ވެއްޓުނު ފްލައިޓުގެ ބައިތައް ފެންނަ ކަނޑު އަޑީގެ ވީޑިއޯއެއް އިންޑޮނޭޝިއާ އިން ދައްކާލައިފިއެވެ.
62 މީހުންނާއެކު ވެރިރަށް ޖަކާޓާއިން ފުރި ސްރިވިޖާޔާ އެއާގެ ފްލައިޓު ވެއްޓިފައިވާ ސަރަހައްދުގެ އަޑިއަށް ނޭވީގެ ޑައިވަރުން ފީނައިގެން ވަނީ ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ނަގަން ފަށައިފައެވެ.
ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އިންޑޮނޭޝިއާގެ ނޭވީ އިން ވަނީ ފްލައިޓުގެ ދެ ކަޅުފޮށި އޮތް ސަރަހައްދު ހޯދިއްޖެ ކަމަށާއި ކަޅުފޮށި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
ފްލައިޓު ވެއްޓުމާއެކު ރެސްކިއު ޓީމުތަކުން ވަނީ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އޮޕަރޭޝަންގައި 2600 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ތަހުގީގު ޓީމުން ވަނީ މިހާރު ހޯދިފައިހުރި ހޯދުންތަކަށް ބަލާނަމަ ފްލައިޓު މޫދުގައި ޖެހުނު ވަގުތު ފުނޑުފުނޑު ވެފައިވާކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.