ފްލައިޓު ވެއްޓުނު ސަރަހައްދުން އިންސާނުންގެ ގުނަވަންތަކާއި ފްލައިޓުގެ ބައިތަކެއް ފެނިއްޖެއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކް އަށް ދަތުރުކުރި އެފްލައިޓު ވެއްޓުނު ސަރަހައްދު މިހާރު ވަނީ ހޯދިފަ އެވެ.

62 މީހުން ދަތުރުކުރި އެފްލައިޓު ވެއްޓުނު ސަރަހައްދުގައި އިންޑޮނޭޝިއާގެ ނޭވީގެ ޑައިވަރުންގެ ޓީމަކުން ވަނީ ކަނޑުގެ އަޑި ބަލަން ފަށާފައެވެ.

ނޭވީގެ ކޮމާންޑަރު ވަނީ ފްލައިޓުގެ ފިއުސަލާޖް ނުވަތަ މީހުން ތިބޭ ބައި ފެނިފައިވާކަން ޔަގީން ކޮށްދީފައެވެ. އަދި އެއީ ވެއްޓުނު ފްލައިޓުގެ ބައިތައް ކަމަށް މިހާރު ޔަގީން ވެފައިވާކަމަށް ބުނެފައެވެ.

ފްލައިޓުގެ ބައިތަކުގެ އިތުރުން މިހާތަނަށް ދެ ބޮޑީ ބޭގް އެގައުމުގެ ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އާއިލާތަކުގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ނޭވީގެ 28 ބޯޓެއް އެހީގައި ޖަކާޓާއާ 20 މޭލު ދުރުގެ ސަރަހައްދެއް ވެސް މިހާރު ބަލަމުން އަންނަ ކަމަށް ނޭވީއިން މައުލޫމާތު ދީފައިވެއެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ފްލައިޓް ވެއްޓުނު ސަބަބު ހޯދުމަށް ތަހުގީގު ވަނީ ފަށާފައެވެ.