އިން ބުނީ، މިއަހަރު ސްކޮލާޝިޕްތައް ހާއްސަކޮށްފައިވާ ދާއިރާތަކަކީ ފަށާ ތައުލީމުގެ މުދައްރިސްކަމާއި މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިން އާއި އެއާ ކޮންޑިޝަނިންގެ އިތުރުން މެރިޓައިމް ދާއިރާ ކަމަށެވެ.
ސްކޮލާޝިޕް ދެނީ އަންޑަގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ ޑިޕްލޮމާ) ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށް ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.
ބެޗްލާ އޮފް ޕްރައިމަރީ އެޑިއުކޭޝަންގެ ސްކޮލާޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކުން ހޮވާލެވޭ 30 މީހަކަށެވެ. ސެޓިފިކެޓް ތިނެއްގެ އެއާ ކޮންޑިޝަނިން އަދި ސެޓިފިކެޓް ތިނެއް އިން ވެލްޑިން ދިނުމަށް ހަމަޖައްސާފައިވަނީ 12 ފުރުސަތެވެ. މި ހުރިހާ ކޯސްތަކަކީވެސް ފުލްޓައިމް ކޯސްތަކެކެވެ.
އެމްއެންޔޫ އިން ބުނީ، ކޯސްތަކަށް ދަރިވަރުން ހޮވާނީ އެ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެން ކަމަށެވެ. ސްކޮލާޝިޕް ލިބޭ އެއްވެސް ދަރިވަރަކު ކޯސް ފަސްކޮށްފިނަމަ ސްކޮލާޝިޕް ގެއްލޭއިރު ކޯސް ބަދަލުކުރިކަމުގައިވިޔަސް، ސްކޮލާޝިޕް ގެއްލޭނެއެވެ. އަދި ކޯސް ނިމުމުގެ ކުރިން ކިޔެވުން މެދުކަނޑާލައިފި ނަމަ ނުވަތަ ހާޒިރީ 80 އިންސައްތައަށް ވުރެ ދަށްވިޔަސް ސްކޮލާޝިޕް ފައިސާ ދިނުން ހުއްޓާލާނެއެވެ.
ކޯސްތައް އިފްތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ ހުރިހާ ދާއިރާއަކީވެސް ރާއްޖެއަށް ބޭނުންތެރި ދާއިރާތައް ކަމަށެވެ.
"ނެވިކަމަކީ އެކަމާ ނުލައި، ރާއްޖޭގެ ވިޔަފާރިއާއި ދިރިއުޅުން 100 އަހަރު ފަހަތަށް ޖެހޭނޭ ކަމެއް. ރާއްޖޭގެ މީހުން ބޭނުންކުރާ ގިނަ ތަކެއްޗަކީ، ދިވެހީންގެ ބޭހާއި ކާނާއަކީ، ބޭރުން ގެންނަންޖެހޭ ތަކެތި. ދުނިޔެ ހޫނުވުމާ ގުޅިގެން އޭސީގެ ބޭނުންކުރުން ފުޅާވަމުންދަނީ ވަރަށް ބާރު ދުވެއްޔެއްގައި. އަޅުގަނޑުގެ ނަޒަރުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަދި ކޮންމެ ރިސޯޓެއްގައި އޭސީ އަދި ވެލްޑިން ޓެކްނީޝަނުން ތިބެން ޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެންޔޫގެ ސްކޮލާޝިޕްތަކަށް އޮންލައިންކޮށް ކުރިމަތިލެވޭ އިރު، ސްކޮލާޝިޕަށް އެދުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު