އެވިޑް ކޮލެޖުގެ ރެކްޓާގެ މަގާމު އުފައްދައި އެ މަގާމަށް މީހަކު އައްޔަންކޮށްފި އެވެ.
މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ އަލަށް އުފައްދާ މަގާމުތަކަށް ހޮވުނު ފަރާތްތަކަށާއި މަގާމު ބަދަލުވި ފަރާތްތަކަށް ވަނީ މަގާމު ހަވާލުކޮށްފަ އެވެ.
އެވިޑް ކޮލެޖުގެ ރެކްޓާގެ މަގާމަށް އައްޔަން ކޮށްފައިވަނީ މީގެ ކުރިން އެ ކޮލެޖުގެ ވައިސް ރެކްޓާއެއްގެ މަގާމުގައި ހުންނެވި ޑރ. ސުނީނާ ރަޝީދެވެ. މިއަދު ވައިސް ރެކްޓާއިންނަށް އައްޔަންކޮށްފައިވަނީ އަހުމަދު ފަޔާޒު އާއި އަލީ ރަޝީދެވެ. އެބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ އަބްދުﷲ މުޝްތާގު ރަޝާދެވެ.
ޑރ. ސުނީނާއަކީ ގައުމީ ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މީގެ އިތުރުން އެ ކޮލެޖުގެ ފެކަލްޓި އޮފް އެޑިއުކޭޝަންގެ އެކްޒެކްޓިވް ޑީން އަކަށް ޑރ. މުހައްމަދު ސޯލިހު އައްޔަންކޮށްފައިވާ އިރު، އެ ކޮލެޖުގެ ކޮލިޓީ އެޝުއަރެންސް ބޯޑުގެ ޑިރެކްޓަރު ކަމަށް އައިޝަތު އީމާން ވަނީ އައްޔަންކޮށްފަ އެވެ. އަދި މިނޫންވެސް މަގާމުތަކަށް މީހުން ވަނީ އައްޔަން ކޮށްފަ އެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި 2000 އަށްވުރެ ގިނަކުދިން އެވިޑް ކޮލެޖްގައި މަތީ މަތީ ތައުލީމް ހާސިލުކުރަމުން ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު