ޏ. ފުވައްމުލަކުގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވި އަހުމަދު ފައުޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދޫނޑިގަން/ ޔޫރޯ، އުމުރުން 17 އަހަރުގެ ފައުޒާން އިއްޔެ މަރުވީ މިސްކިތްމަގު މާނޭރެ އަތިރި މޫދަށް އެރި އުޅެނިކޮށް، އެ ސަރަހައްދު މޫދަށް އެރި އުޅުނު ކުޑަ ދެ އަންހެން ކުދިން ބާރުގަދަ އޮއިގައި ޖެހި ބޭރަށް ދަމައިގަތް ވަގުތު އެކުދިން ސަލާމަތް ކުރުމަށްފަހުގަ އެވެ. ނަމަވެސް ޖެހި ރާޅަކާއެކު ކަނޑު ތެރެއަށް ބޭރަށް ދަމައިގަނެގެން ފައުޒާން ގެއްލުނެވެ.
އޭނާ ފެނުނީ އޭގެ ގަޑިއިރެއް ފަހުން މޫދު އަޑިންނެވެ. އޭނާ މޫދު އަޑިން ނެގި އިރު ވިންދު ހުރުމުން، ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން މަސައްކަތް ކުރިއެވެ. ނަމަވެސް ފައުޒާންގެ ފުރާނަ ގެއްލުނެވެ.
ފައުޒާންގެ މަރާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިޑާޅުވީ، ފައުޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީ އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވާލާފައިވާ ކަމަށެވެ. އަދި ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ރައީސްގެ ޓުވީޓުގައި ވަނީ ދުއާ ދަންނަވައިފަ އެވެ.
ފައުޒާން ވަކިވެ ދިއުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ.
ދައުލަތުގެ ވެރިންނާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއި އެތައް އާއްމުންނެއް ވެސް އަންނަނީ ފައުޒާންގެ އަގުވަޒަން ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު އޭނާ ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު