މަސްވެރިންނާއި އޮޑިވެރިންގެ އިތުރުން ދަތުރުވެރިންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ.ގެ ރަށްތަކަށް ދަތުރެއް ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ބުނީ އެ ޓީމު މިމަހުގެ 12 އިން 18ގެ ނިޔަލަށް ހއ. އަތޮޅުގައި ހަރަކާތްތެރިވާނެ ކަމަށާއި އަދި މިމަހުގެ 19 އިން 24ގެ ނިޔަލަށް ހދ. އަތޮޅުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މި ދަތުރުގެ މަގުސަދަކީ ކޮވިޑް 19ގެ މި ހާލަތުގައިވެސް މަސްވެރިންނާއި އޮޑިވެރިންގެ އިތުރުން ދަތުރުވެރިންނަށް ގާތުން ހިދުމަތް ދިނުން ކަމަށާއި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަމުން އަންނަ ފަރާތްތަކަށް މި ހާލަތުގައި އެކި ގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު އޮޑިވެރިންނާއި އޮޕަރޭޓަރުންނާއި އިންޖިނިއަރުންނާއި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާ މަޝްވަރާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ދަތުރުގައި ކުރިއަށްދާނެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، އަލަށް ބަންނަމުން އަންނަ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުން އަންނަ އޮޑިފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ ހިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިބި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި އިންޖީނާއި ސްޕެއާ ޕާޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މި ހާލަތުގައި ތައާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މައުލޫމާތު އޮޑިވެރިންނާ ހިއްސާކުރުން ހިމެނެއެވެ.
އެމްޓީސީސީގެ އާންމު ވިޔަފާރި ފަށާފައިވަނީ، ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށި، އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. އާންމު ވިޔަފާރި ފެށިއިރުވެސް ކުންފުނީގެ މަގުސަދަކަށް ވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އޮޑިވެރިންނަށް މި ދާއިރާއިން ހައްލު ހޯދައިދިނުމާއި، ގާތުން ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު